ޔުނައިޓެޑް ބަލިކޮށް ލިވަޕޫލް އެއް ވަނަ އަށް

ލިވަޕޫލް (ޑިސެމްބަރު 16) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް 3-1 އިން ބަލިކޮށް ލިވަޕޫލް އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.


މި މެޗުން ބަލިވުމުން ޔުނައިޓެޑަށް ވަނީ ގަދަހަތަރަކަށް ވަންނަން ކުރާ މަސައްކަތުގައި ޕްރެޝަރު ބޮޑުވެފަ އެވެ.

ލީގުގައި އިއްޔެ އެވަޓަން އަތުން މޮޅުވެ މެންޗެސްޓާ ސިޓީ އެއް ވަނަ އަށް އެރި އެވެ. ލިވަޕޫލް މިހާރު އެއް ވަނައިގައި އޮތީ 17 މެޗުން 45 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 17 މެޗުން ލިބިފައިވަނީ 44 ޕޮއިންޓެވެ. ތިން ވަނައިގައި ޓޮޓެންހަމް އޮތީ 17 މެޗުން 39 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތީ މިރޭ ބްރައިޓަން އަތުން 2-1 އިން މޮޅުވި ޗެލްސީ އެވެ. ޗެލްސީ އަށް 17 މެޗުން ވަނީ 37 ޕޮއިންޓް ލިބިފަ އެވެ.

ފަސް ވަނައިގައި އާސެނަލް އޮތީ 17 މެޗުން 34 ޕޮއިންޓާ އެކު އެވެ. އާސެނަލް މިރޭ ކުޅުނު މެޗުން ވަނީ ރަށުންބޭރުގައި 3-2 ސައުތެމްޓަން އަތުން ބަލިވެފަ އެވެ. މި މެޗުން ބަލިވުމުން އާސެނަލުން ބަލިނުވެ ދަމަހައްޓަމުން އައި ސިލްސިލާ އަށް ވަނީ 22 މެޗަށް ފަހު ނިމުމެއް އައިސްފަ އެވެ. އަނެއްކޮޅުން މިއީ 2018 ވަނަ އަހަރު ސައުތެމްޓަން ލީގުގައި އަމިއްލަ ދަނޑުގައި މޮޅުވި ދެ ވަނަ މެޗެވެ.

މިރޭގެ މެޗުން ބަލިވި ޔުނައިޓެޑާ ގަދަ ހަތަރަކާ ދެމެދު 11 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. މި މެޗުން ބަލިވުމުން ގަދަ ހަތަރެއްގައި ނިންމާލުމަށް ޔުނައިޓެޑުން ކުރަމުން އަންނަ މަސައްކަތަށް ވަނީ އިތުރު އުނދަގޫތަކެއް ކުރިމަތިވެފަ އެވެ.

"އަހަރެމެން މި ބަލިވީ ވަރަށް ވަރުގަދަކޮށް އޮތް ލިވަޕޫލް ޓީމެއް އަތުން. މި ޓީމަށް ނަތީޖާ ނެރުމުގައި ހުރި މައްސަލަތައް ހައްލުކުރުމަކީ އަހަރެންގެ ޒިންމާއެއް. އެކަމަށް އަހަރެން ހައްލެއް ހޯދަން މަސައްކަތްކުރާނަން. އޭގެ މާނަ އަކީ ލީގު ޗެމްޕިއަންކަން ހޯދުމެއް ނޫން. ކުޅުންތެރިންގެ އެހީއާ އެކު އަހަރެން މިހުރީ ކަންތައްތައް ބަދަލުކޮށް ކުރިއަށްދާން،" މެޗަށް ފަހު މޮރީނިއޯ ބުންޏެވެ.

މިރޭގެ މެޗުގައި ވެސް ޔުނައިޓެޑުން ޕައުލް ޕޮގްބާގެ ބޭނުމެއް ނުކުރެ އެވެ. މުޅި މެޗުގައި އޭނާ ހުރީ ބެންޗުގަ އެވެ. މޮރީނިއޯ ބުނީ ޕޮގްބާ ބޭނުންނުކުރީ ވަކި ހާއްސަ ސަަބަބެއް އޮވެގެން ނޫން ކަމަށެވެ.

މިއީ ލީގުގައި އެންމެ ފަހުން ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ނުވަ މެޗުން ލިވަޕޫލަށް ލިބުނު ފުރަތަމަ މޮޅެވެ. މިއީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ހަވާލުވި ފަހުން ލީގުގައި ޔުނައިޓެޑްގެ މައްޗަށް ލިވަޕޫލް ކުރި ހޯދި ފުރަތަމަ ފަހަރެވެ.

ލިވަޕޫލްގެ މާނޭ (ވ) ހުއްޓުވަން ޔުނައިޓެޑްގެ އެޝްލީ ޔަންގް މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗު ފަށައިގެން 24 ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑުނަގައިދިނީ ފަބީނިއޯ ދިން ބޯޅައަކުން ސަޑިއޯ މާނޭ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން އެއްވަރުކުރީ ޖެސޭ ލިންގާޑް ޖެހި ގޯލުންނެވެ. މެޗުގެ 33 ވަނަ މިނިޓްގައި ލިންގާޑް މި ލަނޑު ޖެހީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

ފުރަތަމަ ހާފު އެއްވަރުވެގެން ނިމުނުއިރު، ދެ ވަނަ ހާފްގައި ލިވަޕޫލް ކޮޅަށް ނަތީޖާ އަނބުރާލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޒެރްޑަން ޝަގީރީ އެވެ. ޝަގީރީ ވަނީ ދެ ވަނަ ހާފުގެ ފަހު 20 މިނިޓުގައި ކުޅެން އަރައި ހަތް މިނިޓްގެ ތެރޭގައި ދެ ލަނޑު ޖަހައިފަ އެވެ. ޝަގީރީ ޖެހި ދެ ބޯޅަ ވެސް ގޯލަށް ވަނީ ޔުނައިޓެޑް ކުޅުންތެރިއަކު ފައިގައި ޖެހިފައި ގޮހެވެ.

"ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަހަރެން ކުޅެން އެރިއިރު ކޯޗު އެދުނީ ޓީމަށް އެހީވާން. އަހަންނަށް އެކަން ކޮށްދެވިއްޖެ. މުޅި ޓީމަށް އެހީވެވުނީތީ އަހަރެން އުފާކުރަން. މިއީ މުޅި ޓީމުގެ މަސައްކަތް،" މިދިޔަ ސީޒަނުގައި ރެލިގޭޓްވި ސްޓޯކް ސިޓީ ދޫކޮށް ލިވަޕޫލަށް މި ފަހަރު ބަދަލުވި ޝަގީރީ ބުންޏެވެ.

މިއީ މި ފަހަރުގެ ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމު ކަމަށްވާ ލިވަޕޫލްގެ ތާރީހުގައި އެ ޓީމުން ފުރަތަމަ 17 މެޗަށް ފަހު އެންމެ ނަތީޖާ ރަނގަޅު ހިސާބެއްގައި އޮތް ފަހަރެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް މެޗަށް ފަހު ބުނީ ފާއިތުވި ހަފްތާގައި ދެ މުބާރާތެއްގެ ވަރަށް މުހިއްމު ދެ މެޗެއް ކުޅެން ޖެހުނުއިރު، ދެ މެޗުގައި ވެސް ޓީމުގެ ކުޅުންތެރިން ދެއްކި ހިތްވަރު ފާހަގަކުރާ ކަމަށެވެ. އަދި މި މެޗުން މޮޅުވުމުން މިދިޔަ ތިން އަހަރު ދުވަހު ލިވަޕޫލަށް ނުވެ އޮތް ކަމެއް ހާސިލްވީ ކަމަށާއި މިއީ ޓީމުގެ ކުރިއެރުން ވަޒަންކުރެވޭނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.