މޮނާކޯގެ ކޯޗަކަށް އޮންރީ ގެންނަނީ

މޮންޓެ ކާލޯ (އޮކްޓޯބަރު 11) – ލިއޮނާޑޯ ޖާޑިމް ބަދަލުގައި މޮނާކޯގެ ކޯޗަކަށް ކުރީގެ ފޯވާޑް ތިއެރީ އޮންރީ ގެންނަން ވާހަކަ ދެކެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ނުވަ މެޗުން ހަ ޕޮއިންޓް ލިބި މޮނާކޯ އޮތީ ފްރާންސް ލީގުގެ ފުލުން ތިން ވަނައިގަ އެވެ. އެ ޓީމުގެ ކޯޗުގެ މަގާމުން ޕޯޗުގަލްގެ ޖާޑިމް ވަރަށް އަވަހަށް ވަކިކުރާނެ ކަމަށް ބެލެވެ އެވެ.

އުމުރުން 41 އަހަރުގެ އޮންރީ ވަނީ އެސްޓަން ވިލާގެ ކޯޗުގެ މަގާމަށް ވެސް ޝޯޓްލިސްޓްކުރި އެވެ. އެކަމަކު ސްޓީވް ބްރޫސްގެ ބަދަލުގައި އެ ޓީމުން ޓީމު ހަވާލުކުރީ ޖޯން ޓެރީ އާއި ޑީން ސްމިތާ އެވެ.

ނިމިގެން ދިޔަ ވޯލްޑް ކަޕުގައި ވާދަކުރި ބެލްޖިއަމް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި އޮންރީ ސީނިއާ ކެރިއަރު 1994 ވަނަ އަހަރު ފެށީ މޮނާކޯ އިންނެވެ. އެ ޓީމަށް 1997 ވަނަ އަހަރު ފްރާންސްގެ ޗެމްޕިއަންކަން ހޯދައިދިން އޮންރީ ފަހުން އާސެނަލަށް ބަދަލުވެ އެ ކްލަބާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިނެވެ.

މޮނާކޯއާ 2014 ވަނަ އަހަރު ހަވާލުވި ޖާޑިމް އެ ޓީމަށް ހޯދައިދިން ހަމައެކަނި ކާމިޔާބަކީ 2017 ވަނަ އަހަރުގެ ފްރެންޗް ލީގެވެ. އަދި އެ އަހަރު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ގެންގޮސްދިނެވެ. އެކަމަކު ގިނަ ބަޔަކު އޭނާ ފާހަގަކުރަނީ ކީލިއަން އެމްބާޕޭ، ތޯމަސް ލޭމާ، ބެނާޑޯ ސިލްވާ އަދި ބެންޖަމިން މެންޑީ މެން ފަދަ ކުޅުންތެރިން ކުރިއެރުވި ކޯޗުގެ ގޮތުގަ އެވެ.