އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމް އަނެއްކާ ވެސް ސަލާހަށް

ދާކާރް، ސެނެގާލް (ޖެނުއަރީ 9) – ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް އިން ހޮވި އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ލިވަޕޫލުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ހޯދައިފި އެވެ.


ސަލާހު އެވޯޑް ހޯދީ އޭނާއާ އެކު ލިވަޕޫލަށް ކުޅޭ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ އާއި އާސެނަލްގެ ގެބޯން ފޯވާޑް ޕިއެރޭ-އެމެރިކް އޯބަޔަމަންއާ ވާދަކޮށްގެންނެވެ.

"ކުޑައިރުން ފެށިގެން މި އެވޯޑް ހާސިލްކުރުމުގެ ހުވަފެން ދެކެން. މިހާރު އަހަރެން އެކަން މި ކާމިޔާބުކުރީ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް،" ބީބީސީން ހޮވި އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ޖެހިޖެހިގެން ދެ ފަހަރު ހޯދި ސަލާހު ބުންޏެވެ.

ރޯމާ ދޫކޮށް މިދިޔަ ސީޒަނުގައި ލިވަޕޫލާ ގުޅުނު ސަލާހު ވަނީ 44 ގޯލް އެ ސީޒަނުގައި ޖަހައިފަ އެވެ. ލިވަޕޫލުން އޭނާގެ އެހީގައި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިޔައިރު އެ މެޗުން ރެއާލް މެޑްރިޑް އަތުން ލިވަޕޫލް ބަލިވި އެއް ސަބަބަކީ ވެސް މެޗުގެ ކުރީކޮޅު ސަލާހަށް އަނިޔާވުމެވެ. ފަހުން ފިޓްވެ އެނބުރި އައިސް ވޯލްޑް ކަޕުގައި މިސްރު ޓީމަށް ކުޅުނެވެ. މި ސީޒަނުގައި މިހާތަނަށް 29 މެޗުން 16 ގޯލް ވަނީ ޖަހައިފަ އެވެ.

އެފްރިކާގެ އަހަރުގެ ޓީމުގައި ހިމެނުނީ ސަލާހާއި މާނޭ އާއި އޯބަމަޔަންގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުގެ އެރިކް ބާއީ އާއި ނަޕޯލީގެ ކަލިދޫ ކޫލިބަލީ އާއި ލިވަޕޫލުގެ ނަބީ ކެއިޓާ އާއި އެތުލެޓިކޯ މެޑްރިޑުގެ ތޯމަސް ޕާޓޭ އާއި ޔޫގެންޑާ ލީގުގައި ކުޅޭ ގޯލްކީޕަރު ޑެނިސް އޮންޔަންގޯ އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ސާޖް އޯރިއޭ އާއި ޔުވެންޓަސްގެ މެހްދީ ބެނާޝިއާ އަދި މެންޗެސްޓާ ސިޓީގެ ރިޔާޒް މާރޭޒެވެ.