އިމްރާންގެ ވަދާއީ މެޗަށް ރައީސް ދަނޑަށް ވަޑައިގަންނަވާނެ

ގޯލްކީޕަރު އިމްރާން މުހައްމަދު ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލުމުގެ ގޮތުން މިރޭ ގަލޮޅު ދަނޑުގައި ކުޅޭ ހާއްސަ ފުޓްބޯޅަ މެޗު ބައްލަވާލައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.


އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ މި ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގަތުމަކީ އެންމެންނަށް ލިބޭ ވަރަށް ބޮޑު އުފާވެރިކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު ކޮންފަމޭޝަން ހުރި ގޮތުން މި އިވެންޓުގައި އަޅުގަނޑުންމާ އެކު މި ސެލެބްރޭޝަންގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ،" ޖަވާޒް ވިދާޅުވި އެވެ.

ޖަވާޒް ވިދާޅުވީ ސަރުކާރުގެ އިސް ވެރިންނާއި އިމްރާނުގެ ފުޓްބޯޅަ ކެރިއަރުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ގިނަ ބަޔަކު މެހެމާނުންގެ ގޮތުގައި މިރޭ ދަނޑުން ފެންނާނެ ކަމަށެވެ.

މިރޭގެ މެޗުގައި ވާދަކުރާނީ އިމްރާނުގެ ޓީމާއި އެފްއޭއެމްގެ ޓީމެވެ. އެފްއޭއެމް ޓީމަށް ކޯޗުކޮށްދެއްވާނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (ބަލަކް) އެވެ. ސްކޫލް ދައުރުގައި މޮޅަށް ފުޓްބޯޅަ ކުޅުއްވި އަލީ ވަހީދު ވަނީ ދާދި ފަހުން އިނގިރޭސި ވިލާތުގައި ކޯޗިން ލައިސަންސެއް ވެސް ނަންގަވައިފަ އެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މެނޭޖަރަކީ އިމްރާން ވެސް ހިމެނިގެން ނިއު ރޭޑިއަންޓުން 2013 ވަނަ އަހަރުގެ ރާއްޖޭގެ ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކުރިއިރު އެ ކްލަބުގެ ޗެއާމަނެވެ.

އެ ޓީމުގެ ކޯޗަކަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް ކުރިން ހަމަޖެއްސި ނަމަވެސް ފަހުން އަލީ ވަހީދަށް އެ ފުރުސަތު ދިނީ މެޗުގައި ކުޅެން ނިޒާމްބެ ބޭނުންވާތީއާ ވެސް އެކު އެވެ.

އެފްއޭއެމް ޓީމުގެ އެންމެ މުހިއްމު ދެ ކުޅުންތެރިންނަކީ މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ގޯލްކީޕަރު ޕީޓާ ޝުމައިކަލާއި ރެއާލް މެޑްރިޑުގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ އެވެ.

އިމްރާން (ކ) އާއި ދަގަނޑޭ: މިރޭ ފެންނާނެ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ އިތުރުން ރާއްޖޭގެ ކުރީގެ ތަރިންނާއި މިހާރުގެ ތަރިން އޭނާގެ ޓީމުގައި ހިމެނޭނެ އެވެ. އޭގެ ތެރޭގައި އިސްމާއިލް އާސިފް (ކުޑަހީނާ) އާއި މުހައްމަދު ވިލްދާން ފަދަ ތަރިން ފާހަގަކޮށްލެވެ އެވެ. މިހާރުގެ ތަރިންގެ ތެރެއިން ގޯލްކީޕަރު މުހައްމަދު ފައިސަލާއި އަކްރަމް އަބްދުލްގަނީ އާއި އަލީ ފާސިރު (ސެންޓޭ) އަދި ނާއިޒް ހަސަން (ދާދު) ފަދަ ކުޅުންތެރިން ވެސް އެ ޓީމުގައި ހިމެނެ އެވެ.

އިމްރާން ނަގާފައިވާ އޭނާގެ ޓީމުގައި ގިނައީ އޭނާއާ އެކު 2000 ވަނަ އަހަރުން ފެށިގެން 2008 އަށް ގައުމީ ޓީމަށް އެކު ދުވަސްވަރު ކުޅުންތެރިންނެވެ. އަލީ އަޝްފާގް (ދަގަނޑޭ) ގެ އިތުރުން ކުރީގެ މަޝްހޫރު ތަރިން ކަމަށްވާ އަލީ އުމަރާއި އަލީ ޝިހާމާއި އައްސަދު އަބްދުލްގަނީ އާއި އާދަމް އަބްދުއްލަތީފް (ލައްޗޭ) އާއި ޝާހު އިސްމާއިލް (ސާޔާ) އަދި ތޮއްޑޫ މުހައްމަދު ނިޒާމް ފަދަ ކުޅުންތެރިން ހިމެނެ އެވެ. ކޯޗުކޮށްދޭނީ ގައުމީ ޓީމާއި ނިއު ރޭޑިއަންޓުގެ ކުރީގެ ކޯޗު ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފެވެ.

މި މެޗުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ވިއްކަން ފަށައިފަ އެވެ. ކުރީގެ ސިޑިބަރިން 50ރ. އަށް ޓިކެޓެއް ވިއްކާއިރު ގޮނޑިބަރިން ވިއްކާނީ 100ރ. އަށެވެ. ޓިކެޓް ފައިސާ އިން ބަޔެއް ހަދިޔާކުރަން ހަމަޖައްސާފައިވަނީ އިމްރާން އިހުތިޔާރުކުރި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް އަށެވެ.

މިއީ މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމް އާއި އެފްއޭއެމް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ މި އަހަރުގެ ހަފުލާގެ ގުޅުވައިގެން ވެސް ކުޅޭ މެޗެކެވެ.

އިމްރާން 2016 ވަނަ އަހަރު ރަސްމީކޮށް ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް އޭނާ އައީ ކްލަބް ފުޓްބޯޅަ ކުޅެމުންނެވެ. އޭނާ ދާދި ފަހުން ވެސް ބުނީ އަންނަ އަހަރު ވެސް ކުޅޭނެ ކަމަށާއި ފުޓްބޯޅަ ކެރިއަރު ހުއްޓާލާނެ ވަކި ދުވަހެއް އަދި ނުނިންމާ ކަމަށެވެ.