ބޭލް މާ އަވަހަށް ދަނޑުން ނުކުތުމުން ޖޫރިމަނާއެއް

މެޑްރިޑް (ޖެނުއަރީ 10) – ސްޕެނިޝް ލީގުގައި މި ހަފުތާގައި ރެއާލް ސޮސިއެޑާޑް އަތުން 2-0 އިން ރެއާލް މެޑްރިޑް ބަލިވި މެޗުގައި އެ ޓީމުގެ ފޯވާޑް ގަރެތު ބޭލް މާ އަވަހަށް ދަނޑުން ނުކުމެގެން ގޮސްފައިވާތީ ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


އަނިޔާގެ ސަބަބުން އެ މެޗުގައި ބޭލް ނުކުޅު ހުރީ ކުޅިބަލާށެވެ. އެކަމަކު އޭނާ 78 ވަނަ މިނެޓުގައި ދަނޑުން ނުކުންނަން މަންޒަރު ކެމެރާއަށް ވަނީ އަރައިފަ އެވެ. އަނިޔާގައި ތިބޭ ކުޅުންތެރިން ވެސް މެޗު އެއްކޮށް ބަލަން ޖެހޭނެ ކަމަށް ކްލަބުން އަންގާފައި އޮންނަނީ ޓީމު ރޫހު ވަރުގަދަކުރުމުގެ ގޮތުންނެވެ. މެޗު ނިމުނުއިރު ބޭލް ނެތުމުން އެކަން ކުޅުންތެރިން ވެސް ފާހަގަކުރި ކަމަށްވެ އެވެ.

ޓޮޓެންހަމްގެ ކުރީގެ ކުޅުންތެރިޔާ ބޭލްގެ ދައުރު މެޑްރިޑުގައި ފަހަކަށް އައިސް ވަނީ ބޮޑުވެފަ އެވެ. އަނިޔާގެ ސަބަބުން މީގެ ކުރިން އެކަށީގެންވާ ހިދުމަތެއް ނުދެވުނަސް ކްރިސްޓިއާނޯ ރޮނާލްޑޯ ދިއުމާ އެކު ބޭލް ވެފައިވަނީ މެޑްރިޑުގެ ވަރަށް މުހިއްމު ކުޅުންތެރިއަކަށެވެ.

ބޭލް މިވަގުތު ކުޅުމާ ދުރުގައި ހުރީ ދާދި ފަހުން ވިޔަރެއާލާ 2-2 އިން އެއްވަރުވި މެޗުގައި ލިބުނު ހާނިއްކައެއްގެ ސަބަބުންނެވެ. އޭނާ ނެތި ރޭ ރެއާލް މެޑްރިޑް ވަނީ ސްޕެނިޝް ކަޕުގެ ގަދަ 16 ޓީމުގެ ބުރުގެ ފުރަތަމަ ލެގުގައި ލެގަނޭސް އަތުން 3-0 އިން މޮޅުވެފަ އެވެ. ލަނޑު ޖަހައިދިނީ ސާޖިއޯ ރާމޯސް އާއި ލޫކަސް ވަސްކުއޭޒް އަދި ވިނީޝިއަސް ޖޫނިއާ އެވެ.

އިބްރާހިމް ހަމްޒާ ޚަލީލް

3

ގަލޮޅު އުތުރު ދާއިރާ