ކުޅުން ހުއްޓައެއްނުލަން، އަންނަ އަހަރު ފެންނާނެ: އިމްރާން

އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލީ ކަމަށް ހީވެފައި އޮތަސް އެކަމުގައި ހަގީގަތެއް ނެތް ކަމަށާއި އަންނަ އަހަރު ވެސް ފުރަތަމަ ޑިވިޝަނުގައި ކުޅޭނެ ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން ބުނެފި އެވެ.


ނިއު އިން އޮކްޓޯބަރު މަހު އިމްރާނުގެ ކޮންޓްރެކްޓް އުވާލުމުން އޭނާ ހުރީ ކްލަބެއް ނެތި އެވެ. ނިއު އިން އޭނާގެ ހިދުމަތް ނުލިބޭ ކަމަށް ބުނެ ކޮންޓްރެކްޓް ބާތިލްކުރީ އެ ކްލަބުން މުސާރަ ނުދޭތީ އެ މައްސަލަ އެފްއޭއެމަށް ހުށަހަޅާފައިވަނިކޮށެވެ. އިމްރާން ބުނީ ޕްރެކްޓިހަށް ނުދިޔައީ މުސާރަ ނުދޭތީ ކަމަށެވެ.

އުމުރުން 37 އަހަރުގެ އިމްރާން މިއަދު ބުނީ ސީޒަނުގެ ފަހުކޮޅު ދަނޑުން ނުފެންނާތީއާ އެކު ކުޅުން ހުއްޓާލީ ކަމަށް ބައެއް ފަރާތްތަކަށް ހީވި ކަމަށެވެ.

"އެކަމަކު އަޅުގަނޑު ކުޅުން ހުއްޓަލައެއްނުލަން. އެފަދަ ވިސްނުމެއް ނުވެސް ނެތް. އަންނަ އަހަރު ވެސް ފުރަތަމަ ޑިވިޝަނުގެ ކްލަބަކުން ފެންނާނެ،" އިމްރާން ބުންޏެވެ.

ރާއްޖޭގެ އެންމެ އަގުބޮޑު ކުޅުންތެރިންގެ ތެރޭ ހިމެނޭ އިމްރާން ބުނީ އަދި އެއްވެސް ކްލަބަކާ މަޝްވަރާ ނުކުރާ ކަމަށާއި އަދި ގުޅޭނެ ވަކި ކްލަބެއް ވެސް ނެތް ކަމަށެވެ.

"ލިބޭ އޮފާތަކަށް ބަލާފައި މަޝްވަރާތައް ކުރުމަށް ފަހު ގޮތެއް ނިންމާނީ،" އިމްރާން ބުންޏެވެ.

އިމްރާން ވަނީ ނިއު އިން މި އަހަރުގެ މާލޭ ލީގު ކާމިޔާބުކުރިއިރު އަދި އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ރަނގަޅު ނަތީޖާއެއް ނެރުނުއިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު ސާފް ސުޒުކީ ކަޕަށް ސީޒަން މެދުކަނޑާލައި އަލުން ފަށަން ވެގެން ނިއު އިން ޕްރެކްޓިސް ފެށި ފަހުން ހާޒިރެއް ނުވެ އެވެ. އިމްރާން ބުނީ މުސާރަ ހަމަޖައްސައިދޭން މުއްދަތެއް ވެސް ކްލަބަށް ދިން ކަމަށާއި ޕްރެކްޓިސް ހުއްޓާލީ އެ ފައިސާ ނުލިބުމުން ކަމަށެވެ.

"ކްލަބުން އެއްޗެއް ނުދެންޏާ، ކައިގެން ބޮއިގެން އުޅެން ކޮންމެވެސް މަސައްކަތެއް ކުރަން ޖެހޭނެތާ؟ އަޅުގަނޑު އެންގިން މުސާރަ ނުލިބޭ ކަމަށް ވަންޏާ އާމްދަނީއެއް ހޯދަން އިތުރު މަސައްކަތެއް ކުރަން ޖެހެޔޭ އެހެންވެ ޕްރެކްޓިހަށް ދެވެން ނެތޭ،" އިމްރާން އޭރު ބުނެފައިވެ އެވެ.

އެކަމަކު ނިއު އިން ބުނީ އިމްރާނަށް މި އަހަރު ދޭން ޖެހޭ މުސާރައިގެ 70 ޕަސެންޓް އެޑްވާންސުގެ ގޮތުގައި ދީފައިވާ ކަމަށާއި ބާކީ 30 ޕަސެންޓް ފައިސާ ތިން ޕޭމަންޓަކަށް ބަހާލައިގެން ދޭން އެއްބަސްވެ ކޮންޓްރެކްޓް އުވާލުމަށް ހަމަޔަށް މުއްދަތު ހަމަވެފައިވަނީ އޭގެ ތެރެއިން ދެ ޕޭމަންޓެއް ކަމަށެވެ.

އެކަމަކު އިމްރާން ބުނީ އެޑްވާންސުގެ ގޮތުގައި ދިން ފައިސާ އަކީ ވެސް ކްލަބުން އޭނާއާ އެކު ހެދި ކޮންޓްރެކްޓުގެ ދަށުން ދޭން އެއްބަސްވި އެއްޗެއް ކަމަށާއި އެޑްވާންސް ދިނުމަކީ، އަހަރުގެ ތެރޭގައި މުސާރައިގެ ގޮތުގައި ދޭން ޖެހޭ ފައިސާ ދިނުން ފަސްވާން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

ނިއުއާ ވާދަވެރި ވިކްޓަރީން ކެރިއަރު ފެށި ނަމަވެސް އިމްރާން އޭރު ވެސް ބުނަމުން އައީ އޭނާ އަކީ ނިއުގެ ސަޕޯޓަރެއް ކަމަށާއި އެ ކްލަބަށް ކުޅެން ބޭނުންވާ ކަމަށެވެ. އޭނާ ނިއުއާ އެންމެ ފުރަތަމަ ގުޅުނީ 2012 ވަނަ އަހަރެވެ. އަދި 2013 ވަނަ އަހަރު ނިއު އިން ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް އަދި އެ އަހަރުގެ އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު އިމްރާން ވަރަށް މުހިއްމު ދައުރެއް އަދާކުރި އެވެ.

ނިއުގައި ހަތަރު ހޭދަކުރުމަށް ފަހު 2015 ގައި މާޒިޔާ އަށް ބަދަލުވި އިމްރާން ދެ ވަނަ ފަހަރަށް ނިއު އަށް ބަދަލުވީ، މިދިޔަ އަހަރު ނިއުއާ ޒިޔާދު ހަވާލުވެ މާސިންގާ ބަޖެޓެއް ހަދައި ގެނައި ކުޅުންތެރިންގެ ތެރޭގައި ހިމެނިގެންނެވެ. މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކާމިޔާބުކުރިއިރު އޭނާ މުހިއްމު ދައުރެއް އަދާކުރި އެވެ.