ގައުމީ ރޫހުގައި ކުޅެފިއްޔާ ކާމިޔާބު ލިބޭނެ: ކޯޗު

ސާފް ސުޒުކީ ކަޕްގެ ފައިނަލުގައި މާދަމާ އިންޑިއާ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ނުކުންނައިރު ގައުމީ ރޫހުގައި ނުކުމެ ބުރަކޮށް މަސައްކަތް ކޮށްފިނަމަ ރާއްޖެ އަށް ކާމިޔާބު ލިބޭނެ ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.


ރާއްޖެ އެންމެ ފަހުން ފައިނަލުގައި ކުޅުނީ މީގެ ނުވަ އަހަރު ކުރިން 2009 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގަ އެވެ. އެ ފަހަރު ރާއްޖެ ބަލިވީ ފައިނަލުގައި އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު އަތުން ޕެނަލްޓީ ޖަހައިގެންނެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ވަނީ އިންޑިއާ ބަލިކޮށްފަ އެވެ. އޭގެ ފަހުން މި މުބާރާތުގައި މި ދެ ޓީމުގެ މެދުގައި ކުޅުނު ފަސް މެޗު ވެސް ނިމުނީ އިންޑިއާ ކޮޅަށެވެ.

ފައިނަލުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ބުނީ މިހާތަނަށް ލިބުނު ކާމިޔާބީގެ ހުރިހާ ޝުކުރެއް ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނަށް ހައްގުވާ ކަމަށާއި މާދަމާ ނުކުންނާނީ ހުރިހާ ދިވެހިންނަށްޓަކައި މޮޅެއް ހޯދުމަށް ކަމަށެވެ.

"އިންޑިއާ އަކީ އެއް ބިލިއަން މީހުން. އަހަރެމެންނަކީ ތިން ލައްކައެއްހާ މީހުން. އަހަރެމެންގެ ރަޖިސްޓްރީ ކުރެވިފައި 374 ކުޅުންތެރިން އެބަތިބި. އެކަމަކު މާދަމާ އެ ހުރިހާ ކަމެއް އެހެން ހުއްޓަސް ދަނޑުމަތީގައި ނުކުންނާނީ އިންޑިއާގެ 11 ކުޅުންތެރިންނާއި ރާއްޖޭގެ 11 ކުޅުންތެރިން. ގައުމީ ރޫހުގައި ކުޅެގެން 10 އަހަރު ފަހުން އަހަރެމެންނަށް މި ތަށި ހޯދިދާނެ،" ސެގާޓް ބުންޏެވެ.

ސެގާޓް އެންމެ ފަހުން ސާފްގައި 2015 ވަނަ އަހަރު ފައިނަލުގައި އަފްގާނިސްތާން ގޮވައިގެން ބަލިވީ އިންޑިއާ އަތުންނެވެ. މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ވަނީ އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު އަތުން 2-0 އިން ބަލިވެފަ އެވެ.

"އަފްގާނިސްތާނަކީ 40 އަހަރު ހަނގުރާމަ އޮތް ބައެއް. ރާއްޖެ އަކީ ކުޑަކުޑަ އާބާދީއެއް އޮތް ބައެއް. އަހަރެން ކޮންމެ ފަހަރަކު މި ހުންނަނީ މި ކަހަލަ ޓީމެއްގައި. އިންޑިއާ އަކީ ބޮޑު ގައުމެއް. ގްރޫޕް ސްޓޭޖުގައި އިންޑިއާ އިން މޮޅަށް ކުޅެގެން އަހަރެމެން ބަލިކުރީ. އެކަމަކު އެ މެޗުގައި ގިނަ ޝޮޓް ޖެހީ އަހަރެމެން. އެ ހުރިހާ ކަމެއް ވެސް ބަދަލުވާނެ. އަހަރެންގެ އުއްމީދަކީ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ފަދަ ހިތްވަރެއް މި މެޗުގައި ފެނުން." ސެގާޓް ބުންޏެވެ.

މި ފަހަރުގެ މުބާރާތުގައި އިންޑިއާގެ 23 އަހަރުން ދަށުގެ ކުޅުންތެރިން ކުޅުނު ނަމަވެސް އެއީ ސެގާޓް މާ ބޮޑު ސަމާލުކަމެއްދޭ ކަމެއް ނޫނެވެ.

"ތިހެން ނުބުނޭ. ތޭވީސް އަހަރުން ދަށް ވިޔަސް މި ފަދަ އިންޑިއާ ޒުވާން ޓީމެއް އާޖެންޓީނާ ވެސް ބަލިކޮށްފި. އެހެންވީމަ 23 އަހަރުން ދަށޭ ކިއުމުގެ ބޭނުމެއް ނެތް. ދެން އަނެއްކޮޅުން ބަލާއިރު އަހަރެމެންގެ ތިބީ ސެމީ ޕްރޮފެޝަނަލް ކުޅުންތެރިން. މި ޓީމުގައި ތިބި ކުޅުންތެރިންނަކީ ސަރުކާރު އޮފީސްތަކާއި އެހެން ތަންތަނުގައި 8 ގަޑިއިރުގައި މަސައްކަތްކޮށްފައި އައިސް ކުޅޭ ކުޅުންތެރިން. އެހެންވީމަ އިންޑިއާގައި ކުޅޭ ޕްރޮފެޝަނަލް ކުޅުންތެރިން ހެނެއް ނުވާނެ،" ސެގާޓް ބުންޏެވެ.

"އަހަރެން އެދެން މާދަމާ ބަންގްލަދޭޝް މީހުން ވެސް އަހަރެމެންނަށް ސަޕޯޓްކުރުން. އަހަރެމެން މިއީ މީހުން މަދު ފަޅި."

ސެމީ ފައިނަލުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ވަނީ ރާއްޖޭގެ ނޫސްވެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެކަމަކު މިއަދު އޭނާ ބުނީ ނޫސްވެރިންގެ ވެސް މިހާރު ކުޅުންތެރިންނަށްޓަކައި މަސައްކަތްކުރާ ކަމަށެވެ.

"މިދިޔަ ދުވަސްތަކުގައި އަހަރެން ވަރަށް ހިތްހަމަ ޖެހުނު ނޫސްވެރިން ވެސް ފޯކަސް ކުރީ އަހަންނަކަށް ނޫން. ކުޅުންތެރިންގެ ހައްގުގައި އެ މީހުން ވެސް ތިބީ ކުޅުންތެރިންގެ ފަހަތުގައި. އެވެސް ރަނގަޅެއް،" ސެގާޓް ބުންޏެވެ.

މި ފަހަރުގެ މުބާރާތް ކާމިޔާބު ކުރުމަކީ ލާޒިމް ކަމެއް ނޫން ކަމަށް އެފްއޭއެމުން މީގެ ކުރިން ވަނީ ބުނެފަ އެވެ. ސެގާޓް ބުނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް އޭނާއާ މަޝްވަރާ ކުރިއިރު ވާހަކަ ދައްކާފައިވަނީ އެ ގޮތަށް ކަމަށެވެ.

"އަހަރެންގެ ރައީސް ބައްސާމް ވެސް ލާޒިމެއް ނުކުރޭ މި މުބާރާތް ކާމިޔާބު ކުރަން. މިއީ ޒުވާން ޓީމެއް. އެކަމަކު އަހަރެން ބޭނުން މި ކުޅުންތެރިންނަށްޓަކައި މި ކާމިޔާބީ ހޯދަން. ނުވަ އަހަރަށް ފަހު ފައިނަލެއް މި ކުޅެނީ. މި ހިސާބަސް އައިއިރު މި ކުޅުންތެރިން ވަރަށް ހިތްވަރުކޮށްފި. އެހެންވީމަ އަހަރެން ބޭނުން މި ކާމިޔާބީ ހޯދަން ވެސް،" ކުރިން ޖޯޖިއާ އަށް ވެސް ކޯޗުކޮށްދިން ސެގާޓް ބުންޏެވެ.

ގްރޫޕް ސްޓޭޖުގައި ދަށްވުމުގެ ސަބަބުން ރާއްޖެ އަށް ސެމީގެ ޖާގައެއް ލިބުނީ ގުރުއަތުލައިގެންނެވެ. އެކަމަކު ނޭޕާލާ ދެކޮޅަށް ދެއްކި މޮޅު ކުޅުމާ އެކު ފައިނަލުން ފުރުސަތު ހޯދީ އެވެ. ސެގާޓްގެ ނަޒަރުގައި މި ފައިނަލަށް އައުމުގެ އެންމެ ބޮޑު ރޯލެއް އަދާކުރީ ކުޅުންތެރިންގެ އެއްބައިވަންތަ ކަމެވެ.

ރާއްޖެ އާއި އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު ކުޅޭ ފައިނަލް މެޗު އޮންނާނީ މާދަމާ އިރުއޮއްސި 6 ޖަހާއިރު އެވެ.