އިޓަލީގެ ޓީމެއް 10 ޔޫރޯ އަށް ވިއްކާލައިފި

މިލާން، އިޓަލީ (ޑިސެމްބަރު 7) - އިޓަލީގެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ކްލަބެއް ކަމަށްވާ ޕަލާމޯ 10 ޔޫރޯ އަށް ވިއްކާލުމުގެ ފަހަތުގައި އޮތީ ހާއްސަ ސަބަބެއް ކަމަށް އެ ޓީމުން ދާދި ފަހުން ވަކިވި ޗެއާމަން މައުރީޒިއޯ ޒަމްޕަރީނީ ވިދާޅުވެއްޖެ އެވެ.


މިދިޔަ ހޮނިހިރު ދުވަހު ޔޫރަޕްގެ މީޑިއާގައި އެންމެ އަޑުގަދަކޮށް ދެކެވުނީ އިޓަލީގެ ދެ ވަނަ ޑިވިޝަނުގައި އޮތް ޕަލާމޯ 10 ޔޫރޯ އަށް ވިއްކާލި ވާހަކަ އެވެ. އެ ވާހަކަތަކާ އެކު ޕަލާމޯގެ ވެރިންނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އަދި އެ ޓީމުގެ ސަޕޯޓަރުންގެ ނުރުހުން ޓީމަށް ބޮޑުވި އެވެ.

ޕަލާމޯ އަކީ 2014 ވަނަ އަހަރު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވުމުގެ ކުރިން މަޝްހޫރު ކުޅުންތެރިން ކުޅުނު ޓީމެކެވެ. އޭގެ ތެރޭގައި މިހާރު ޔުވެންޓަސްގައި ވިދަމުން އަންނަ އާޖެންޓީނާގެ ފޯވާޑް ޕައޮލޯ ޑިބާލާ އާއި މިޑްފީލްޑަރު ހަވިއޭ ޕަސްޓޯރޭގެ އިތުރުން އުރުގުއޭގެ ފޯވާޑް އެޑިސަން ކަވާނީ ހިމެނެ އެވެ.

ޒަމްޕަރީނީ، 2002 ވަނަ އަހަރު ޕަލާމޯ ގަތީ 15 މިލިއަން ޔޫރޯގެ އަގެއް ދެއްކުމަށް ފަހު އެވެ. ނަވާރަ ސަތޭކަ ވަނަ އަހަރު އުފެދުނު ޕަލާމޯ ވަނީ އިޓަލީ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ގިނަ އަހަރުތަކެއް ވަންދެން ވާދަކޮށްފަ އެވެ.

ޕަލާމޯ ވިއްކާލުމާ ބެހޭގޮތުން ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ޒަމްޕަރީނީ ވަނީ ދާދި ފަހުން މީޑިއާ އަށް އިންޓަވިއުއެއްދީފަ އެވެ. އޭނާ ވިދާޅުވީ ޕަލާމޯ ވިއްކާލަން ނިންމީ ވަރަށް ގިނަ ގޮތްގޮތުން ވިސްނުމަށް ފަހު ޓީމުގެ މުސްތަގުބަލަށް ވިސްނުމަށް ފަހު ކަމަށެވެ.

ޕަލާމޯގެ ކުރީގެ ޗެއާމަން ޒަމްޕަރީނީ. -- ފޮޓޯ: އޭއެފްޕީ

"މިއީ އަހަންނަށް ވެސް ނިންމަން ފަސޭހަ ނިންމުމެއް ނޫން. އަހަރެންގެ އުމުރުގެ މުހިއްމު 16 އަހަރު މި ޓީމުގައި ހޭދަކޮށްފިން. ޓީމު ދޫކޮށްލަން ނިންމީ ވަރަށް ގިނަ ގޮތްގޮތުން ވިސްނުމަށް ފަހު. މި ކްލަބް އެންމެ މަތީ ފަންތީގައި ބާއްވަން މި ނިންމުން މި ވަގުތު ނިންމަންޖެހޭ،" އުމުރުން 77 އަހަރުގެ ޒަމްޕަރީނީ ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޒަމްޕަރީނީ ބޮޑު އަގެއް ނުނަގައި ލަންޑަނުގެ ކުންފުންޏެއް ކަމަށްވާ ފިއުޗާސް ސްޕޯޓްސް އެންޑް އެންޓަޓައިމަންޓް އަށް ޕަލާމޯ ވިއްކާލަން ނިންމި އެންމެ ބޮޑު ސަބަބަކީ އެހެން ވާދަވެރި ބައެއްގެ އަތް ދަށަށް އެ ކްލަބް ގޮސް އަޑިގަނޑަކަށް ވެއްޓުނަނުދީ ސަލާމަތްކުރުމަށެވެ. ޒަމްޕަރީނީ އަތުން އެ ޓީމު ހޯދަން އިޓަލީ އާއި ރަޝިއާގެ ގިނަ ވިޔަފާރިވެރިން މަސައްކަތްކުރި އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އިޓަލީގެ އެހެން ޓީމުތަކުގައި ހިއްސާ އޮންނަ ވިޔަފާރިވެރިންނެވެ.

"ރަނގަޅު ބައެއްގެ އަތްމައްޗަށް މި ކްލަބް ދޫކޮށްލުމަކީ މި ޓީމުގެ ސަޕޯޓަރުންނަށް އަހަރެން ދޭ އެންމެ ފަހުގެ ހަދިޔާ،" ޒަމްޕަރީނީ ވިދާޅުވި އެވެ.

އާސެނަލާއި ޔުވެންޓަސްގެ ކުރީގެ ކުޅުންތެރިއާ ޑޭވިޑް ޕްލަޓް ވެސް ހަރަކާތްރިވާ ލަންޑަނުގެ ކުންފުނިން ވަނީ ޕަލާމޯގެ ހުރިހާ ދަރަންޏެއް ދައްކާ ހަލާސްކޮށް އެ ޓީމު އިޓަލީގެ އެއް ވަނަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދޭން އަމާޒުހިފައިފަ އެވެ.