މިލްނާ އަށް ރަތްކާޑު ދެއްކީ ކުޑައިރުގެ ޓީޗަރު

ލިވަޕޫލް (ޖެނުއަރީ 21) – ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ކްރިސްޓަލް ޕެލަސް އަތުން 4-3 އިން ލިވަޕޫލް މޮޅުވި މެޗުގައި އެ ޓީމުގެ ވައިސް ކެޕްޓަން ޖޭމްސް މިލްނާ އަށް ރަތްކާޑު ދެއްކި ރެފްރީއަކީ އޭނާގެ ކުޑައިރުގެ ޓީޗަރުކަން ހާމަވެ، ސޯޝަލް މީޑިއާގައި އެކަން ބޮޑު މަޖާގަނޑަކަށް ވެއްޖެ އެވެ.


އެ މެޗުގެ ރެފްރީ ޖޯން މޮސް، މިލްނާ ފުރަތަމަ ރީނދޫ ކާޑު ދެއްކީ 82 ވަނަ މިނެޓުގައި ޕެލަސްގެ ވިލްފްރިއެޑް ޒަހާ އަށް ކުރި ފައުލަކަށެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދެއްކީ އަނެއްކާ ވެސް ޒަހާ އަށް ކުރި ފައުލަކަށެވެ.

މޮސް އަކީ މިލްނާ ކުޑައިރު ކިޔެވި ސްކޫލުގެ ސްޕޯޓްސް ޓީޗަރެވެ. އަދި އެ ސްކޫލުގެ ޔޫތު ޓީމުގެ ކެޕްޓަންކަން ކުރިއިރު މޮސް އަކީ ކޯޗެވެ. މިލްނާއާ މޮސްއާ އެފަދަ ގުޅުމެއް އޮތްކަން ހާމަވީ ވެސް އެ ޓީމުގެ ގްރޫޕް ފޮޓޯ ސޯޝަލް މީޑިއާ އަށް ކޮންމެވެސް މީހަކު ލުމުންނެވެ.

އެ ކާޑާ ގުޅިގެން މިލްނާ، 33، އެއްވެސް ޝަކުވާއެއް ނުކުރެ އެވެ. އަދި މެޗަށް ފަހު ވާހަކައެއް ވެސް ނުދައްކަ އެވެ. އެއީ މޮސް ކުރި އިހުތިރާމެއްގެ ސަބަބުން ކަމަށް ވެސް އެއް ބަޔަކު ބުނެ އެވެ. މޮސް އަކީ ކުރީގެ ދަރިވަރަށް، ރަތްކާޑެއް ދެއްކި އިނގިރޭސި ފުރަތަމަ ރެފްރީ އަށް ވެދާނެ ކަމަށް ބުނެ، އެކަމާ ގުޅުވައި އެތައް މަޖާ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.