ލިވަޕޫލާއި ޔުނައިޓެޑަށް ވަރުގަދަ މެޗުތަކެއް

ނިޔޯން، ސްވިޒަލެންޑް (ޑިސެމްބަރު 17) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މިދިޔަ އަހަރުގެ ރަނަރަޕް ލިވަޕޫލް ދެ ވަނަ ބުރުގައި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާ ދެކޮޅަށް ކުޅެން ޖެހުނުއިރު، މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާނީ ފްރާންސްގެ ގަދަބާރު ޕީއެސްޖީއާ ދެކޮޅަށެވެ.


ލިވަޕޫލާއި ބަޔާން އެންމެ ފަހުން ވާދަވެރި މެޗެއްގައި ނުކުތީ 2001 ވަނަ އަހަރުގެ ޔުއެފާ ސުޕަ ކަޕްގަ އެވެ. އެ ފަހަރު ލިވަޕޫލުން ވަނީ ބަޔާން އަތުން 3-2 އިން މޮޅުވެ ސުޕަ ކަޕް އުފުލާލައިފަ އެވެ. އޭގެ ފަހުން މިދިޔަ ސީޒަނުގައި ޕްރީ ސިޒަނުގައި މި ދެ ޓީމު ކުޅުނެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ ބަޔާނުގެ އެންމެ ވާދަވެރި ކްލަބް ބޮރޫޝިއާ ޑޯޓްމަންޑް ކޯޗަކަށް ހުރިއިރު ދެ ފަހަރެއްގެ މަތިން ބަޔާންގެ ކޯޗަކަށް ވާން ލިބުނު ފުރުސަތު ދޫކޮށްލައިފަ އެވެ.

މި ފަހަރުގެ މުބާރާތުގެ ތަށްޓައް ވާދަކުރާނެ ކަމަށް ބެލެވޭ ޕީއެސްޖީ ވަނީ ގްރޫޕް ސްޓޭޖުގައި ލިވަޕޫލް ބަލިކޮށްފަ އެވެ. ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅޭ ޔުނައިޓެޑް މި ފަހަރުގެ މުބާރާތުގައި ނެރުނު އެންމެ ރަނގަޅު ނަތީޖާ އަކީ ރަށުންބޭރުގައި ޔުވެންޓަސް އަތުން މޮޅުވުމެވެ. ޕީއެސްޖީ އާއި ޔުނައިޓެޑް މީގެ ކުރިން ޗެމްޕިއަންސް ލީގުގައި ބައްދަލުނުކުރެ އެވެ. މިއީ މި ދެ ޓީމު މި މުބާރާތުގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޕީއެސްޖީ އަންނަނީ ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދައްކަމުންނެވެ.

އެންމެ ފަހުން ތިން ފަހަރުގެ ޗެމްޕިއަން އަދި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް ދެ ވަނަ ބުރުގައި ކުޅޭނީ 2006 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް މި މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރުކުރި ނެދަލެންޑްސްގެ ގަދަބާރު އަޔަކްސްއާ އެވެ. ޒުވާން ކުޅުންތެރިން ގިނަ އަޔަކްސް ވަނީ މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ގްރޫޕް ސްޓޭޖުގައި މެޗަކުން ބަލިނުވެ ނިންމާލި ބާސެލޯނާ ދެ ވަނަ ބުރުގައި ކުޅޭނީ ފްރާންސްގެ ލިޔޯނާ ދެކޮޅަށެވެ. ލިޔޯނާ ދެކޮޅަށް މި މުބާރާތުގައި ބާސެލޯނާގެ ރެކޯޑް ރަނގަޅެވެ. ލިޔޯން އަތުން ބާސެލޯނާ ވަނީ ގިނަ މެޗުތަކަކުން ކާމިޔާބު ހޯދައިފަ އެވެ. މި ފަަހަރުގެ މުބާރާތުގައި ލިޔޯން ވަނީ ރަށުންބޭރުގައި މެންޗެސްޓާ ސިޓީ ބަލިކޮށްފަ އެވެ. ޕެޕް ގާޑިއޯލާގެ ސިޓީ ދެ ވަނަ ބުރުގައި ބައްދަލުކުރާނީ ޖަރުމަނުގެ ޝާލްކާއާ އެވެ.

އުނދަގޫ ގްރޫޕަކުން ފަހު ވަގުތު ދެ ވަނަ ބުރަށް ދެމިގަތް ޓޮޓެންހަމް ހޮޓްސްޕާސް ބައްދަލުކުރާނީ ޖަރުމަނު ލީގުގެ އެއް ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑާ އެވެ. ގްރޫޕް ސްޓޭޖުގައި ވަރުގަދަ ކުޅުމެއް ދެއްކި ޑޯޓްމަންޑް ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ގެނެސް މި ފަހަރުގެ ޗެމްޕިއަންސް ލީގަށް އަމާޒުހިފާފައިވާ ޔުވެންޓަސް ދެ ވަނަ ބުރުގައި ބައްދަލުކުރާނީ މި ފަހަރުގެ ފައިނަލް ކުޅޭ ސްޓޭޑިއަމް ނިސްބަތްވާ ޓީމު ކަމަށްވާ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. މިދިޔަ އަހަރުގެ ސެމީ ފައިނަލުގައި ކުޅުނު އިޓަލީގެ ރޯމާ ދެ ވަނަ ބުރުގައި ކުޅޭނީ މިދިޔަ އަހަރު މި ބުރުން ކެޓި ޕޯޗުގަލްގެ ޕޯޓޯއާ ދެކޮޅަށެވެ. މި މުބާރާތުގެ ތަށި 2004 ވަނަ އަހަރު އުފުލާލި ޕޯޓޯ މި ފަހަރު ވަނީ މި މުބާރާތުގައި ތަފާތު ދައްކައިފަ އެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ފެށިގެން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީހޯދަން ވަނީ ނިންމައިފަ އެވެ. ގިނަ ޓީމުތަކުން ވަނީ މި ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ މެޗުތައް އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 12-13، 19-20 އަދި މާޗް މަހުގެ 5-6، 12-13 ގަ އެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަަނަ ބުރުގެ މެޗުތައް:

ޝާލްކާ - މެންޗެސްޓާ ސިޓީ

އެތުލެޓިކޯ މެޑްރިޑް - ޔުވެންޓަސް

މެންޗެސްޓާ ޔުނައިޓެޑް - ޕީއެސްޖީ

ޓޮޓެންހަމް ހޮޓްސްޕާސް - ބޮރޫޝިއާ ޑޯޓްމަންޑް

ލިޔޯން - ބާސެލޯނާ

ރޯމާ - ޕޯޓޯ

އަޔަކްސް - ރެއާލް މެޑްރިޑް

ލިވަޕޫލް - ބަޔާން މިއުނިކް