ރަމްސޭ ދިނަސް ބެނާޝިއާ ދޫކުރެވެން ނެތް

ލަންޑަން (ޖެނުއަރީ 6) – އާރޮން ރަމްސޭ ޔުވެންޓަސް އަށް ޖެނުއަރީ މަހު ދޫކޮށްލަން އާސެނަލުން އެއްބަސްވީ ބަދަލުގައި މެހްދީ ބެނާޝިއާ ލިބޭ ނަމަ ކަމަށާއި އެކަމަކު ޔުވެންޓަސް އިން އެކަމާ އެއްބަސްނުވީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


އާސެނަލާ އެކު ރަމްސޭ ހަދާފައިވާ ކޮންޓްރެކްޓް ޖޫން މަހު ހަމަވާއިރު، އޭނާ މިހާރު ވަނީ ހިލޭ ކޮންޓްރެކްޓެއްގެ ދަށުން ޔުވެންޓަސް އަށް ބަދަލުވާން އެއްބަސްވެފަ އެވެ. އެކަމަކު ޔުވެންޓަސް އިން އޭނާ މިވަގުތު ވެސް ބޭނުންވެ އެވެ. އެކަމާ ދެކޮޅު ހެދީ އާސެނަލްގެ ކޯޗު އުނާއީ އެމެރީ އެވެ.

އެކަމަކު ޔުވެންޓަސް އިން މޮރޮކޯގެ ޑިފެންޑަރުގެ ބެނާޝިއާ ދޭ ނަމަ، ރަމްސޭ ދޫކޮށްލަން ފަހުން އެ ކްލަބުން އެއްބަސްވީ އެވެ. އެއީ ޔުވެންޓަސް އިން އެއްބަސްވެވޭ ވަރުގެ ކަމަކަށް ނުވި އެވެ.

ލިއޮނާޑޯ ބޮނޫޗީ އެނބުރި އައިސްފައިވާތީ ބެނާޝިއާ އަށް ޔުވެންޓަސް އިން ފުރުސަތު ލިބޭ ވަރު ވަނީ މަދުވެފަ އެވެ. އެހެންވެ އޭނާ ޖެނުއަރީ މަހު ކްލަބް ދޫކޮށްލަފާނެ ކަމަށް އޮތީ ވާހަކަދެކެވިފަ އެވެ. އޭނާ ގެންދަން އާސެނަލްގެ އިތުރުން އޭސީ މިލާނާއި މެންޗެސްޓާ ޔުނައިޓެޑާއި ޝާލްކާ އިން ބޭނުންވެ އެވެ. އެކަމަކު ޗެމްޕިއަންސް ލީގާއި އިޓާލިއަން ލީގުގެ ތަށްޓަށް ވާދަކުރަމުން އަންނައިރު ޑިފެންސުގެ އެންމެ މުހިއްމު ބަދަލު ކުޅުންތެރިޔާ ދޫކޮށްލަން ޔުވެންޓަސް އިން ބޭނުންނުވަނީ އެވެ.

ފްރާންސްގެ މާސޭ އިން ކެރިއަރު ފެށި ބެނާޝިއާ ވިދާލީ އިޓަލީގެ ރޯމާގައި ކުޅުނު ދުވަސްވަރެވެ. އޭގެ ފަހުން ބަޔާން މިއުނިކަށް ވެސް ބަދަލުވި އެވެ. އެކަމަކު 2016 ގައި ލޯނެއްގެ ދަށުން ޔުވެންޓަސް އަށް ބަދަލުވި ހިސާބުން ފެށިގެން އެ ކްލަބުގައި މަޑުކުރީ އެވެ.