ލިވަޕޫލް އޮންނާނީ ހަމަބިމުގައި: ކްލޮޕް

ލިވަޕޫލް (ޑިސެމްބަރު 30) – ރޮބާޓޯ ފިރްމީނިއޯގެ ހެޓްރިކާ އެކު 5-1 އިން އާސެނަލް ބަލިކޮށް 29 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިނގިރޭސި ލީގު ޗެމްޕިއަންކަން ހޯދުމުގެ އުއްމީދު ބޮޑުކުރަމުން އައި ނަމަވެސް، ހަމަބިމުން ނައްޓާނުލާނެ ކަމަށާއި ކުޅުންތެރިން ތިބެން ޖެހޭނީ ސަމާލުވެގެން ކަމަށް ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.


މީގެ 11 އަހަރު ކުރިން އާސެނަލް ކޮޅަށް ޕީޓާ ކްރައުޗް ހެޓްރިކް ހެދި ފަހުން އެ ޓީމު ކޮޅަށް ހެޓްރިކެއް ހެދި ފުރަތަމަ ކުޅުންތެރިޔާ އަށް ރޭ ފިރްމީނިއޯވީ އިރު އަނެއް ދެ ފޯވާޑުން ކަމަށްވާ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ ވެސް ގޯލް ޖެހި އެވެ. މިއީ މި ތިން ކުޅުންތެރިން މި ސީޒަނުގެ ލީގުގައި އެއް މެޗެއްގައި ގޯލް ޖެހި ފުރަތަމަ ފަހަރެވެ.

އެއް ވަނައިގައި އޮތް ލިވަޕޫލަށް ވަނީ މި މޮޅާ އެކު، ދެ ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސްގެ މައްޗަށް 10 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމު ވަނީ ރޭ ކުޅުނު މެޗުން ވުލްވްސް އަތުން 3-1 އިން ބަލިވެފަ އެވެ. ތިން ވަނައިގައި 44 ޕޮއިންޓާ އެކު އޮތް މެންޗެސްޓާ ސިޓީ އަށް އިތުރު މެޗެއް އޮތުމުން އެ ޓީމަށް ލިވަޕޫލާ ތަފާތު ކުޑަކުރުމުގެ ފުރުސަތު އެބައޮތެވެ. ސައުތުހެމްޓަންއާ ދެކޮޅަށް މިރޭ ކުޅޭ އެ މެޗަށް ފަހު ބުރާސްފަތި ދުވަހުގެރޭ ސިޓީ ބައްދަލުކުރާނީ ލިވަޕޫލާ އެވެ. މި މެޗުން ލީގު ޗެމްޕިއަނުންގެ ރޭހުގެ މިސްރާބު އެނގިގެންދާނެ އެވެ.

އެ މެޗު ވެސް އޮތުމާ އެކު ކްލޮޕް ބުނީ ބުނީ ހަމަބިމުގައި ތިބެން ޖެހޭ ކަމަށާއި ކުޅުންތެރިން ތިބެން ޖެހޭނީ ހުރިހާ ގޮތަކުން ފޯކަސްކޮށްގެން ކަމަށެވެ.

"މޮޅު ޓީމަކާ ދެކޮޅަށް މޮޅު ކުޅުމެއް ދެއްކީ ޖުމްލަކޮށް. އިދިކޮޅު ޓީމުން ފުރަތަމަ ލީޑު ނެގި ނަމަވެސް މެޗު އަނބުރާލަން އަހަރެމެން ޓީމުން ކުރި މަސައްކަތް ވަރަށް ރަނގަޅު،" ކްލޮޕް ބުންޏެވެ.

ލިވަޕޫލުގެ މެޗު ކުރިން ޓޮޓެންހަމް ބަލިވެފައިވާތީ އެކަމުގެ އަސަރު ކުރިތޯ އެހުމުން ކްލޮޕް ބުނީ ލިވަޕޫލުގެ ޗޭންޖިން ރޫމަށް އަސަރު ނުފޯރާ ކަމަށެވެ. އަދި އޭނާ ބޭނުންވަނީ ލިވަޕޫލް އަބަދުވެސް އެގޮތުގައި، ސީދާ މެޗަށް ސަމާލުކަންދިނުން ކަމަށާއި އެހެން ކަންކަމާ މެދު މިވަގުތު ވިސްނުން ރަނގަޅު ނޫން ކަމަށެވެ.

އެންފީލްޑުގައި ކުޅުނު މެޗުގެ 11 ވަނަ މިނެޓުގައި މެއިޓްލެންޑް-ނިލްސްގެ ގޯލުން އާސެނަލް ކުރި ހޯދި އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ފިރްމީނިއޯ ވަނީ ދެ މިނެޓުގެ ތެރޭ ދެ ގޯލް ޖަހައި މެޗު އަނބުރާލައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މާނޭ އަދި ޕެނަލްޓީއަކުން ސަލާހު ގޯލް ޖަހައި ތަފާތު ބޮޑުކުރި އެވެ. ލިވަޕޫލުގެ ފަސް ވަނަ ގޯލް 65 ވަނަ މިނެޓުގައި ފިރްމީނިއޯ ޖެހީ ޕެނަލްޓީއަކުންނެވެ.