ޕަކޭޓާ މިލާނަށް، ސިކުނޑީގައި އެނބުރެނީ ކަކާ

މިލާން (ޖެނުއަރި 7) – ހުވަފެނަކީ ކަކާ ހިނގި މަގުން ހިނގުން ކަމަށް އޭސީ މިލާނުން 35 މިލިއަން ޔޫރޯ އަށް ގަތް ބްރެޒިލްގެ އުއްމީދީ ކުޅުންތެރިޔާ ލޫކަސް ޕަކޭޓާ ބުނެފި އެވެ.


އުމުރުން 21 އަހަރުގެ އެޓޭކިން މިޑްފީލްޑަރަކީ ބްރެޒިލް ކްލަބުން އިޓަލީގެ ކްލަބަކަށް މިހާތަނަށް އެންމެ އަގުބޮޑުކޮށް ވިއްކާލި ކުޅުންތެރިޔާ އެވެ. ބްރެޒިލް ގައުމީ ޓީމަށް ދެ މެޗު ކުޅެދީފައިވާ ޕަކޭޓާ ހޯދަން ޔޫރަޕުގެ ވަރަށް ގިނަ ކްލަބްތަކުން މަސައްކަތްކުރި ނަމަވެސް، މިލާނުން އެކަމުގައި ކުރި ހޯދުމުގެ ސިއްރަކީ އެ ކްލަބުގެ ބްރެޒިލް ސްޕޯޓިން ޑިރެކްޓަރު ލެއޮނާޑޯ އެވެ. އޭނާ އަކީ މިލާނަށް ކަކާ އާއި ޕަޓޯ އަދި ތިއާގޯ ސިލްވާ ފަދަ ހުނަރުވެރިން ވެސް ގެނެސްދިން ޑިރެކްޓަރެކެވެ.

"ކަކާ އަކީ އަހަރެންގެ ހީރޯއެއް. އަހަރެންގެ ހުވަފެނަކީ ކަކާ މިލާނުގައި ހާސިލްކުރި ކަންތައްތައް ހާސިލްކުރިން. އަޅާކިޔުމަކީ އެހާ ރަނގަޅު ކަމެއް ނޫން. އެކަމަކު އަހަރެން ބޭނުންވޭ އަހަރެންގެ ވަޒީފާ އަދާކުރަން ކަކާ އަދާކުރި ގޮތަށް. އަހަންނަށް ވާނެ ކަމަށް ގަބޫލުކުރަނީ،" ޕަކޭޓާ ބުންޏެވެ.

ފިނި މޫސުމުގެ ޗުއްޓީއަށް ފަހު މިލާނުން މިއަދު ތަމްރީންތައް ފަށާއިރު ޕަކޭޓާ ބައިވެރިވާނެ އެވެ. އިޓާލިއަން ސުޕަ ކަޕް މެޗުގައި މި މަހު 16 ގައި ޔުވެންޓަސްއާ ދެކޮޅަށް ސައުދީ އަރަބިއާގައި މިލާން ކުޅޭ މެޗުގައި ޕަކޭޓާ ފެނުމުގެ ފުރުސަތު އެބައޮތެވެ. އޭނާ ވަނީ އެ ކްލަބާ އެކު ފަސް އަހަރުގެ ކޮންޓްރެކްޓެއް ހަދައިފަ އެވެ.

ބްރެޒިލްގެ ފްލެމިންގޯއާ އެކު ދާދި ފަހުން ސީޒަން ނިންމާލި ޕަކޭޓާ ވަނީ ބްރެޒިލް ލީގުގެ ޑްރީމް ޓީމުގައި ހިމެނިފަ އެވެ. ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗު ޓިޓޭ ދާދި ފަހުން ބުނީ ޕަކޭޓާ ފުޓްބޯޅައާ މެދު ވިސްނަނީ ނޭމާ އާއި ފިލިއްޕެ ކުޓިނިއޯ ވެސް ވިސްނާ ގޮތަށް ކަމަށެވެ.

"އަހަރެމެން އެލް ސަލްވަޑޯއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ނޭމާއާ އެކު ވަރަށް ގިނަ ޕާސް ޖެހި. އޭގެ ކުރިން އޭނާއާ ނޭމާ ބައްދަލެއް ވެސް ނުވޭ އަދި އެކުގައި ކުޅެފައެއް ވެސް ނުވޭ،" ޓިޓޭ ބުންޏެވެ.