"ރޮނާލްޑޯ ދެކެ ކޮންމެ ޓީމަކުން ވެސް ޖެހިލުންވާނެ"

ވެލެންސިއާ، ސްޕެއިން (ނޮވެމްބަރު 27) - ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހުންނަ ޓީމަކާ ދެކޮޅަށް ކުޅެން ކޮންމެ ޓީމަކުން ވެސް ޖެހިލުންވާނެ ކަމަށް ޗެމްޕިއަންސް ލީގުގައި މިރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ ވެލެންސިއާގެ ކޯޗު މާސެލީނިއޯ ގާސިއާ ބުނެފި އެވެ.


ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ޖާގައެއްގެ އުއްމީދު ބޮޑުކުރަން މިރޭ ރަށުން ބޭރުގައި ވެލެންސިއާ ނުކުންނާނީ ޔުވެންޓަސްއާ ދެކޮޅަށެވެ. ކޮންމެ ޓީމަކަށް ބާކީ ދެ މެޗު އޮތްއިރު ޔުވެންޓަސް މި ވަގުތު އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑްގެ ހަތް ޕޮއިންޓް އޮތްއިރު، ތިން ވަނައިގައި ވެލެންސިއާ އޮތީ ފަސް ޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި އޮތް ސްވިޒަލެންޑްގެ ޔަންގް ބޯއީސް އަށް އޮތީ އެއް ޕޮއިންޓެވެ.

ވެލެންސިއާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ޔުވެންޓަސް 2-0 އިން މޮޅުވި ނަމަވެސް ރޮނާލްޑޯ އަށް ސީދާ ރަތް ކާޑެއް ދެއްކީ ބޯޅަ ނެތީސް ވެލެންސިއާގެ ޑިފެންޑަރު ޖެއިސަން މުރީއޯއާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ. އޭރިއާ ތެރެއިން މުރީއޯ އާއި ރޮނާލްޑޯ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި މުރީއޯ ވެއްޓުނު ވަގުތު އޭނާ ބޮލުގައި ރޮނާލްޑޯ އަތްލަ އެވެ. ރޮނާލްޑޯ އަށް ރަތް ކާޑު ދައްކަން މެޗުގެ ރެފްރީ ނިންމީ ގޯލުގެ ރޮނގު ކައިރީގައި ހުންނަ އޮފިޝަލުގެ ލަފާ ހޯދުމަށް ފަހު އެވެ.

"އަހަންނަށް ހިއެއް ނުވޭ ރޮނާލްޑޯ ހުންނާނީ އެ ކަމުގެ (ރަތް ކާޑު) ގެ ބަދަލުހިފުމުގެ ވިސްނުމުގައިހެން. އޭނާ އަކީ އެ އަށް ވުރެ ޕްރޮފެޝަނަލް ކުޅުންތެރިއެއް. ސްޕެއިންގެ ކްލަބްތަކަށް ރޮނާލްޑޯގެ ފެންވަރު އެނގޭނެ. އަނެއްކޮޅުން ރޮނާލްޑޯ ހުރި ޓީމަކާ ދެކޮޅަށް ކުޅެން ކޮންމެ ޓީމަކުން ވެސް ޖެހިލުންވާނެ،" މިރޭގެ މެޗުގެ ކުރިން މާސެލީނިއޯ ބުންޏެވެ.

"އެކަމަކު ހަމައެކަނި ރޮނާލްޑޯ އަށް ވިސްނައިގެނެއް ނޫން އަހަރެމެން މެޗަށް ނުކުންނާނީ. އެއީ ދެން ވެސް އެ ޓީމުގައި ތިބީ މަޝްހޫރު ކުޅުންތެރިން. މިއީ ހުރިހާ ވަގުތަކު ސަމާލުވެގެން ކުޅެވޭނެ މެޗެއް."

ޔުވެންޓަސް އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. މާސެލީނިއޯ ބުނީ އެ މެޗުން ވަރަށް ގިނަ ކަންތައްތަކެއް ފެނިގެންދިޔަ ކަމަށާއި ޔުވެންޓަސްގެ ބަލިފައިތައް ވަރަށް ރަނގަޅަށް ދެނެގަނެވިފައިވާ ކަމަށެވެ.

ޔުވެންޓަސް އާއި ވެލެންސިއާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 1 ޖަހާއިރު އެވެ.