ނޭމާ އަލުން ބާސާ އިން ފެންނަން ބޭނުން: މެސީ

ބާސެލޯނާ (ޑިސެމްބަރު 30) – ޕީއެސްޖީގެ ނޭމާ އެނބުރި ބާސެލޯނާއިން ފެންނަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި އެކަމަކު އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.


ނޭމާ މިދިޔަ އަހަރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށް ޕީއެސްޖީ އަށް ބަދަލުވީ މެސީގެ ހިޔަނިން ނުކުންނަން ކަމަށް މީޑިއާތަކުން ބުނެ އެވެ. ބާސެލޯނާގައި އޭނާ މޮޅަށް ކުޅުނު ނަމަވެސް މެސީގެ މޮޅު ކުޅުމާ އެކު އެކަމަށް ހިޔަނި އެޅެ އެވެ.

އެކަމަކު ޕީއެސްޖީގައި ނޭމާ އަށް އަދި މާބޮޑު ތަފާތުތަކެއް ނުދެއްކެ އެވެ. އަނެއްކޮޅުން ޔުއެފާގެ ފައިނޭންޝިއަލް ފެއާ ޕްލޭ ގަވާއިދުގެ ތެރެއަށް ކްލަބުގެ މާލީ ކަންކަން ފެއްތުމަށްޓަކައި އެ ކްލަބުން ނޭމާ ވިއްކާލުމުގެ ފުރުސަތު އެބައޮތެވެ. އެއާ އެކު އޭނާ އެނބުރި ބާސެލޯނާ އަށް ބަދަލުވެދާނެ ކަމަށް ވާހަކަދެކެވެ އެވެ.

"އެއީ އުނދަގޫ ހާލަތަކަށް ވާނީ. އަހަރެމެން ވަރަށް ބޭނުން އޭނާ އެނބުރި އަންނަން. އޭނާގެ ހުނަރުވެރިކަމުގެ ސަބަބުން. އަދި އެއަށް ވުރެ ބޮޑަށް އޭނާ ބޭނުންވާ ކަމަކީ، ޗޭންޖިން ރޫމަށް އޭނާ ގެންނާނެ އަސަރު،" މެސީ ބުންޏެވެ.

މެސީ ބުނީ އޭނާ އާއި ނޭމާ އަކީ އެކުވެރިން ކަމަށާއި އެކުގައި ގިނަ ކަންތައްތަކެއް ހާސިލްކޮށް ގިނަ ވަގުތުތަކެއް ހޭދަކޮށްފައިވާ ކަމަށެވެ. އެކަމަކު ޕީއެސްޖީން ނޭމާ ވިއްކާލަފާނެ ކަމަށް ހިޔާލަށް ވެސް ގެންނަން ދަތި ކަމަށާއި އެހެންވެ އޭނާ އެނބުރި ބާސެލޯނާ އަށް އައުމަކީ ނާދިރު ހާލަތެއް ކަމަށް މެސީ ދެކެ އެވެ.