ގާޑިއޯލާ އަނެއްކާވެސް ލިވަޕޫލަށް ތައުރީފުކޮށްފި

މެންޗެސްޓާ (ޖެނުއަރީ 19) - ސީޒަނުގައި މިހާ ހިސާބަށް ދެއްކި ކުޅުމަށް ބަލާއިރު އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމު ލިވަޕޫލަށް ހައްގުވާ ކަަމަށް ބުނެ އެ ޓީމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަނެއްކާ ވެސް ތައުރީފުކޮށްފި އެވެ.


ގާޑިއޯލާ އެންމެ ފުރަތަމަ ލިވަޕޫލަށް ތައުރީފުކޮށް ވާހަކަ ދެއްކީ މި މަހު 3 ވަނަ ދުވަހު އެ ޓީމާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިންނެވެ. އޭނާ އޭރު އެ ގޮތަށް ވާހަކަ ދެއްކީ މެޗުގެ ކުރިން ލިވަޕޫލުގެ ސަމާލުކަން އެހެން ދިމާލަކަށް ބަދަލުކޮށްލަން ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވުނެވެ.

ލީގުގެ އެއް ވަނައިގައި މި ވަގުތު ލިވަޕޫލް އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ބާކީ ލީގުގައި އޮތީ 16 މެޗެވެ. ލިވަޕޫލް މިހާތަނަށް ލީގުގައި ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ސިޓީ ދަނޑުގައި ކުޅުނު މެޗުން 2-1 އިންނެވެ.

"އަހަރެމެން އަދިވެސް ބައިވަރު މެޗު ނުކުޅެ އެބަހުރި. އެކަމަކު ޔަގީނުން ވެސް އަހަންނަށް ބުނަން އެނގޭ އެއްޗަކީ މިހާ ހިސާބަށް އައި އިރު ލިވަޕޫލަށް ލީގުގެ އެއް ވަނަ ހައްގުކަން. އެއީ އެ ޓީމުން ސާބިތުކޮށްދީފި އެންމެ ރަނގަޅު ޓީމަކީ އެއީކަން،" ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުންޏެވެ.

"ޓީމެއް އެހާ ގިނަ މެޗުތަކުން އެ ގޮތަށް ކުޅެގެން މޮޅުވާއިރު އަހަރެމެންނަށް ނުބުނެވޭނެ އެއީ ނަސީބު އެހީވެގެނޭ އެހެން އެ ވަނީ. ލިވަޕޫލް ވަނީ ތަފާތު ދައްކާފައި އެހެންވެ އަހަރެމެންނަށް މީގެ އޮތް ޗެލެންޖް ވަރަށް ބޮޑު."

ސިޓީން މިދިޔަ ސީޒަނުގައި ލީގު ކާމިޔާބުކުރީ ތަފާތު މޮޅު ކުޅުމެއް ދައްކައިގެންނެވެ. އެކަން މި ސީޒަނުގައި ތަކުރާރުވާނެކަމަށް ސީޒަނުގެ ކުރީކޮޅުގައި އެ ޓީމުގެ ފަރާތުން ފެނުނު ނަމަވެސް ގާޑިއޯލާ އަށް އެކަމާ މެދު އެހާ ބޮޑު ޔަގީންކަމެއް ނެތެވެ.

"އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަހަރެމެން ވާހަކަ ދެއްކިން މި ފަހަރު ޖެހިޖެހިގެން 18 މެޗުން މޮޅެއް ނުވެވޭނެއޭ. އަދި ޖެނުއަރީ ނޫނީ ފެބްރުއަރީ މަހުގައި އަހަރެމެން އޮންނާނީ 10 ޕޮއިންޓް ކުރީގައޭ، މިއީ އަހަރެމެންނަށް އާ ޗެލެންޖްތައް،" ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

ލީގުގައި މި ހަފްތާގައި ސިޓީ ކުޅޭ މެޗުގައި މާދަމާރޭ ނުކުންނާނީ ރަށުންބޭރުގައި ހަޑްސްފީލްޑް ޓައުންއާ ދެކޮޅަށެވެ. ލިވަޕޫލް މިރޭ އަމިއްލަ ދަނޑުގައި ކުޅޭނީ ކްރިސްޓަލް ޕެލަސްއާ އެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.