އިޓަލީ އާއި ޔޫކްރޭން އެއްވަރުވެއްޖެ

ޖެނޯއާ (އޮކްޓޯބަރު 11) – ޖެނޯއާގެ ބްރިޖެއް ވެއްޓި މަރުވި މީހުންގެ ހަނދާންތައް އާކުރި، އެކުވެރިކަމުގެ މެޗެއްގައި ރޭ އިޓަލީ އާއި ޔޫކްރޭން 1-1 އިން އެއްވަރުވެއްޖެ އެވެ.


މިދިޔަ އޮގަސްޓް މަހު ޖެނޯއާގެ މޮރާންޑީ މޮޓޯވޭގެ ބައެއް ވެއްޓި 43 މީހުން މަރުވެ އެތައް ބަޔަކަށް އަނިޔާވި އެވެ. ރޭގެ މެޗު ކުޅުނީ ޖެނޯއާގައި ހުންނަ ޖެނޯއާ ފުޓްބޯޅަ ކްލަބާއި ސަމްޕްޑޯރިއާގެ ސްޓޭޑިއަމް ކަމަށްވާ ސްޓޭޑިއޯ ލުއިޖީ ފެރާރިސްގަ އެވެ. މަރުވި މީހުންގެ ހަނދާނުގައި، މެޗުގެ 43 ވަނަ މިނެޓުގައި މެޗު މެދުކަނޑާލައި ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުން ވަނީ ހަނދާންތައް އާކޮށްފަ އެވެ.

ސަމްޕްޑޯރިއާ އަށް 15 އަހަރު ކުޅެފައިވާ އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނީ އެ ހާދިސާ އަކީ ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރުވި ހާދިސާއެއް ކަމަށެވެ. ޔޫކްރޭނުގެ ކޯޗު އަދި ކުރިން އިޓަލީގެ އޭސީ މިލާނަށް ކުޅުނު އެންޑްރީ ޝެވްޗެންކޯ ބުނީ މިވަރުގެ ހިތާމައެއް ސިފަކުރާނެ ބަސްތަކެއް ހޯދަން އުނދަގޫކަމަށެވެ.

ރޭގެ މެޗުގައި ލީޑު ހޯދީ އިޓަލީންނެވެ. އެ ގޯލް 55 ވަނަ މިނެޓުގައި ޖެހީ އަލެސަންދްރޯ ފްލޮރެންޒީ ދިން ޕާހަކުން ފެޑެރިކޯ ބާނަޑެސްކީ އެވެ. އޭގެ ހަތް މިނެޓު ފަހުން ޔޫކްރޭނަށް އެއްވަރުކޮށްދިނީ ރުސްލަން މަލިނޮވްސްކީ އެވެ.

މި ނަތީޖާއާ އެކު އިޓަލީން މިދިޔަ 12 މެޗުން އެ ލިބުނީ އެންމެ ދެ މޮޅެވެ. އާ ކޯޗު ރޮބާޓޯ މަންޗިނީއާ އެކު ވެސް އަދި މުޅިން ހަމަޔަކަށް ނޭޅެ އެވެ. އެ ޓީމަށް ދެން އޮތީ ޔުއެފާ ނެޝަނަލް ލީގުގައި އާދީއްތަ ދުވަހުގެރޭ ޕޮލެންޑާ ދެކޮޅަށް ކުޅޭ މެޗެވެ.