ޓޮޓެންހަމް މެޗު ހާއްސަ ނަޒަރަކުން ނުދެކެން: ސޯލްޝެއާ

ލަންޑަން (ޖެނުއަރީ 12) - އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާރޭ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅޭ މެޗާ މެދު މާ ބޮޑަށް ހާއްސަ ނަޒަރަކުން ނުދެކޭ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.


މިދިޔަ މަހު ހޯސޭ މޮރީނިއޯ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކޮށް މި ސީޒަނުގެ ނިޔަލަށް ސޯލްޝެއާ ޔުނައިޓެޑުގެ ކޯޗަކަށް ހަމަޖެއްސިފަހުން އެ ޓީމު ކުޅުނު ހުރިހާ މެޗަކުން ވަނީ މޮޅުވެފަ އެވެ. ޔުނައިޓެޑުން ދާއިމީ ކޯޗަކަށް ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ހޯދަން މަސައްކަތްކުރަމުން އަންނައިރު، ގިނަ ބަޔަކު ދެކޭގޮތުގައި މިއީ ސޯލްޝެއާ އަށް އޭނާގެ ފެންވަރު ދައްކާލަން ލިބޭ މެޗެކެވެ.

"މިއީ އަހަރެން މާ ބޮޑަށް ހާއްސަ ނަޒަރަކުން ދެކޭ މެޗެއް ނޫން. ފުޓްބޯޅައިގެ ބޭރުން އަހަރެން ސާބިތުކޮށްދޭން ބޭނުންވާ ކަމެއް ނެތް. ޔުނައިޓެޑާއި ޕޮޗެޓީނޯއާ ގުޅުވައިގެން މީޑިއާގައި ވާހަކަތަކެއް ދައްކަނީ ސަބަބުތަކެއް އޮވެގެން. އެއީ އޭނާ ރަނގަޅު މަސައްކަތްތަކެއް ކުރާތީ. އެކަމަކު އަހަރެން މިއީ ކޯޗުންނަށް ގޮތްކިޔާ މީހެއް ނޫން. އަހަރެންގެ ފޯކަސް ހުރީ އަހަންނާއި އަހަރެންގެ ޓީމަށް،" ސޯލްޝެއާ ބުންޏެވެ.

ސޯލްޝެއާ ހަވާލުވި ފަހުން ޔުނައިޓެޑް މިހާތަނަށް ކުޅުނު މެޗުތަކުގައި ނުކުތީ ލީގުގެ ފަހަތުގައި އޮތް ޓީމުތަކާ ދެކޮޅަށެވެ. އެހެން ކަމުން ޓޮޓެންހަމް މެޗަކީ ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑުން ހޯދި ކުރިއެރުން ވަޒަންކޮށްލަން ލިބޭ މެޗުކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

ޓޮޓެންހަމްގެ ކޯޗު ޕޮޗެޓީނޯ ބުނީ އޭނާގެ މައްޗަށް ކުރިހޯދުމަށް ސޯލްޝެއާ އިތުރަށް މަސައްކަތްކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

"ސޯލްޝެއާ އަށް އޮންނާނެ މޮޓިވޭޝަނަކީ އަހަރެން ބަލިކުރުމެއް ނޫން. މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމަކީ ވަރަށް ގިނަ އުއްމީދުތަކާ އެކު އޮންނަ ވަޒީފާއެއް. އެހެންވީމަ ކޮންމެ ގޮތެއް ހަދާފައިވެސް ޔުނައިޓެޑުން މޮޅުކޮށްދިނުމުގެ އަޒުމުގައި އޭނާ ޓީމު ގޮވައިގެން އަންނަނީ. މީޑިއާގައި ދައްކާ ވާހަކަތަކުގެ އަސަރު ޕްރޮފެޝަނަލް ކޯޗުންނަށް ނުކުރާނެ. މިއީ ދެ ކޯޗުންގެ ކުރިމަތިލުމެއް ނޫން،" ޕޮޗެޓީނޯ ބުންޏެވެ.

ޓޮޓެންހަމުން ވަނީ މި ސީޒަނުގައި މި ދެ ޓީމު ޔުނައިޓެޑް ދަނޑުގައި ކުޅުނު މެޗުން މޮޅުވެފަ އެވެ. ލީގުގައި މި ދެ ޓީމު ޓޮޓެންހަމް ދަނޑުގައި ކުޅޭ މެޗު ފަށާނީ މާދަމާ ރާއްޖެ ގަޑިން 21:30 ގަ އެވެ.