މަރުގެ މެޗަށް ސަޕޯޓަރުންގެ އެހީ އަށް ކްލޮޕް އެދިއްޖެ

ލިވަޕޫލް (ޑިސެމްބަރު 11) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ މޮޅުވުން މަޖުބޫރު މެޗަކަށް އިޓަލީގެ ނަޕޯލީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުންނައިރު އެންމެ ބޮޑު އެހީތެރިކަމެއް ބޭނުންވަނީ ސަޕޯޓަރުންގެ ފަރާތުން ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.


ކޮންމެ ޓީމެއް ފަސް މެޗު ކުޅެފައިވާއިރު ގްރޫޕް ސީގެ އެއް ވަނައިގައި ނަޕޯލީ އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޕީއެސްޖީ އަށް އަށް ޕޮއިންޓް ލިބިފައިވާއިރު، މިދިޔަ އަހަރުގެ ރަނަރަޕް ލިވަޕޫލް އޮތީ ހަ ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. އެންމެ ފުލުގައި އޮތް ސާބިއާގެ ރެޑްސްޓާ ބެލްގްރޭޑަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ.

މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދާ ނަމަ ލިވަޕޫލަށް މިރޭގެ މެޗުން މޮޅުވާން މަޖުބޫރެވެ. މިރޭގެ މެޗުން 1-0 އިން މޮޅުވެގެން ވެސް ލިވަޕޫލަށް ދެ ވަނަ ބުރަށް ދެވެން އޮތްއިރު، ނަޕޯލީ ގޯލެއް ޖަހައިފި ނަމަ ލިވަޕޫލަށް ދެ ވަނަ ބުރުގެ ޖާގަ ލިބޭނީ ދެ ލަނޑުގެ ތަފާތުން މޮޅުވެގެންނެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ލިވަޕޫލް ރަށުން ބޭރުގައި ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. މިރޭގެ މެޗަށް ނުކުންނައިރު ކްލޮޕަށް ލިބޭނެ އެންމެ ބޮޑު ހިތްވަރަކީ އަމިއްލަ ދަނޑުގައި ކުޅުމެވެ. އެކަމަކު އޭނާގެ ނަޒަރުގައި މި މެޗު ވެސް ފަސޭހަ ނުވާނެ އެވެ.

"އަހަރެމެން އަމިއްލަ އަށް ކުރި ކަންތައްތަކުގެ ސަބަބުން މި ހާލަތު މެދުވެރިމިވީ. އެކަމަކު ވެސް އަދިވެސް އެބައޮތް މިއިން ސަލާމަތްވެ ދެ ވަނަ ބުރަށް ދެވެން. އެހެންވީމަ މި މެޗު ވަރަށް ހާއްސަ،" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ބުންޏެވެ. "މިހާތަނަށް ވެސް އަހަރެމެންގެ އެންމެ ބޮޑު ހިތްވަރަކީ ސަޕޯޓަރުން. އަހަރެމެން މިރޭ އެންމެ ބަރޯސާވާނެ އެއް ބަޔަކީ ވެސް ސަޕޯޓަރުންނަށް."

އޭނާ ބުނީ ނަޕޯލީ ދަނޑުގައި 1-0 އިން ބަލިވި މެޗުގައި ލިވަޕޫލްގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށާއި މިރޭ ނަތީޖާއެއް ނެރެވޭނީ އެ އަށް ވުރެ ރަނގަޅަށް ކުޅެގެން ކަމަށެވެ.

"އެންމެ ފަހު މެޗު (ޕީއެސްޖީ މެޗު)އާ ހަމައަށް އަހަރެމެން ވަރަށް ރަނގަޅު ކުރިއެރުންތަކެއް ކުޅުމަށް ބަލާއިރު ހޯދައިފި. އެކަމަކު އެއީ އަހަރެމެންނަށް މި މެޗުން މޮޅުވޭވެނެ ކަމުގެ ޔަގީންކަމެއް ނޫން. ކުޅުނު އެންމެ ރަނގަޅަކަށް މި މެޗުގައި ކުޅެން ޖެހޭނެ،" ކްލޮޕް ބުންޏެވެ.

އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ނުފެނުނު ކްރޮއޭޝިއާގެ ޑިފެންޑަރު ޑޭޔާން ލޮވްރެން ވަނީ މި މެޗަށް ފިޓްވެފަ އެވެ. އަދި ސަޑިއޯ މާނޭ ވެސް ފުރަތަމަ އެގާރައިގައި ކުޅޭނެ ކަމަށް ބެލެވެ އެވެ.

ލިވަޕޫލާއި ނަޕޯލީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަނޑިން 1 ޖަހާއިރު އެވެ.