މިލާން (ޑިސެމްބަރު 4) – އިޓާލިއަން ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އިންޓަ މިލާނުގެ ކެޕްޓަން އާޖެންޓީނާގެ މައުރޯ އިކާޑީ ހޯދައިފި އެވެ.
އިކާޑީ އަކީ އިޓަލީގެ ކުޅުންތެރިންގެ އެސޯސިއޭޝަނުން ހޮވި މި މަގާމް ޒަމާންތަކަށް ފަހު ހޯދި ޔުވެންޓަސް ނޫން ފުރަތަމަ ކުޅުންތެރިޔާ އެވެ. އެންމެ ފަހުން ޔުވެންޓަސް ނޫން ޓީމެއްގެ ކުޅުންތެރިޔަކަށް މި އެވޯޑް ހޯދީ 2011 ވަނަ އަހަރު އޭސީ މިލާނުގެ ޒަލަޓާން އިބްރަހިމޮވިޗެވެ.
އިކާޑީ އަކީ މިދިޔަ ސީޒަނުގެ އިޓާލިއަން ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނަ، ޗީރޯ އިމޮބިލޭއާ އެކު ހިއްސާ ކުރި ކުޅުންތެރިޔާ އެވެ. މި ދެ ކުޅުންތެރިން ވަނީ 29 ގޯލް ޖަހައިފަ އެވެ.
މިދިޔަ މާޗު މަހު ސަމްޕްޑޯރިއާ ކޮޅަށް އިކާޑީ ޖެހި ގޯލަށް ވަނީ އަހަރުގެ އެންމެ މޮޅު ގޯލުގެ އެވޯޑް ލިބިފަ އެވެ. އެކަމަކު އިކާޑީ ގަބޫލުކުރާ ގޮތުގައި ވާދަވެރި މިލާން ކޮޅަށް ޖެހި ގޯލް މާ ހިތްގައިމެވެ.
އަހަރުގެ އެންމެ މޮޅު ޓީމުގެ އެވޯޑް ޔުވެންޓަސް ހޯދިއިރު އެއް ވަނަ ކޯޗަކީ އެ ޓީމުގެ މަސިމިލިއާނޯ އެލެގްރީ އެވެ. އެ ޓީމުން ވަނީ މިދިޔަ ސީޒަނުގެ އިޓާލިއަން ލީގާއި އިޓާލިއަން ކަޕް ކާމިޔާބުކޮށްފަ އެވެ.
ލައިފްޓައިމް އެޗީވްމަންޓް ހާސިލްކުރީ އޭއެސް ރޯމާގެ ލެޖެންޑް ފްރެންޗެސްކޯ ޓޮޓީ އާއީ އޭސީ މިލާނާއި ޔުވެންޓަސްގެ ކުރީގެ ތަރި އަންދްރޭ ޕިރްލޯ އެވެ. މި ދެ ކުޅުންތެރިންނަކީ ވެސް އިޓަލީ އަށް 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ދެ ކުޅުންތެރިންނެވެ.