ލިވަޕޫލް ބަލިކޮށް ސިޓީން ލީގުގެ އުއްމީދު އާކޮށްފި

މެންޗެސްޓާ (ޖެނުއަރީ 4) – ލިވަޕޫލް 2-1 އިން ބަލިކޮށް އެ ޓީމުގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސް، ތާވަލުގެ ދެ ވަނަ އަށް އަރައި މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރުމުގެ އުއްމީދު އަނެއްކާ ވެސް އާކޮށްފި އެވެ.


މި ސީޒަނުގެ ލީގުގައި، 20 މެޗަށް ފަހު ލިވަޕޫލް ފުރަތަމަ ފަހަރަށް ރޭ ބަލިވި ނަމަވެސް 54 ޕޮއިންޓާ އެކު އަދިވެސް އެއް ވަނައިގައި އޮތީ އެ ޓީމެވެ. އެކަމަކު ސިޓީ ދެ ވަނަ އަށް އަރައި ހަތަރު ޕޮއިންޓަށް މިވަނީ ފަރަގުކުޑަކޮށްފަ އެވެ. ސިޓީ އަށް ލިބިފައިވަނީ 50 ޕޮއިންޓެވެ. ތިން ވަނަ އަށް ވެއްޓުނު ޓޮޓެންހަމް ހޮޓްސްޕާސް އޮތީ 48 ޕޮއިންޓާ އެކު އެވެ.

އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު މެޗުގެ 40 ވަނަ މިނެޓުގައި ސިޓީން ވަނީ ސާޖިއޯ އަގުއޭރޯގެ ގޯލުން ލީޑު ނަގައިފަ އެވެ. އޭރިއާގެ ބޭރު ރޮނގު ކައިރިން ބެނާޑޯ ސިލްވާ ދިން ބޯޅަ އޭރިއާ ތެރެއިން އަގުއޭރޯ ކޮންޓްރޯލްކޮށްލުމަށް ފަހު، ކައިރީގައި ހުރި ޑެޔާން ލޮވްރެނަށް އެއްވެސް ފުރުސަތެއް ނުދީ، ގޯލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލީ އެވެ.

ލިވަޕޫލުން ވަނީ ރޮބާޓޯ ފިރްމީނިއޯގެ ގޯލުން 64 ވަނަ މިނެޓުގައި އެއްވަރުކޮށްފަ އެވެ. ޓްރެންޓް އެލެކްސެންޑަ-އާނޯލްޑް އޭރިއާ ތެރެއަށް އޮއްސާލި ބޯޅަ އަށް އަރައި އެންޑްރިއު ރޮބަޓްސަން އެއް ފަހަރުން ހުރަސްކޮށްލުމުން ފިރްމީނިއޯ ވަނީ ވެއްޓިގެންފައި ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.

ސިޓީން މެޗުން މޮޅުވީ 72 ވަނަ މިނެޓުގައި ލެރޯއީ ސާނޭ ޖެހި ގޯލުންނެވެ. ލިވަޕޫލުގެ ކުރީގެ ފޯވާޑް ރަހީމް ސްޓާލިން ދިން ބޯޅަ އަށް އަރައި ސާނޭ ފޮނުވާލި ބޯޅަ، ލިވަޕޫލުގެ އެލެކްސެންޑަ-އާނޯލްޑްގެ ފައި ދޭތެރެއިން ގޮސް ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.

"ޓީމާ މެދު ފަހުރުވެރިވޭ،" ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ. "މިއަދު އެކަންޏެއް ނޫން. އަހަރެމެން އަތުން ހަތަރު ދުވަސް ތެރޭ ދެ މެޗު ގެއްލުނު. އެކަމަކު 16 މަސް ދުވަހު މި ކުޅުންތެރިން ކުރި މަސައްކަތް ހަނދާން ނައްތާލައިގެން ނުވާނެ. އަހަރެމެންނަށް އެނގޭ މިއަދަކީ ފައިނަލެއްކަން. ބަލިވެއްޖެއްޔާ ގާތްގަނޑަކަށް މިކަން ނިމުނީކަން."

ގާޑިއޯލާ ބުނީ ހުރިހާ ކްރެޑިޓެއް ހައްގުވަނީ ކުޅުންތެރިންނަށް ކަމަށާއި، ޕްރެޝަރު އޮތް ނަމަވެސް އެއްވެސް ވަރަކަށް ބިރުގަނެ ޖެހިލުން ނުވާ ކަމަށެވެ.

"ލީގުގެ ލީޑަރަކީ ލިވަޕޫލް. ހަތަރު ޕޮއިންޓުގެ ފަރަގެއް އެބައޮތް އެކަމަކު އަހަރެމެންނަށް މިހާރު ތަފާތު މި ކުޑަކުރެވުނީ. އަހަރެމެންނަށް އެނގޭ މޮޅުވެއްޖެއްޔާ ތަށި ހޯދުމުގެ ފުރުސަތު އޮންނާނެކަން. ބަލިވި ނަމަ މިކަން ނިމުނީ،" ގާޑިއޯލާ ބުންޏެވެ.

ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނީ ނިމިގެން ދިޔައީ ވަރަށް ޕްރެޝަރު ބޮޑު މެޗެއް ކަމަށާއި މައްސަލައަކަށްވީ ނިންމާލުމުގައި ލިވަޕޫލުގެ ނަސީބު ދެރަވުން ކަމަށެވެ.

"މެޗުގައި ދިޔަ ސިޓީން ޑޮމިނޭޓްކުރި ވަގުތުތަކެއް. އެންމެންނަށް ވެސް އެކަން އިހުސާސްކުރެވުނު. އެކަމަކު އަހަރެމެން އެނބުރި އައިސް، މުހިއްމު ފުރުސަތުތަކެއް ހޯދިން. އެކަމަކު އެ ފުރުސަތުގައި ލަނޑު ޖަހަން ޖެހޭނެ. އަގުއޭރޯ ލަނޑު ޖެހިއިރު އޭންގަލެއް ނެތް. އެފަދަ ހާލަތުގައި އަހަރެމެންނަށް ލަނޑު ނުޖެހުނު،" ކްލޮޕް ބުންޏެވެ.