ގޮޑިން އާއި ރޮބެން އިންޓަ އަށް؟

މިލާން (ޖެނުއަރީ 6) – އެތުލެޓިކޯ މެޑްރިޑުގެ އުރުގުއޭ ޑިފެންޑަރު ޑިއެގޯ ގޮޑިން އާއި ބަޔާން މިއުނިކުގެ ނެދަލެންޑްސް ވިންގާ އާޔެން ރޮބެން ހިލޭ ޓްރާންސްފާއެއްގައި އިންޓަ މިލާނާ ގުޅޭ ގޮތަށް ހަމަޖެހެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


އެތުލެޓިކޯއާ އެކު ގޮޑިން ހަދާފައިވާ ކޮންޓްރެކްޓް ޖޫން މަހު ހަމަވާނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ވަނީ އިންޓަ އަށް ބަދަލުވާން އެއް ކްލަބާ އެކު އުސޫލެއްގެ ގޮތުން އެއްބަސްވެފަ އެވެ. އުމުރުން 32 އަހަރުގެ ގޮޑިން އަކީ ތަޖުރިބާކާރު އަދި ލީޑާޝިޕް ވެސް ރަނގަޅު ކުޅުންތެރިއެކެވެ.

އުމުރުން 34 އަހަރުގެ ރޮބެން ބަޔާނާ އެކު ހަދާފައިވާ ކޮންޓްރެކްޓް ވެސް ޖޫން މަހު ހަމަވާނެ އެވެ. އޭނާ އެނބުރި ނެދަލެންޑްސްގެ ކްލަބަކަށް ދިއުމުގެ ފުރުސަތު ވެސް އެބައޮތެވެ. ރެއާލް މެޑްރިޑާއި ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ 2009 އިން ފެށިގެން ބަޔާން މިއުނިކަށް ކުޅެ ގިނަ ކާމިޔާބީތަކެއް ވަނީ ހާސިލްކޮށްފަ އެވެ. އެކަމަކު އަނިޔާގެ ސަބަބުން ކުޅުމަށް ހުރަސް އެޅުނެވެ.

އިންޓަ އިން އާދައިގެ ދުވަސްތަކަށް ފަހުން އަލުން ކުރީގެ މަގާމް ހޯދަން ކުރާ މަސައްކަތުގައި މި ސީޒަނުގައި ވަނީ ކުރިއެރުން ހޯދައިފަ އެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓި ނަމަވެސް އިޓާލިއަން ލީގުގައި އެ ޓީމު އަންނަނީ އެއްވަރެއްގައި ދަމަހައްޓަމުންނެވެ. އަންނަ ސީޒަނުގައި ސީދާ ލީގަށް ވާދަކުރަން އެ ޓީމުގެ ވިސްނުން ހުރިއިރު ކޯޗަކަށް، ކުރީގެ ކާމިޔާބު ކޯޗު ހޯސޭ މޮރީނިއޯ ގެނައުމުގެ ފުރުސަތު އެބައޮތެވެ.