ސިޓީން ނުވަ ލަނޑާ އެކު ފައިނަލާ ގާތަށް

މެންޗެސްޓާ (ޖެނުއަރީ 10) – އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ރޭ އިނގިރޭސި ތިން ވަނަ ޑިވިޝަނުގެ ބާޓަން އަލްބިއޯން އަތުން 9-0 އިން މޮޅުވެ މެންޗެސްޓާ ސިޓީން ފައިނަލުގެ ޖާގައެއް ގާތްގަނޑަކަށް ކަށަވަރުކޮށްފި އެވެ.


މިއީ ސިޓީން 31 އަހަރުގެ ތެރޭގައި، އެއް މެޗެއްގައި އަށް ގޯލަށް ވުރެ ގިނައިން ޖެހި ފުރަތަމަ ފަހަރެވެ. އެ ޓީމު ދެ ވަނަ ޑިވިޝަނުގައި އޮތްއިރު 1987 ގައި ހަޑާސްފީލްޑް ޓައުން އަތުން 10-1 އިން މޮޅުވި އެވެ.\

އެފްއޭ ކަޕުގެ ތިން ވަނަ ބުރުގައި އާދީއްތަ ދުވަހުގެރޭ ރޮދެހަމް އަތުން 7-0 އިން މޮޅުވި ސިޓީ މިވަނީ ހަތަރު ދުވަސް ތެރޭ 16 ގޯލް ޖަހައިފަ އެވެ.

ލީގު ކަޕުގެ ސެމީގެ ދެ ވަނަ ލެގު އޮންނާނީ ބާޓަންގެ ދަނޑުގައި މި މަހުގެ 23 ގަ އެވެ. އަދި ފައިނަލް އޮންނާނީ އަންނަ މަހުގެ 24 ގައި ވެމްބްލީ ސްޓޭޑިއަމުގަ އެވެ. ސެމީ ފައިނަލުގެ އަނެއް މެޗުގައި ވާދަކުރަނީ ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާސް އެވެ. ފުރަތަމަ ލެގުން ޓޮޓެންހަމް ވަނީ 1-0 އިން މޮޅުވެފަ އެވެ.

އިއްތިހާދު ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި ސިޓީގެ ބްރެޒިލް ފޯވާޑް ގެބްރިއަލް ޖީސުސް ހަތަރު ގޯލް ޖެހި އެވެ. އަނެއް ފަސް ގޯލް ޖެހީ ކެވިން ޑި ބްރޭނާ އާއި ޒިންޗެންޗޯ އާއި ފޮޑެން އާއި ކައިލް ވޯކާ އަދި ރިޔާޒް މާރޭޒެވެ.

"ނަތީޖާ ރަނގަޅު އަދި އަހަރެމެން ފައިނަލުގައި މިއޮތީ. އެކަމަކު ދެ ވަނަ ލެގު ކުޅެން އެބައޮތް. އަހަރެމެން އެ މެޗު ނަގާނީ ސީރިއަސްކޮށް. (މި މެޗުން ބަލިވިޔަސް) ބާޓަން އިން މުބާރާތުގައި ކާމިޔާބު. އެ ޓީމުން ދެއްކި ކުޅުމާ ފަހުރުވެރިވާން ޖެހޭ،" ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.