ދެކުނު އޭޝިއާ ޔޫތު ބެޑްމިންޓަން ފައިނަލަށް ރާއްޖޭގެ ދެބެން

ނޭޕާލުގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގެ ވިމެން ޑަބަލްސް އިވެންޓުގެ ފައިނަލުން ރާއްޖޭގެ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ ފުރުސަތު ހޯދައިފި އެވެ.


މިދިޔަ އަހަރު އޮތް މި މުބާރާތުގެ ފައިނަލުގައި ކުޅެގެން ނަބީހާ އާއި ނަބާހާގެ ޕެއާ ބަލިވިއިރު، ފައިނަލުގައި ކުޅެ ރިހި މެޑަލް ހާސިލްކުރުން ވެގެންދިޔައީ ރާއްޖޭގެ ބެޑްމިންޓަނަށް ބޮޑު ކުރިއެރުމަކަށެވެ. އެއީ ސަރަހައްދީ ފެންވަރުގައި އޯޕަން އިވެންޓަކުން ބެޑްމިންޓަނުގައި ރާއްޖެ އަށް ލިބުނު ފުރަތަމަ މެޑަލް ކަމަށްވާތީ އެވެ.

މި ފަހަރުގެ މުބާރާތުގެ ފައިނަލުން ނަބާހާ އާއި ނަބީހާގެ ޕެއާ ޖާގަހޯދީ މިއަދު ކުޅުނު ސެމީގައި ބަންގްލަދޭޝްގެ ރޭޝްމާ އަކްތަރު އާއި އުރްނީ އަކްތަރުގެ ޕެއާ އަތުން މޮޅުވެގެންނެވެ. ނަބީހާ އާއި ނަބާހާގެ ޕެއާ ސެޓުތައް ގެންދިޔައީ 21-14، 21-15 އިންނެވެ. މާދަމާ ކުޅޭ ފައިނަލުގައި ނަބީހާ އާއި ނަބާހާ ނުކުންނާނީ އިންޑިއާގެ ޕެއާ އެއް ކަމަށްވާ ޕޫރްވާ ބާވޭ އާއި ތަނީޝާ ކްރާސްތޯއާ ދެކޮޅަށެވެ.

މި ފަހަރުގެ ގައުމީ ޗެމްޕިއަންކަން ހޯދި ނަބާހާ ވަނީ އަންހެން ސިންގަލްސް ބައިގެ ސެމީ ފައިނަލުގައި ކުޅެ، ލޯ މެޑަލް ހާސިލްކޮށްފަ އެވެ. ސެމީގައި އޭނާ ބަލިވީ އިންޑިއާގެ މަލްވި ބެންސޯޑް އަތުންނެވެ. އޭނާ ސެޓުތައް ގެންދިޔައީ 21-09، 21-14 އިންނެވެ.

ނަބީހާ އާއި ނަބާހާގެ އިތުރުން މި ފަަހަރު މި މުބާރާތުގައި ކުޅުނު ރާއްޖޭގެ ޓީމުގައި ހިމެނެނީ ނިބާލް އަހުމަދާއި މުހައްމަދު އާކިފް، މުހައްމަދު ރަފާހު އަދި މާޝާ ރަޝީދު އެވެ.

މި ފަހަރުގެ ސާކް މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ ކުޅުންތެރިން. -- ފޮޓޯ: ބެޑްމިންޓަން އެސޯސިއޭޝަން

ސާކް ޖޫނިއާ މުބާރާތުގެ އިތުރުން މި މަހު ބެޑްމިންޓަން ޓީމު އިތުރު ދެ މުބާރާތެއްގައި ވާދަކުރާނެ އެވެ. އެއީ ނޭޕާލް އިންޓަނޭޝަނަލް ސީރީސް އާއި ބަންގްލަދޭޝް މުބާރާތުގަ އެވެ. މިދިޔަ އަހަރު މި މުބާރާތުގައި ރާއްޖޭން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.

އަންނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރާއްޖެ އަށް ބެޑްމިންޓަނުން ރަން މެޑެއްޔެއް ގެނައުމަށް ޓާގެޓް ކަނޑައަޅައިގެން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން އަންނަނީ ގިނަ ކަންތައްތަކެއް ކުރަމުންނެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އެ އެސޯސިއޭޝަނުން އަންނަނީ ބައިނަލްއަގްވާމީ މެޗުތައް ކުޅުމުގެ ފުރުސަތު ކުޅުންތެރިންނަށް އިތުރުކޮށްދޭން ބޭރުގެ ގިނަ މުބާރާތްތަކެއްގައި ވާދަކުރަމުންނެވެ.