ޔުއެފާ އިން އާ ކްލަބް މުބާރާތެއް ފަށަން ނިންމައިފި

ނިޔޯން (ޑިސެމްބަރު 3) – ޔޫރަޕުގެ ކްލަބްތަކުގެ މެދުގައި ތިން ވަނަ ފަންތީގެ މުބާރާތެއް 2021 ވަނަ އަހަރު ތައާރަފްކުރަން ޔުއެފާ އިން ނިންމައިފި އެވެ.


މިހާރު އޮންނަނީ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގެވެ. އާ މުބާރާތުގެ ބޭނުމަކީ ކްލަބްތަކަށް ވީހާ ވެސް މެޗުތައް ގިނަކުރުމާއި ގްރޫޕް ސްޓޭޖް ލެވެލްގައި ވީހާ ވެސް ގިނަ ގައުމުތަކަށް ފުރުސަތު ދިނުމެވެ. މިހާރު ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބެނީ 26 ގައުމަކަށެވެ. އެކަމަކު އާ މުބާރާތާ އެކު އެ އަދަދު 34 ގައުމަކަށް ފުރުސަތު ލިބޭނެ އެވެ.

މި މުބާރާތާ އެކު ޔުރޮޕާ ލީގުގައި ވާދަކުރާ ޓީމުތަކުގެ އަދަދު މަދުކޮށް މުބާރާތް ފޯރިގަދަކުރާނެ އެވެ. އަދި އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ޖެހިގެން އަންނަ އަހަރު ޔުރޮޕާ ލީގުން ފުރުސަތު ލިބޭނެ އެވެ.

ގައުމުތަކުގެ ވަރުގަދަ ޓީމުތައް ވާދަކުރާ ޗެމްޕިއަންސް ލީގަށް އެތައް ބަޔެއްގެ ސަމާލުކަން ލިބުނު ނަމަވެސް ޔުރޮޕާ ލީގަށް އެކަށީގެންވާ ސަމާލުކަމެއް ނުލިބެ އެވެ. އެކަމަކު މި ދެ ތިން ސީޒަނެއްގައި ވަރުގަދަ ޓީމުތަކެއް މުބާރާތުގައި ލައްވާލާފައިވާތީ ފޯރި ވަނީ އިތުރުވެފަ އެވެ.