ޗެލްސީން ސިޓީ ބަލިކޮށްފި، ލިވަޕޫލަށް އެއް ވަނަ

ލަންޑަން (ޑިސެމްބަރު 9) - މެޗަކުން ބަލިނުވެ އޮތް މެންޗެސްޓާ ސިޓީގެ މައްޗަށް ޗެލްސީން ރޭ 2-0 އިން ކުރި ހޯދައި އެ ޓީމުގެ ބަލިނުވުމުގެ ސިލްސިލާ އަށް ނިމުން ގެނައުމާ އެކު ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމް ލިވަޕޫލަށް ލިބިއްޖެ އެވެ. ލިވަޕޫލް ވަނީ ރޭ ކުޅުނު މެޗުން 4-0 އިން ބޯންމައުތު ބަލިކޮށްފަ އެވެ.


ލީގުގެ އެއް ވަނައިގައި މެޗަކުން ބަލިނުވެ ލިވަޕޫލް އޮތީ 16 މެޗުން 42 ޕޮއިންޓާ އެކު އެވެ. ލީގުގައި ފުރަތަމަ ފަހަރަށް މި ސީޒަނުގައި ބަލިވިއިރު، ސިޓީ ދެ ވަނައިގައި އޮތީ 16 މެޗުން 41 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތީ ރޭ ލެސްޓާ ސިޓީ އަތުން 2-0 އިން މޮޅުވި ޓޮޓެންހަމް އެވެ. ޓޮޓެންހަމަށް ލިބިފައިވަނީ 16 މެޗުން 36 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް ޗެލްސީ އާއި ފަސް ވަނައިގައި އޮތް އާސެނަލަށް 16 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ. އާސެނަލް ވަނީ ރޭ ކުޅުނު މެޗުން 1-0 އިން ހަޑްސްފީލްޑް ޓައުން ބަލިކޮށްފަ އެވެ.

ލީގުގައި އިއްޔެ ފުރަތަމަ ކުޅުނު މެޗުން ލިވަޕޫލް މޮޅުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ހެޓްރިކް ހެދި މުހައްމަދު ސަލާހު އެވެ. އެ ލަނޑުތަކާ އެކު ސަލާހު ވަނީ ލީގުގައި 10 ލަނޑު ހަމަކޮށްފަ އެވެ. އަދި އޭނާ އަކީ ލިވަޕޫލްގެ ތާރީހުގައި އެންމެ މަދުން މެޗު ކުޅެގެން އެންމެ އަވަހަށް ލީގުގައި 40 ލަނޑު ހަމަކުރި ކުޅުންތެރިޔާ އެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިއާގެ އެވޯޑް ސަލާހަށް ދިނުމުން އޭނާ އެ އެވޯޑް ހަދިޔާކުރީ ޖޭމްސް މިލްނާ އަށެވެ. އެއީ ރޭގެ މެޗަކީ މިލްނާ ޕްރިމިއާ ލީގުގައި ކުޅުނު 500 ވަނަ މެޗުކަމަށްވުމުންނެވެ.

ލިވަޕޫލުން ރޭގެ މެޗުގައި ޖެހި އަނެއް ގޯލަކީ ބޯންމައުތުގެ ސްޓީވް ކުކް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ ލިވަޕޫލުން ކްލަބްގެ 126 އަހަރުވީ ތާރީހުގައި އެންމެ ރަނގަޅަށް ފެށި ސީޒަނެވެ. އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް މެޗަށް ފަހު ބުނީ މެޗުގެ ނަތީޖާ މި ގޮތަށް ނުކުތް ނަމަވެސް މިއީ ފަސޭހަ މެޗެއް ނޫން ކަމަށެވެ. އަދި ލިވަޕޫލުން ހޯދަމުންދާ ނަތީޖާގެ ކްރެޑިޓް އޭނާ ނުނަގާނެ ކަމަށާއި އެއީ ކުޅުންތެރިންނަށް ހައްގުވާ އެއްޗެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ލަނޑު ޖެހުމަށް ފަހު ސަލާހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް ކުޅުނު މެޗުން މޮޅުވެ، ލީގުގެ އެއް ވަނަ އަށް އެރުމުން ރޭ ސިޓީ ކުޅުނު މެޗުގައި ޗެލްސީއާ ދެކޮޅަށް ނުކުތްއިރު އޮތީ ނަތީޖާއެއް ނެރެން މަޖުބޫރުވެފަ އެވެ. އެއްވަރުކޮށްލައިގެން ވެސް ސިޓީ އަށް އެއް ވަނަ އަށް އެރެން އޮތްއިރު، އެ ޓީމު ބަލިވުމުން އެ ފުރުސަތު ގެއްލުނީ އެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މެޗު ފަށައިގެން ސިޓީގެ ރަހީމް ސްޓާލިން އާއި ލެރޯއި ސާނޭ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ސިޓީން މެޗު ކޮންޓްރޯލް ކޮށްގެން ދިޔައިރު ޗެލްސީގެ އެންމެ ކުރިއަށް ކުޅުނު އެޑެން ހަޒާޑަށް ލިބޭ ބޯޅަތައް މަދުވުމުން އޭނާ އަށް އެންމެ ރަނގަޅު ކުޅުން ދައްކަން އުނދަގޫވި އެވެ.

މެޗުގެ ހުރިހާ ކަމެއް ބަދަލުވެގެންދިޔައީ ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ޗެލްސީން ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި މެޗުގައި ލީޑުނެގުމެވެ. ހަޒާޑް ދިން ބޯޅައަކުން މި ލަނޑު ޖެހީ އެންގޯލޯ ކާންޓޭ އެވެ. މި ނަތީޖާއާ އެކު ޗެލްސީ ލީޑުގައި އޮވެގެން ފުރަތަމަ ހާފް ނިންމާލިއިރު، މިއީ ލީގުގައި މިދިޔަ އަހަރެއްހާ ދުވަހު ތެރޭގައި ސިޓީން ފުރަތަމަ ހާފު ނިންމާލިއިރު ފަހަތުގައި އޮތް ފުރަތަމަ ފަހަރެވެ.

ދެ ވަނަ ހާފްގައި ސިޓީން ކުރިއަށް ޖެހިގެން ޗެލްސީ ފަހަތަށް ބާރުބޮޑުކުރަމުންދިޔައި ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. ނަތީޖާއަކަށްވީ މެޗުގެ 78 ވަނަ މިނިޓްގައި ޗެލްސީން ދެ ވަނަ ލަނޑެއް ޖެހުމެވެ. ކޯނަރަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ޑޭވިޑް ލުއިޒް ބޮލުން ގޯލުގެ ތެރެއަށް ވައްދާލިއިރު، މިއީ މިދިޔަ 14 މަސް ދުވަހުގެ ތެރޭގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ.

ޗެލްސީން ދެ ވަނަ ލަނޑު ޖެހުމާ އެކު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ހަތަރު ވަނަ އޮފިޝަލު ގާތުގައި އެއީ ކޯނަރެއް ނޫން ކަމަށް ބުނެފަ އެވެ. އެކަމަކު ރެފްރީ މައިކަލް އޮލިވާ އެ ކޯނަރު ދިނީ ރަނގަޅަށެވެ. ޗެލްސީގެ ރޮސް ބާކްލޭ ޖެހި ބޯޅަ ބޭރަށް ދިޔައީ ސިޓީގެ ރިޔާދު މާރޭޒް ފައިގައި ޖެހިފަ އެވެ.

މިއީ ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ އަށް ގާޑިއޯލާ އަތުން ހޯދުނު ފުރަތަމަ މޮޅެވެ. މެޗަށް ފަހު ސާރީ ބުނީ ގާޑިއޯލާ ކޯޗުކޮށްދޭ ޓީމެއް އަތުން މޮޅުވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި މިއީ އޭނާ އަށް ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ލިބުނު ހަދިޔާއެއް ކަމަށެވެ.

މިއީ މިދިޔަ އޭޕްރީލް މަހު މެންޗެސްޓާ ޔުނައިޓެޑް އަތުން ލީގުގައި ބަލިވި މެޗަށް ފަހު މި މުބާރާތުގައި ސިޓީ ބަލިވި ފުރަތަމަ ފަހަރެެވެ.

ރޭ އާސެނަލް ކުޅުނު މެޗުގައި އެ ޓީމުގެ ހަަމައެކަނި ލަނޑު ޖެހީ މި ސީޒަނުގައި އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އުރުގުއޭގެ މިޑްފީލްޑަރު ލޫކަސް ޓޮރޭރާ އެވެ. ރޭ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން ވަނީ ލީގުގެ ފުލުގައި އޮތް ފުލަމް އަތުން 4-1 އިން މޮޅުވެފަ އެވެ. މިއީ އެންމެ ފަހުން ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ޔުނައިޓެޑަށް ލިބުނު ފުރަތަމަ މޮޅެވެ.