އެއްވެސް ޓީމަކަށް ލީގުގެ ޔަގީންކަމެއް ނުދެވޭނެ: ކްލޮޕް

ލިވަޕޫލް (ޑިސެމްބަރު 25) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު ލިވަޕޫލް އޮތް ނަމަވެސް އެއްވެސް ޓީމަކަށް ލީގުގެ ޗެމްޕިއަންކަން ލިބޭނެ ކަމުގެ ޔަގީންކަމެއް ނުދެވޭނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.


ފާއިތުވި 10 އަހަރަށް ބަލާއިރު ޑިސެމްބަރު 25 އާ ހަމައަށް ލީގުގެ އެއް ވަނަ ހޯދި ގިނަ ޓީމުތަކުން ވަނީ ލީގު ކާމިޔާބުކޮށްފަ އެވެ. އެހާ ހަމައަށް ލީގުގެ އެއް ވަނައިގައި އޮވެފައި ޗެމްޕިއަންކަން ނުހޯދި ދިޔައީ ދެ ފަހަރު އެވެ. އެ ދެ ފަހަރު ވެސް ލީގު ގެއްލުނީ ލިވަޕޫލަށެވެ.

"އަހަންނަށް ފެނުނު އެވަޓަންއާ ދެކޮޅަށް ޓޮޓެންހަމުން ދެއްކި ކުޅުން. އެ މީހުންނަކީ ލީގަށް ވާދަކުރާނެ ޓީމެއްކަން ކުރިން ވެސް އަހަންނަށް އެނގޭ. އެއީ އެވަރުގެ ސްކޮޑެއް އެބައޮތް. ދެން އާސެނަލާއި ޗެލްސީ ވެސް މި ރޭހުގައި އަހަރެން ގުނާނަން. އެއްވެސް ޓީމަކަށް ފަސޭހައެއް ނުވާނެ. އަދި ލީގު ލިބޭނެ ކަމުގެ ޔަގީންކަން އެއްވެސް ޓީމަކަށް ނުދެވޭނެ،" މާދަމާރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކްލޮޕް ބުންޏެވެ.

ލީގުގައި މިހާތަނަށް މެޗަކުން ބަލިނުވެ ލިވަޕޫލް އޮތްއިރު އެ ޓީމަށް އެ ގޮތުގައި ސީޒަން ނިންމާލެވިދާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ކްލޮޕް ދިނީ ނުސީދާ ޖަވާބެކެވެ.

"އެއްވެސް މެޗަކަށް ބަލިވާން އަހަރެމެން ނުނިކުންނާނަން. އަހަރެން ކޯޗުކޮށްދޭ ޓީމެއް ނުކުންނާނީ އެޓޭކިން ގޭމެއް ކުޅެ މޮޅުވާން،" ކްލޮޕް ބުންޏެވެ.

މިދިޔަ ސީޒަނުގައި ރޯމާ ދޫކޮށް ލިވަޕޫލަށް ބަދަލުވި މިސްރުގެ ތަރި މުހައްމަދު ސަލާހު ވަނީ ފުރަތަމަ އަހަރު މުޅި ސީޒަނުގައި 44 ގޯލު ޖަހައިފަ އެވެ. މިދިޔަ މެއި މަހު އޮތް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑްގެ ސާޖިއޯ ރާމޯސް އަތުން ސަލާހުގެ ކޮނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން މި ސީޒަނުގެ ފުރަތަމަ މެޗުތަކުގައި އޭނާ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. އެކަމަކު ފަހަކަށް އައިސް އޭނާ އަންނަނީ ކުރީގެ ކުޅުން ދައްކަމުންނެވެ. ސީޒަނުގައި މިހާތަނަށް އޭނާ ވަނީ 14 ގޯލު ޖަހައިފަ އެވެ.

މިދިޔަ މެއި މަހު އޮތް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސަލާހު (ކ) އަތުން ބޯޅަ ހޯދަން ރާމޯސް މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ

"ސީޒަނުގެ ފުރަތަމަ މެޗުގައި ސަލާހު ހުރީ އެއްކޮށް ފިޓްކޮށެއް ނޫން. އަހަރެމެންނަށް ބުނެވޭނެ އޮފީހެއްގައި މަސައްކަތްކުރާ މީހެއްގެ ކޮނޑު 100 ޕަސެންޓް ފިޓް ނޫނަސް އެއީ މައްސަލައެއް ނޫނޭ. އެކަމަކު ފުޓްބޯޅަ ކުޅުންތެރިއަކަށް އެއީ ގެއްލުމެއް. އެ ކުޅުންތެރިއެއްގެ ކޮނޑުގައި މައްސަަލަ އެއް ހުރެފިއްޔާ އެ ގެއްލެނީ ކުޅުންތެރިއާގެ 10 ނޫނީ 15 ޕަސެންޓް،" ސަލާހުގެ ކޮނޑަށް ލިބުނު އަނިޔާ އަށް އިޝާރާތްކޮށް ކްލޮޕް ބުންޏެވެ.

ކުރިއަށް އޮތް ހަފްތާއެއް ހާ ދުވަސްތެރޭގައި ތިން މެޗު ކުޅެން ޖެހޭއިރު ކްލޮޕް ބުނީ އެ ޓީމަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކުގެ ސަބަބުން އެ މެޗުތަކަށް އަސަރުކުރާނެ ކަމަށް ނުދެކޭ ކަމަށާއި އެ މަގާމުތައް ފޫބެއްދޭވަރުގެ ކުޅުންތެރިން އެބަތިބި ކަމަށެވެ.

ލިވަޕޫލާއި ނިއުކާސަލް ކުޅޭ މެޗު ފަށާނީ މާދަމާރޭ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.