އާސެނަލް މޮޅުވިޔަސް ކޯޗު ހިތްހަމަނުޖެހިފައި

ބޯންމައުތު، އިންގްލެންޑް (ނޮވެމްބަރު 26) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމައުތު އަތުން 2-1 އިން އާސެނަލް މޮޅުވި ނަމަވެސް ފަހަކަށް އައިސް އެ ޓީމުން ނެރެމުން އަންނަ ނަތީޖާތަކާ މެދު ކޯޗު އުނާއި އެމެރީ ހިތްހަމަނުޖެހުންފާޅުކޮށްފި އެވެ.


ރޭގެ މެޗާ އެކު ހުރިހާ މުބާރާތެއްގައި ބަލިނުވެ 17 މެޗު ހަމަކުރި އާސެނަލް ވަނީ ލީގުގެ ހަތަރެއްގައި އޮތް ޗެލްސީއާ ޕޮއިންޓަކާ ގާތަށް ޖެހިލައިފަ އެވެ. ޗެލްސީ 13 މެޗުން 28 ޕޮއިންޓާ އެކު ހަތަރެއްގައި އޮތްއިރު ފަސް ވަނައިގައި އޮތް އާސެނަލަށް 13 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ.

އާސެނަލުން ރޭގެ މެޗުގައި ލީޑުނެގީ 30 ވަނަ މިނިޓްގައި ބޯންމައުތަށް ކުޅޭ ކޮލަމްބިއާގެ މިޑްފީލްޑަރު ޖެފަސަން ލެމާ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބޯންމައުތަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ފޯވާޑް ޖޯޝުއާ ކިންގް އެވެ.

ދެ ވަނަ ހާފުގައި އާސެނަލް މޮޅުކޮށްދިން ލަނޑު ޖެހީ ގެބޮންގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަން އެވެ. އޭނާ މި ލަނޑު ޖެހީ ސީޑް ކޮލަސިނަޗް ދިން ބޯޅައަކުންނެވެ. މި މެޗުގައި އާސެނަލަށް ކުޅޭ އާރްމީނިއާގެ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން އަތުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ގެއްލިފަ އެވެ.

މެޗަށް ފަހު އާސެނަލްގެ ކޯޗު އެމެރީ ބުނީ ބަލިނުވެ 17 މެޗު ހަމަކުރެވުނަސް ބައެއް މެޗުތަކުގައި އޭނާ ބޭނުންވާ ނަތީޖާ ނުނެރެވުމުން ހިތްހަމަނުޖެހޭ ކަމަށެވެ.

"ތެދެއް. އަހަރެމެން 17 މެޗުން ބައްޔެއް ނުވޭ. އެކަމަކު އޭގެ ފައިދާ އަހަރެމެންނަށް އެންމެ ރަނގަޅަށް ނެގިފައި ނެތް. މުހިއްމު މެޗުތަކެއްގައި އަހަރެމެން ވަނީ އެއްވަރުވެފައި. އެކަމާ މެދު ކޯޗެއްގެ ހައިސިއްޔަތުން އަހަރެން ހިތްހަމައެއް ނުޖެހޭ،" ކުރިން ޕީއެސްޖީ އާއި ސެވިއްޔާއާ އެކު ކާމިޔާބީތަކެއް ހޯދި އެމެރީ ބުންޏެވެ.

އެންމެ ފަހުން ކުޅުނު ތިން މެޗުން ބޯންމައުތު ވަނީ ބަލިވެފަ އެވެ. އެ ޓީމަށް ދެން އޮތީ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗެވެ.

ލީގުގައި ރޭ ކުޅުނު މެޗުން ވުލްވްސް ވަނީ އަމިއްލަ ދަނޑުގައި ހަޑްސްފީލްޑް ޓައުން އަތުން 2-0 އިން ބަލިވެފަ އެވެ. މި މެޗުގައި ހަޑްސްފީލްޑްގެ ދެ ގޯލު ޖެހީ ކުރިން ސިޓީ އަށް ކުޅުނު އޮސްޓްރޭލިއާ ގައުމީ ޓީމުގެ މިޑްފީލްޑަރު އާރޮން މޫއީ އެވެ.