ސްޕެއިނުގެ ޓީއެންޖީއެސް އިން އައްޑޫގައި ފުޓްބޯޅަ ތަމްރީން ދެނީ

ސްޕެއިނުގެ މަޝްހޫރު ދަ ނެކްސްޓް ޖެނެރޭޝަން ސްޕޯޓްސް (ޓީއެންޖީއެސް) އިން އައްޑޫ ސިޓީގައި ފުޓްބޯޅަ ޓްރެއިނިން ކޭމްޕެއް އިއްޔެ ފަށައިފި އެވެ.


ހަ ދުވަހުގެ މުއްދަތަކަށް ބާއްވާ މި ކޭމްޕުގައި ކުޅުންތެރިންގެ އިތުރުން ކޯޗުންނަށް ވެސް ތަމްރީން ދޭނެ އެވެ.

މިކަން އިންތިޒާމްކުރައްވާ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވީ މި ކޭމްޕުން ކުދިންނަށް ވަރަށް ފައިދާކުރާނެ ކަމަށާއި އަދި ފުރުސަތުތައް ވެސް ހުޅުވިގެން އަންނާނެ ކަމަށެވެ.

"ހަތަރު އަހަރު ކުރިން ދެކެން ފެށި ހުވަފެނެއް މިއީ. މިއީ ހުނަރުވެރި އައްޑޫގެ ކުޅުންތެރިންނަށް ޕްލެޓްފޯމެއް އަދި މުހިއްމު ފުރުސަތެއް. މިއީ އަދި ފެށުމެއް،" މަރުޒޫގު ވިދާޅުވި އެވެ.

މަރުޒޫގު ވިދާޅުވީ މި ކޭމްޕް ކޮންމެ އަހަރަކު ބާއްވައި އަދި ޓީއެންޖީއެސްގެ އެކަޑަމީއެއް އައްޑޫގައި ހުޅުވޭތޯ މަސައްކަތްކުރައްވާނެ ކަމަށެވެ.

މި ކޭމްޕުގައި ކޮންމެ ދުވަހަކު ހެނދުނު އޮންނާނީ އުމުރުން 14-16 އަހަރާ ދެމެދުގެ ކުދިންގެ ތަމްރީންތަކެވެ. އަދި ހަވީރު އޮންނަނީ 16-18 އަހަރާ ދެމެދުގެ ކުދިންގެ ތަމްރީންތަކެވެ.

މި ކޭމްޕުގައި ފޯކަސްކުރާނީ ބޯޅަ ގެންއުޅުމާއި ސްޕޭސް މެނޭޖްމަންޓާއި އެޓޭކާއި ޑިފެންސަށް ކުޅުން ބަދަލުކުރުމާއި އަދި ދަނޑުމަތީގެ ވިސްނުންތެރިންކަމާއި ނިންމުންތައް ނިންމުމުގެ މައްޗަށެވެ. އެހެންވެ މިއީ ހަމައެކަނި ބޯޅަ ޕާސްކޮށްލުން ފަދަ އާދައިގެ ތަމްރީންތަކަށް ވުރެ ފުޅާ ކޭމްޕެކެވެ.

ކޯޗުންނަށް ބާއްވާ ތަމްރީންތަކުގައި ތިއަރީ އަދި ޕްރެކްޓިކަލް ބައި ވެސް އޮންނާނެ އެވެ. މި ތަމްރީންތަކުން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާ އާއި ކޯޗަށް ސްޕެއިނުގެ ވެލެންސިއާގައި އޭޕްރިލް މަހު 10 ދުވަހުގެ ތަމްރީން ފުރުސަތެއް ލިބޭނެ އެވެ.

ޓީއެންޖީއެސް އަކީ ސްޕެނިޝް ލީގުގެ ކްލަބްތައް ކަމަށްވާ ވެލެންސިއާ އާއި ލެވަންޓޭ ފަދަ ކްލަބްތަކާ އެކު މަސައްކަތްކުރަނީ އެކަޑަމީ އެކެވެ. އަދި ވެލެންސިއާގެ ޔުނިވާސިޓީ އޮފް ޕޮލިޓެކްނިކުގައި އެ އެކަޑަމީގެ ފުޓްބޯލް ރިސާޗް ސެންޓަރެއް ހުރެ އެވެ.

އައްޑޫ ސިޓީން ވަނީ ޝަމްވީލް ގާސިމް (ބޮންޑާ) އާއި މުހައްމަދު އާރިފް (ބަކާ) އަދި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ފަދަ ހުނަރުވެރިން އުފައްދައިފަ އެވެ. އަދި ހަތްދިހައިގެ ތެރޭގައި އެ އަތޮޅުގެ ޑީއެންސީ ކްލަބުން ވަނީ މޮޅު ކުޅުންތެރިން ނެރެ ރާއްޖޭގެ ފުޓްބޯޅައިގެ މަތީ ފަޑީގައި ވާދަކޮށްފަ އެވެ.