ސަޕޯޓަރުން މައްސަލައިގައި އިންޓަގެ ހާއްސަ އެދުމެއް

މިލާން (ޖެނުއަރީ 9) – ނަޕޯލީގެ ކަލިދޫ ކޫލިބަލީއާ ނަސްލީ ގޮތުން ދިމާކުރުމުން ސަޕޯޓަރުން ނުވައްދާ މެޗު ކުޅެން އިންޓަ މިލާނަށް ދީފައިވާ އަދަބު އިސްތިއުނާފްނުކުރާނެ ކަމަށާއި އެކަމަކު ކުޑަކުދިންނަށް ދަނޑަށް ވެއްދުމުގެ ހުއްދައަކަށް އެދޭނެ ކަމަށް އިންޓަ އިން ބުނެފި އެވެ.


އިންޓަގެ ސަޕޯޓަރުން ކޫލިބަލީއާ ނަސްލީ ގޮތުން ދިމާކުރީ މިދިޔަ 25 ވަނަ ދުވަހު ނަޕޯލީ އަތުން 1-0 އިން އިންޓަ މޮޅުވި މެޗުގަ އެވެ. އެ މައްސަލަ ބެލުމަށް ފަހު ލީގުން ނިންމާލީ އިންޓަ އިން ދެން އެންމެ އަވަހަށް ކުޅޭ ދެ މެޗު ސަޕޯޓަރުން ނުވައްދާ ކުޅޭށެވެ. އެއީ އިޓާލިއަން ކަޕުގައި އާދީއްތަ ދުވަހު ބެނެވެންޓޯއާ ދެކޮޅަށް ކުޅޭ މެޗާއި ލީގުގައި މި މަހު 19 ގައި ސަސުއޮލޯއާ ދެކޮޅަށް ކުޅޭ މެޗަށެވެ. އަދި އެ ޓީމުގެ އަލްޓްރަސް ސަޕޯޓަރުން ތިބޭ ސިޑި ބަރި އިތުރު މެޗަކަށް ބަންދު ވެސް ކުރަން ޖެހޭނެ އެވެ.

އިންޓަ އިން ބުނީ އެ ނިންމުން އިސްތިއުނާފްނުކޮށް، އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނާއި ލީގުގައި އެދިފައިވަނީ އެކެޑެމީގެ ކުދިންނަށް ދަނޑަށް ވަދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ހުއްދައަކަށް ކަމަށެވެ. އޭގެ ބޭނުމަކީ ނަސްލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ތަފާތުކުރާ ކުރުންތަކާއި އަނިޔާއާ ދެކޮޅަށްދޭ ވަރުގަދަ ސިގުނަލެއް ދިނުން ކަމަށެވެ.

އެ މެޗުގެ ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ހިނގި ތަޅާފޮޅުންތަކުގައި ކާރަކުން ޖައްސައި އިންޓަގެ ސަޕޯޓަރަކު ވަނީ މަރާލައިފަ އެވެ.