ރޮނާލްޑޯއާ އޮތް ވާދަވެރިކަމުގެ ފައިދާ ކުރީ ސަޕޯޓަރުންނަށް: މެސީ

ބާސެލޯނާ (ޑިސެމްބަރު 28) - އޭނާއާ ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެމެދުގައި އޮތް ވާދަވެރިކަމުގެ އެންމެ ބޮޑު ފައިދާއެއް ކުރި އެއް ބަޔަކީ ފުޓްބޯޅަ ސަޕޯޓަރުން ކަމުގައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ބުނެފި އެވެ.


ފާއިތުވި ބާރަ ވަރަކަށް އަހަރު އެންމެ ބޮޑެތި އެވޯޑްތައް ލިބުނީ މެސީ އާއި ރޮނާލްޑޯ އަށެވެ. ރޮނާލްޑޯ އާއި މެސީގެ ވާދަވެރިކަން ކްލަބް ލެވެލާއި ގައުމީ ޓީމުގައި ވެސް ފެނިގެންދިޔަ އެވެ. ރެއާލް މެޑްރިޑް ދޫކޮށް މި ސީޒަނުގައި އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވި ރޮނާލްޑޯ އަންނަނީ އެ ޓީމުގައި ވެސް މޮޅު ކުޅުން ތަކުރާރުކުރަމުންނެވެ. އެހެންވެ މެސީ ވެސް އެ ލީގަށް އައިސް ތަފާތު ދައްކަން ރޮނާލްޑޯ ޗެލެންޖްކުރީ އެވެ. އޭގެ ނުސީދާ ޖަވާބަކަށް މެސީ ބުނީ އޭނާ ހުރީ ދުނިޔޭގެ އެންމެ މޮޅު ކްލަބްގައި ކަމަށެވެ.

ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މެސީ ވަނީ ރޮނާލްޑޯއާ ދެމެދު އޮތް ވާދަވެރިކަމާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.

"އަހަރެމެން އެއް ލީގެއްގައި ވާދަކުރިއިރުގެ ހަނދާންތައް ވަރަށް ފުރިހަމަ ކޮންމެ ކާމިޔާބެއް ހޯދަން ދެ މީހުން މަސައްކަތްކުރީ. ވަރަށް ފުރިހަމަ ވާދަވެރިކަމެއް ފެނުނީ. އޭގެ ސަބަބުން އަހަރެމެން ދެ މީހުންނަށް ވެސް ގިނަ ކުރިއެރުންތަކެއް ލިބުނު. އަދި މިއީ ސަޕޯޓަރުންނަށް ވެސް ވަރަށް ފައިދާތަކެއްވި ކަމެއް ފުޓްބޯޅައިގައި ގިނަ ކަންތައްތަކެއް ތަޖުރިބާކޮށްލަން ވެސް ލިބުނު،" މެސީ ބުންޏެވެ.

މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މެސީ ވަނީ އަލުން ނޭމާއާ އެއް ޓީމަކަށް ކުޅެން ޝައުގުވެރިވާ ކަމަށް ބުނެފަ އެވެ. ބާސެލޯނާ ދޫކޮށް ނޭމާ ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީ އަށް ބަދަލުވީ މިިދިޔަ އަހަރެވެ.

"ވަރަށް އެހެން ކަހަލަ ކަމެއް މެދުވެރިވެގެން ނޫނީ ޕީއެސްޖީން ނޭމާ ދޫކޮށްލާނެ ކަމަށް ނުފެނޭ. އެކަމަކު އެ ގޮތަށް އެކަންވާން އޮތިއްޔާ އަހަރެން އަލުން ނޭމާއާ އެއް ޓީމަކަށް ކުޅެން ބޭނުން. ނޭމާ އަކީ ޓީމް ޕްލޭޔަރެއް. ޕީއެސްޖީން އެހާ ފަސޭހައިން ނޭމާ ދޫކޮށްލާނެ ކަމަށް ގަބޫލެއް ނުކުރަން،" މެސީ ބުންޏެވެ.

އަލުން ކޯޗަކާ އެކު މަސައްކަތް ކޮށްލުމުގެ ފުރުސަތެއް ލިބޭނަމަ އެންމެ ބޭނުމީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ އެކު މަސައްކަތްކުރުމަށް ކަމަށް މެސީ ވަނީ ބުނެފަ އެވެ. މެސީގެ ވިދުން އެންމެ ބޮޑަށް ގަދަވީ ބާސެލޯނާގެ ކޯޗަކަށް ގާޑިއޯލާ ހުރިއިރު އެވެ.