ލިވަޕޫލްގެ ކުރިއެރުމުން މިސާލު ނެގިދާނެ: އެމެރީ

ލަންޑަން (ޑިސެމްބަރު 29) - އޭނާ އާސެނަލުގައި ކުރިއަށްދާއިރު އެންމެ ރަނގަޅަށް މިސާލު ނެގޭނީ މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ ލިވަޕޫލުން ކަމަށް އާސެނަލުގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.


ބާވީސް އަހަރަށް ފަހު އާސެނަލްގެ ކޯޗުކަމުން އާސެން ވެންގާ ވަކިވެ މި ސީޒަނުގައި އެ ޓީމާ އެމެރީ ހަވާލުވި ފަހުން ނިސްބަތުން އެ ޓީމު އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. ސެވިއްޔާ ކޯޗެއްގެ ގޮތުގައި ހުރެ އެމެރީ ވަނީ 2016 ވަނަ އަހަރު ޔޫރޮޕާ ލީގުގެ ފައިނަލުގައި ލިވަޕޫލް ބަލިކޮށްފަ އެވެ.

އެމެރީ ބުނީ އޭރާ އަޅާކިޔާއިރު ލިވަޕޫލް އޮތީ މިހާރު މުޅިން ތަފާތުކޮށް ކަމަށެވެ.

"އޭރުން ފެށިގެން މިހާރަށް ބަލާއިރު އަހަންނަށް އެބަފެނޭ ލިވަޕޫލްގެ ކުރިއެރުން. އަހަރެން މި ވަގުތު ހުއްޓިގެން މިހުރި މަގާމަށް ބަލާއިރު ލިވަޕޫލަކީ އަހަންނަށް މިސާލެއް. އެއީ މި ޓީމު އެހެން ހަރުފަތަކަށް ގެންދަން އަހަރެން ކުރާ މަސައްކަތުގައި ލިވަޕޫލު ދިޔަ މަގުން ދެވިދާނެ. އެންމެ މުހިއްމު ކަމަށް އަހަރެން ބޭނުންވަނީ އިތުބާރާ އެކު ކުރިއަށް ދިއުން،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެމެރީ ބުންޏެވެ.

ލީގުގެ އެއް ވަނައިގައި މި ވަގުތު ލިވަޕޫލް އޮތީ 19 މެޗުން 51 ޕޮއިންޓާ އެކު އެވެ. އާސެނަލް ފަސް ވަނައިގައި އޮތީ 19 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. އެމެރީ ބުނީ ލިވަޕޫލް ދަނޑުގައި ކުޅޭ މި މެޗުން އެ ޓީމަށް ރަނގަޅު ނަތީޖާއެއް ނެރެވިއްޖެނަމަ މިއީ ކުރިއަށްދާން ލިބޭ ވަރަށް ބޮޑު ހިތްވަރަކަށްވާނެ ކަމަށެވެ.

"ލިވަޕޫލަށް ލީޑު ދަމަހައްޓަން މި ޕޮއިންޓްތައް މުހިއްމުވާއިރު އަހަރެމެންނަށް މި ޕޮއިންޓްތައް ވަރަށް މުހިއްމު ގަދަ ހަތަރެއްގެ ތެރޭގައި ހަމަޖެހިލަން. އެގޮތަށް ވިސްނާއިރު ދެ ޓީމަށް ވެސް އޮތް ޗެލެންޖް ބޮޑު،" އެމެރީ ބުންޏެވެ.

ޕީއެސްޖީގައި އެމެރީ ހުރިއިރު ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު ގަންނަން ފުރުސަތު ލިބުނު ކަމަށާއި އޭގެ ބޭނުން ނުހިފީ އެ ވަގުތު ޕީއެސްޖީ ޓީމުގައި ސަލާހުގެ މަގާމަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ތިބުމުން ކަމަށް ބުންޏެވެ.

"ސަލާހު ގެންނަން ގިނަ މަޝްވަރާތަކެއް ކުރިން. އަހަރެމެން (ސަލާހު ގަތުމުގެ) ރޭހުން ބޭރުވީ ވަރަށް ވިސްނާފައި،" އެމެރީ ބުންޏެވެ.

ލިވަޕޫލާއި އާސެނަލް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 22:30 ގަ އެވެ.