ކުރީގެ ވޮލީ ކުޅުންތެރިން ބޭރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފި

ފުރަތަމަ ފަހަރަށް ބާއްވާ އޭޝިއާ ޕެސިފިކް މާސްޓާސް ގޭމްސްގައި ރާއްޖޭގެ ކުރީގެ ވޮލީބޯޅަ ކުޅުންތެރިން ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފި އެވެ.


މެލޭޝިއާގެ ޕިނޭންގައި ކުރިއަށްދާ މި ގޭމްސްގައި ވާދަކުރަމުން އަންނަ މޯލްޑިވްސް ވޮލީބޯލް ވެޓްރަންސް (އެމްވީވީ) ޓީމުން ވަނީ 45 އަހަރުން މަތީގެ އުމުރުފުރާގެ އިންޑޯ ވޮލީ ޗެމްޕިއަންކަން ހޯދައިފަ އެވެ. އިއްޔެ ކުޅުނު ފައިނަލް މެޗު އެ ޓީމު ކާމިޔާބުކުރީ ސްވިސް-އޮސްޓްރޭލިއާ ޓީމު އަތުން 2-1 ސެޓުން މޮޅުވެގެންނެވެ.

އިސްމާއިލް ޝިހާބްގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު މި ޓީމުގެ އެހެން ކުޅުންތެރިންގެ ތެރޭގައި އަހުމަދު އަނީސް (ތަރި އަނީސް) އާއި މުހައްމަދު ނަދީމާއި ނިޒާރު އިބްރާހިމް އަދި އިސްމާއިލް ޝިހާމް (ސަޑިއްކެ) ހިމެނެ އެވެ. ކޯޗަކީ ފިނިވާ އަބްދުލްހަމީދެވެ.

ރާއްޖޭގެ 40 އަހަރުން މަތީގެ ޓީމުން ވަނީ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. އެ ޓީމަށް ކުޅޭ ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ ޝާމިލް އާދަމާއި ފަހުތުﷲ ވަހީދު (ފައްލޯ) އާއި އިސްމާއިލް ރިފާއު (ޗިޗޫ) އަދި އިބްރާހިމް އާދިލް (ކޮއްކޮ) ހިމެނެ އެވެ.

މުބާރާތުގެ ބީޗް ވޮލީ އިވެންޓުން ރާއްޖޭގެ ކުޅުންތެރިން ވަނީ ރަން މެޑަލަކާއި ހަތަރު ރިހި މެޑަލް އަދި އެއް ލޯ މެޑަލް ހޯދައިފަ އެވެ. ސާޅީސް އަހަރުން މަތީގެ ބީޗް ކުއަޓްރޯ ކެޓަގަރީން ރާއްޖޭގެ ފައްލޯ، ޗިޗޫ، އަހުމަދު ނިޒާމް، ސޯދިގު، ފަލާހް އިބްރާހިމް އަބޫބަކުރު އަދި ކޮއްކޮގެ ޓީމުން ރަން މެޑަލް ހޯދީ ރާއްޖޭގެ އެހެން ޓީމެއް އަތުން މޮޅުވެގެންނެވެ. ރިހި މެޑަލް ހޯދި އެ ޓީމަށް ކުޅުނީ ޝާމިލާއި ނިޒާރާއި ޖަމާލާއި އިބްރާހިމް ރަޝީދު އަދި ހުސެއިން ނައީމާއި އަހުމަދު ވަހީދެވެ.

މުބާރާތުގެ 50 އަހަރުން މަތީގެ ބީޗް ކުއަޓްރޯ ކެޓަގަރީން ރިހި މެޑަލް ހޯދިއިރު އެ ޓީމުގައި ހިމެނުނީ ތަރި އަނީސް، އިސްމާއިލް ޝިހާބް، އަހުމަދު ޝަރީފް (ކަފަ)، ސަޑިއްކެ އަދި އީސާ އަލީ އެވެ.

އޭޝިއާ ޕެސިފިކް މާސްޓާސް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ 40 އަހަރުން މަތީގެ ކުޅުންތެރިން.

ބީޗް ޕެއާ އިވެންޓްތަކުގެ ތެރެއިން އިސްމާއިލް ޝިހާބާއި ސަޑިއްކެގެ ޕެއާ އިން 50 އަހަރުން މަތީގެ ކެޓަގަރީން ރިހި މެޑަލް ހޯދިއިރު އެ ކެޓަގަރީން އީސާ އަލީ އާއި މުހައްމަދު ރަޝީދުގެ ޕެއާ އިން ލޯ މެޑަލް ހޯދި އެވެ. އަދި ސައީދު އަލީ އާއި ތަރި އަނީސްގެ ޕެއާ އިން 55 އަހަރުން މަތީގެ ބީޗް ޕެއާ ކެޓަގަރީން ރިހި މެޑަލް ހޯދި އެވެ.

މިއީ މީގެ އަހަރެއްހާ ދުވަސް ކުރިން އުފެދުނު އެމްވީވީން ވާދަކުރި ރަސްމީ ފުރަތަމަ މުބާރާތެވެ. އެކަމަކު އެ ޖަމިއްޔާގެ ސީނިއާ ނައިބް ރައީސް ތަރި އަނީސް ވިދާޅުވީ މަގުސަދަކީ މުބާރާތްތަކުގައި ވާދަކުރުން ނޫން ކަމަށާއި ވޮލީބޯޅައަށް ކުރިއެރުވުމަށް އަތެއް ދިއްކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ކުރީގެ ވޮލީ ކުޅުންތެރިން އަލުން ވޮލީ ކޮމިއުނިޓީގެ ތެރެއަށް ގެނެސް، ވޮލީގެ ކުރިއެރުމަށް މަސައްކަތްކޮށް އެސޯސިއޭޝަނަށް އެހީތެރިވުން،" އޭނާ ވިދާޅުވި އެވެ. "މިހާރު ކުޅިވަރުގައި އެންމެ ބޮޑަށް މަދުވަނީ ޑިސިޕްލިން. އަޅުގަނޑުމެންގެ ބޭނުމަކީ މުޅިން އާ ޖެނެރޭޝަނެއްގެ ކުޅުންތެރިން އަންނައިރު އެ ކުޅުންތެރިންގެ ކިބައިގައި އެކަހަލަ ކަންކަން ހަރުލެއްވުން."

އަނީސް ވިދާޅުވީ ޖަމިއްޔާ އިން މިހާރު ވެސް ތ. އަތޮޅާއި ރ. އަތޮޅުގައި ވޮލީގެ ތަމްރީން ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށާއި އެ މަސައްކަތް އަދިވެސް އޮތީ ކުރިއަށް ކަމަށެވެ.

"އެކަންކަން ކުރިއަށް ގެންދިއުމަށް މެމްބަރުން އެކްޓިވްކޮށް ބޭތިއްވުމަށް އެބަޖެހޭ މެމްބަރުން ވެސް މޯޓިވޭޓްކުރަން. އެގޮތުގެ މަތިން ބައިވެރިވާ މުބާރާތެއް މިއީ،" އޭނާ ވިދާޅުވި އެވެ.

މުޅި ދުނިޔެއަށް މަޝްހޫރު މާސްޓާ ގޭމްސްގެ އޭޝިއާ ޕެސިފިކްގެ ފުރަތަމަ އެޑިޝަނުގައި 22 ކުޅިވަރެއްގައި ތިރީހަކަށް ގައުމުން ވާދަކުރެ އެވެ.