ލިވަޕޫލަށް ހަތަރު ޕޮއިންޓުގެ ލީޑެއް

ވުލްވަހެމްޓަން، އިންގްލެންޑް (ޑިސެމްބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން 2-0 އިން ވުލްވްސް ބަލިކޮށް ލިވަޕޫލުން ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.


ލިވަޕޫލް އެއް ވަނައިގައި އޮތީ 18 މެޗުން 48 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 17 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ކްރިސްޓަލް ޕެލަސްގެ މައްޗަށް ކުރިހޯދައިގެން ލިވަޕޫލާ އެއް ޕޮއިންޓަށް ގާތަށް ޖެހިލުމުގެ ފުރުސަތު ސިޓީ އަށް އެބައޮތެވެ.

މި ފަހަރު ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ވުލްވްސް ވަނީ އެ ޓީމުގެ ދަނޑުގައި ކުޅުނު މެޗުތަކުން ސިޓީއާ އެއްވަރުކޮށް އަދި ޗެލްސީ ބަލިކޮށްފަ އެވެ. އެހެން ކަމުން މި މެޗު އުނދަގޫވާނެ ކަމަށް ލިވަޕޫލް އޮތީ ތައްޔާރުވެގެންނެވެ.

ވުލްވްސްގެ މޮލިނެކްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފަށައިގެން 18 ވަނަ މިނިޓްގައި ފަބީނިއޯ ދިން ބޯޅައަކުން ލިވަޕޫލަށް ލީޑުނަަގައިދިނީ މުހައްމަދު ސަލާހު އެވެ. މިއީ މި ފަހަރު ލީގުގައި ސަލާހު ޖެހި 11 ވަނަ ގޯލެވެ. މިއާ އެކު އޭނާ ވަނީ ލީގުގެ ލަނޑު ލިސްޓުގެ ކުރިއަށް އަރައިފަ އެވެ.

ފުރަތަމަ ހާފުގައި ވުލްވްސް އިން ވެސް ވަނީ ލިވަޕޫލް ގޯލާ އަމާޒުކޮށް ހަަމަލާ ފޮނުވާލައިފަ އެވެ. އެޑަމާ ޓްރައޯރޭ އާއި މެޓް ޑޮހަޓީ ޖެހި ބޯޅަތައް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ ހުއްޓުވައިފަ އެވެ.

ލިވަޕޫލަށް ލީޑުފުޅާކޮށްދިނީ މެޗުގެ 68 ވަނަ މިނިޓްގައި ނެދަލެންޑްސްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް އެވެ. ސަލާހު ނަގައިިދިން ހުރަހަކުން ވެން ޑައިކް ވަނީ ހަމަޖެހިލާފައި ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މިއީ މިދިޔަ ޖެނުއަރީ މަހު ލިވަޕޫލަށް ދުނިޔޭގެ ރެކޯޑް އަގަކަށް ބަދަލުވި ވެން ޑައިކް ލީގުގައި ޖަހައިދިން ފުރަތަމަ ގޯލެވެ.

ބޯ ވިއްސާރައިގެ ތެރޭގައި ކުޅެމުން ދިޔަ މި މެޗުގައި ލިވަޕޫލަށް ތިން ވަނަ ލަނޑެއް ޖަހައިދޭން ސަލާހާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖިއޮޖީނިއޯ ވައިނަލްޑަމް އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ސަލާހު ފޮނުވާލި ބޯޅަ ވުލްވްސް ކީޕަރު ރުއީ ޕަޓްރީސިއޯ މަތަކުރިއިރު، ވައިނަލްޑަމް ޖެހި ބޯޅަ ދިޔައީ އަމާޒުނުވެ އެވެ.

ފާއިތުވި 10 އަހަރަށް ބަލާއިރު ޑިސެމްބަރު 25 އާ ހަމައަށް ލީގުގެ އެއް ވަނަ ހޯދި ގިނަ ޓީމުތަކުން ވަނީ ލީގު ކާމިޔާބުކޮށްފަ އެވެ. އެހާ ހަމައަށް ލީގުގެ އެއް ވަނައިގައި އޮވެފައި ޗެމްޕިއަންކަން ނުހޯދި ދިޔައީ ދެ ފަހަރު އެވެ. އެ ދެ ފަހަރު ވެސް ލީގު ގެއްލުނީ ލިވަޕޫލަށެވެ.

މި ފަހަރު ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ރޭގެ މެޗަށް ފަހު ބުނީ މިއީ ހުރިހާ ގޮތަކުން ބެލިޔަސް ފުރިހަމަ މޮޅެއް ކަމަށެވެ. އަދި ލީގު ކާމިޔާބުކުރަން ކުރަން ޖެހޭ މަސައްކަތް ގިނަ ކަމަށާއި އޭނާގެ ނަޒަރުގައި އެކަން ކުރަން 100 އަށް ވުރެން ގިނަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށެވެ.