އޮރީގީ ފަހު ވަގުތު ލިވަޕޫލް މޮޅުކޮށްދީފި

ލިވަޕޫލް (ޑިސެމްބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މި އަހަރު ކުޅެން ލިބުނު ފުރަތަމަ ފުރުސަތުގައި އަރައި މެޗުގެ ފަހު ވަގުތު ޑިވޮކް އޮރީގީ ޖެހި ގޯލުން ލިވަޕޫލުން 1-0 އިން ވާދަވެރި އެވަޓަން ބަލިކޮށްފި އެވެ.


ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 14 މެޗުން 38 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ލިވަޕޫލް އޮތީ 14 މެޗުން 36 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތީ އިއްޔެ ފުލަމް އަތުން 2-0 އިން މޮޅުވި ޗެލްސީ އެވެ. ޗެލްސީ އަށް 14 މެޗުން ވަނީ 31 ޕޮއިންޓް ލިބިފަ އެވެ. އާސެނަލް ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 4-2 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް ހަތަރަކަށް ޖެހިލައިފަ އެވެ. ހަތަރު ވަނައިގައި އޮތް އާސެނަލާއި ފަސް ވަނަައިގައި އޮތް ޓޮޓެންހަމަށް 14 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ. އާސެނަލް ކުރީގައި އޮތީ ފައިދާ ގޯލުންނެވެ.

ރޭގެ މެޗުގެ ކުރިން އޮރީގީ އެންމެ ފަހުން ލީގުގައި ކުޅުނީ މިދިޔަ ސީޒަނުގެ ފުރަތަމަ މެޗުގަ އެވެ. އޭގެ ފަހުން އޭނަ މިދިޔަ ސީޒަން ހޭދަކުރީ ލޯން އެއްބަސްވުމެއްގެ ދަށުން ޖަރުމަނުގެ ވުލްފްސްބާގުގަ އެވެ. މި ފަހަރު ލިވަޕޫލުން އޭނާ ވިއްކާލަން މަސައްކަތްކުރި ނަމަވެސް އަގުބޮޑުވުމުން އެއްވެސް ޓީމަކުން އޭނާ ނުގަތެވެ.

ލިވަޕޫލުން ރޭގެ މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ނަގާލި އެވެ. އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ ސަޑިއޯ މާނޭ އާއި ޒެރްޑަން ޝަގީރީ އެވެ. އެވަޓަން އަށް ކުރި ހޯދައިދޭން އަންދްރޭ ގޯމޭޒަށް ލިބުނު ފުރުސަތުގައި އޭނާ ހުއްޓުވަން ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ އާއި ޑިފެންޑަރު ޖޯ ގޯމޭޒް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި އޮރީގީ ލިވަޕޫލް މޮޅުކޮށްދިން ލަނޑު ޖެހީ އިތުރު ވަގުތުގެ ފަހު މިނިޓްގަ އެވެ. ލިވަޕޫލްގެ ވާޖިލް ވެން ޑައިކް ޖެހި ބޯޅައެއް ހުއްޓުވަން ވެގެން އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް އަތުގައި ޖެހިފައި ހުރަސް ދަނޑީގައި ޖެހިފައި ގޯލު ކުރި މައްޗަށް އައި ވަގުތު އޮރީގީ ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ލިވަޕޫލްގެ ލަނޑާ އެކު އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ވަނީ ދަނޑަށް އަރައި ކީޕަރު އެލިސަންއާ އެކު އުފާފާޅުކުރުމުގައި ބައިވެރިވެފަ އެވެ. އަދި މެޗަށް ފަހު ކްލޮޕް ވަނީ އޭނާ އަށް އެގޮތަށް ކަންތައް ކުރެވުނީ ޖަޒުބާތުގައި ޖެހުމުން ކަމަށާއި އެއީ އެވަޓަން އަށް އިހުތިރާމް ކުޑަކޮށް ކުރެވުނު ކަމެއް ނަމަ މައާފަށް އެދޭ ކަމަށް ބުނެފަ އެވެ.

އާސެނަލް ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި އެ ޓީމަށް ކުރި ހޯދައިދިނީ ޕިއޭ އެމެރިކް އޮބާމަޔަން އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮޓެންހަމުން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. އެރިކް ޑަޔާގެ ލަނޑުން ނަތީޖާ ހަމަހަމަ ކުރުމަށް ފަހު ޓޮޓެންހަމުން ލީޑުނެގީ ހެރީ ކޭން ވައްދާލި ޕެނަލްޓީ އަކުންނެވެ.

ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ޓޮރޭރާ އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

މި ފަހަރު ލީގުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ދެ ވަނަ ހާފުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަނީ އާސެނަލް އެވެ. ރޭގެ މެޗުގައި ވެސް އެ ޓީމުން ވަނީ އެކަން ތަކުރާރުކޮށްފަ އެވެ. އެ ޓީމުން ވަނީ ދެ ވަނަ ހާފުގައި މޮޅު ކުޅުމެއް ދައްކައި ތިން ގޯލު ޖަހައިފަ އެވެ.

އޮބާމަޔަން މެޗުގައި ޖެހި ދެ ވަނަ ގޯލުން އާސެނަލުން އެއްވަރުކުރިއިރު، ކުރިހޯދައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލެކްސަންޑަ ލަކަޒޭޓް އެވެ. އަދި މެޗުގެ ތިން ޕޮއިންޓް އާސެނަލަށް ޔަގީންކޮށްދިނީ ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އާސެނަލުގެ އުރުގުއޭ މިޑްފީލްޑަރު ލޫކަސް ޓޮރޭރާ އެވެ. މިއީ ޓޮރޭރާ އާސެނަލަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ޓޮޓެންހަމުން މި މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ. އެއީ މެޗުގެ 85 ވަނަ މިނިޓްގައި އެ ޓީމުގެ ޔެން ވަޓޯންގަން އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.

ޗެލްސީ އަމިއްލަ ދަނޑުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ލީޑުނަގައިދިނީ ޕެޑްރޯ ރޮޑްރިގޭޒް އެވެ. ދެ ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރުބެން ލޮފްޓަސް-ޗީކް އެވެ.