މުހިއްމު މޮޅަކާ އެކު ރެއާލަށް ހަމަޖެހުމެއް

މެޑްރިޑް (ޑިސެމްބަރު 2) - ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ އަތުން 2-0 އިން ހޯދި މުހިއްމު މޮޅާ އެކު ރެއާލް މެޑްރިޑް ހަމަޖެހުމެއް ހޯދައިފި އެވެ.


މިދިޔަ ހަފްތާގައި ރަށުންބޭރުގައި އެއިބާ އަތުން ބަލިވެ ރެއާލް އަނެއްކާ ވެސް ފޯމު ގެއްލިދާނެ ކަމުގެ ބިރުހީވެފައި ވަނިކޮށް ރޭގެ މެޗުން މޮޅުވެ އެ ޓީމު ވަނީ ލީގުގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ.

ރެއާލް ފަސް ވަނައިގައި އޮތީ 14 މެޗުން 23 ޕޮއިންޓާ އެކު އެވެ. ލީގުގެ އެއް ވަނައިގައި އޮތް ސެވިއްޔާ އަށް 13 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ. މިރޭ އެ ޓީމު ކުޅޭ މެޗުގައި ނުކުންނާނީ ހަތަރު ވަނައިގައި އޮތް ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށެވެ. ދެ ވަނައިގައި 13 މެޗުން 25 ޕޮއިންޓް ހޯދައިގެން އޮތް ބާސެލޯނާ މިއަދު ނުކުންނާނީ އަމިއްލަ ދަނޑުގައި ވިޔަރެއާލްއާ ދެކޮޅަށެވެ.

ރޭގެ މެޗު ފަށައިގެން އަށް ވަނަ މިނިޓްގައި ރެއާލުން ލީޑުނެގީ ވެލެންސިއާގެ ޑެނިއަލް ވަސް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ޑެނީ ކާވަހާލް ހުރަސްކޮށްލި ބޯޅަ ވަސް ބޮލުގައި ޖެހިފައި އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ. ދެ ވަނަ ހާފްގައި ރެއާލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު ޖެހީ ލޫކަސް ވަޒްކޭޒް އެވެ.

މި މެޗުގައި ވެސް ރެއާލުގެ ތަރި ގަރެތު ބޭލަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. މިއީ ބޭލް ލަނޑެއް ނުޖެހި ލީގުގައި ޖެހިޖެހިގެން ނިންމާލި 10 ވަނަ މެޗެވެ. ފަހަކަށް އައިސް އޭނާގެ ކުޅުން ދަށްވުމުން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ރެއާލުގެ ކޯޗުކަމާ ސަންޓިއާގޯ ސޮލާރީ ހަވާލުވިފަހުން އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ވަނީ މޮޅުވެފަ އެވެ. ސޮލާރީ ބުނީ މިދިޔަ ހަފްތާގައި ހިނގާދިޔަ ކަންތައްތައް ހަނދާން ނައްތާލަން ރޭގެ މޮޅު ވަރަށް މުހިއްމު ކަމަށެވެ.

"އަހަރެމެން މިދިޔަ ހަފްތާގައި އެއިބާއާ ދެކޮޅަށް ދެއްކީ ވަރަށް ދަށް ކުޅުމެއް. އެކަމަކު ޗެމްޕިއަންސް ލީގުގައި ރޯމާއާ ދެކޮޅަށް އަހަރެމެންނަށް ނަތީޖާ ނެރެވުނު. އޭގެ ތެރެއިން ވެސް އެންމެ ހިތްހަމަ ޖެހެނީ މި މެޗުން މޮޅުވުމުން. އެއީ މިދިޔަ ހަފްތާގެ ހިތި ތަޖުރިބާ ހަނދާނުން ފޮހެލަން މި މޮޅުގެ ބޭނުން ވަރަށް ރަނގަޅަށް ހިފޭނެތީ،" ސޮލާރީ ބުންޏެވެ.