ބާސެލޯނާ ތާވަލުގެ ކުރިއަށް

ބާސެލޯނާ (ޑިސެމްބަރު 3) – ވިޔަރެއާލް އަތުން 2-0 އިން މޮޅުވެ ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނަ މަގާމަށް ރޭ އަރައިފި އެވެ.


އެ ޓީމަށް ފައިދާވީ، ކުރިން އެއް ވަނައިގައި އޮތް ސެވިއްޔާ ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވެސްއާ 1-1 އިން އެއްވަރުވުމުންނެވެ. ބާސެލޯނާ މިހާރު އެއް ވަނައިގައި އޮތީ 28 ޕޮއިންޓާ އެކު އެވެ. ސެވިއްޔާ ދެ ވަނައިގައި އޮތީ 27 ޕޮއިންޓާ އެކު އެވެ.

ބާސެލޯނާގެ ދަނޑުގައި ރޭ ވިޔަރެއާލާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމަށް ފުރަތަމަ ހާފުގައި ކުރި ހޯދައިދިނީ ޖެރާޑް ޕީކޭ އެވެ. އޭނާ މި ގޯލް ޖެހީ އޮސްމާނޭ ޑެމްބެލޭ ނެގި ހުރަހަކުން، އޭރިއާ ތެރެއިން ބޮލުން ޖަހަ އެވެ. ބާސެލޯނާގެ ދެ ވަނަ ގޯލް 87 ވަނަ މިނެޓުގައި ކާމިޔާބުކުރީ ބާސެލޯނާ އާއި ސްޕެއިނުގެ އުއްމީދީ ތަރި ކާލްސް އަލޭނާ އެވެ. ލިއޮނަލް މެސީ ދިން ހިތްގައިމު ޕާހަކަށް އަރައި އުމުރުން 20 އަހަރުގެ ފޯވާޑް މި ގޯލް ޖެހީ ހަމަޖެހިލާފައި އެހާމެ މޮޅަށެވެ.

އަހުލާގީ މައްސަލަތަކާ ހެދި ބާސެލޯނާ އިން މިދިޔަ މަހު ފުރުސަތު ނުދިން ޑެމްބެލޭ ރޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ފުރަތަމަ އެގާރައިގައި ޖެހިޖެހިގެން ކުޅުނު ދެ ވަނަ މެޗުގައި ދެއްކި ކުޅުމާ އެކު އޭނާ އަށް ކޯޗުގެ އިތުބާރު އަލުން ލިބޭނެ ކަމަށް ބެލެވެ އެވެ.

ރޭ އެތުލެޓިކޯ މެޑްރިޑް ވަނީ ރަށުން ބޭރުގައި ޖިރޯނާއާ 1-1 އިން އެއްވަރުވެފަ އެވެ. އެ ޓީމު އޮތީ 25 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ރޭ މޮޅުވި ނަމަ އެ ޓީމަށް ދެ ވަނައިގައި އޮތް ސެވިއްޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރެވޭނެ އެވެ.