ހާއްސަ މެޗުގައި ވާދަކުރާ އެފްއޭއެމް ޓީމުގައި އެހާރާއި މިހާރުގެ ތަރިން

ގޯލްކީޕަރު އިމްރާން މުހައްމަދު ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލުމުގެ ގޮތުން ބާއްވާ ހާއްސަ މެޗުގައި ވާދަކުރާ އެފްއޭއެމްގެ ޓީމުގައި ރާއްޖޭގެ ފުޓްބޯޅައިގެ ކުރީގެ ތަރިންނާއި މިހާރުގެ ޒުވާން ތަރިން ހިމަނައިފި އެވެ.


މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމް އާއި އެފްއޭއެމް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ މި އަހަރުގެ ހަފުލާގެ ބަޔެއްގެ ގޮތުގައި ކުޅޭ މި މެޗު އޮންނާނީ އާދީއްތަ ދުވަހުގެރޭ ގަލޮޅު ދަނޑުގަ އެވެ.

އިމްރާން ނަގާފައިވާ "އިންމަ 11" އާ ދެކޮޅަށް ނުކުންނަ "އެފްއޭއެމް 11" ގެ އެންމެ ހާއްސަ ދެ ކުޅުންތެރިންނަކީ މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ގޯލްކީޕަރު ޕީޓާ ޝުމައިކަލް އާއި ރެއާލް މެޑްރިޑުގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ އެވެ. ދެން ހިމެނެނީ 1991 ވަނަ އަހަރުގެ ސާފް ގޭމްސް އިން ފެށިގެން މި އަހަރުގެ ސާފް ޗެމްޕިއަންޝިޕާ ހަމަޔަށް އެކި ދުވަސްވަރު ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިންނެވެ.

އޭގެ ތެރޭގައި ކުރީގެ ހުނަރުވެރި ދެ ފޯވާޑުން ކަމަށްވާ އިސްމާއިލް އާސިފް (ކުޑަހީނާ) އާއި މުހައްމަދު ވިލްދާން ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން އިސްމާއިލް އަނިލް އާއި އަލީ ރަޝީދު (ސިލާޗީ) އާއި އަބްދުﷲ އާމިރު (އައްލޯ) އާއި މުހައްމަދު ނަޒީހާއި ފަންތޮށި މުހައްމަދު ނާޒިމާއި ޔޫސުފް އަޒީމް (ޔޫއްޓޭ) އާއި އަދި އަންވަރު އަބްދުލްގަނީ ހިމެނެ އެވެ. އަދި ކުރީގެ ގޯލްކީޕަރު މުހައްމަދު ޝިނާން (ނާނި) އާއި އަހުމަދު ނިއާޒާއި މުހައްމަދު އާތިފް ޓީމުގައި ހިމެނެ އެވެ.

މިހާރުގެ ކުޅުންތެރިންގެ ތެރެއިން މި ޓީމުގައި ތިބި ބައެއް ކުޅުންތެރިންނަކީ ދާދި ފަހުން ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ގައުމީ ޓީމުގެ ކުޅުންތެރިންނެވެ. އެއީ ކެޕްޓަން އަކްރަމް އަބްދުލްގަނީ އާއި އަލީ ފާސިރު (ސެންޓޭ) އާއި އަސަދުﷲ އަބްދުﷲ އާއި މުހައްމަދު އާރިފް (ބަކާ) އާއި އިބްރާހިމް ވަހީދު ހަސަން އަދި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.

މީގެ އިތުރުން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) އާއި ކުރީގެ އިތުބާރު ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) އާއި އަހުމަދު އަބްދުﷲ (ލިލީ) އާއި މުހައްމަދު ރަޝީދު (ހޮކޭ) އާއި އަދި ހުނަރުވެރި ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) ވެސް ޓީމުގައި ހިމެނެ އެވެ.

މި ޓީމުގެ ކޯޗަކީ މި އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޓީސީ ސްޕޯޓްސް ކްލަބަށް ކާމިޔާބުކޮށްދިން މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. އޭނާގެ އެހީތެރިންނަކީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރާއި ގައުމީ ޓީމުގައި ކުރިން މަސައްކަތްކޮށްފައިވާ އަލީ ނާޝިދު (އޮގަރު އައްޔަ) އާއި މުހައްމަދު ޝާޒްލީ އެވެ. މެނޭޖަރަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭން ކާމިޔާބުކުރިއިރު މެނޭޖަރަކަށް މަސައްކަތްކުރި މުހައްމަދު ހާނިމެވެ.

އިމްރާން ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި އަލީ އަޝްފާގް (ދަގަނޑޭ) އާއި އައްސަދު އަބްދުލްގަނީ އާއި އަލީ އުމަރާއި އަހުމަދު ތޯރިގް (ޓޮމް) ހިނެނެ އެވެ. އަދި އާދަމް އަބްދުއްލަތީފް (ލައްޗޭ)، ޝާހު އިސްމާއިލް (ސާޔާ)، މުހައްމަދު އިބްރާހިމް (ކައްޕި)، ތޮއްޑޫ މުހައްމަދު ނިޒާމް އަދި އަލީ ޝިހާމް (ހުރާ އައްޔަ) އަކީ ވެސް އެ ޓީމުން ފާހަގަކޮށްލެވޭ ކުރީގެ ތަރިންތަކެވެ. ކޯޗަކީ އިމްރާނަށް 2000 ވަނަ އަހަރު ގައުމީ ޓީމުން ފުރުސަތު ހޯދައިދިން އޭރުގެ ކޯޗު ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފެވެ.