ދެ ވަނަ މެޗުން މޮޅުވެ ލޮރެންޒޯ ފުރުސަތު ބޮޑުކޮށްފި

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގައި ރޭ ކުޅުނު މެޗުން އަލްމާ ސްޕޯޓްސް ކްލަބް ބަލިކޮށް ލޮރެންޒޯ ސްޕޯޓްސް ކްލަބް މުބާރާތުގެ ދެ ވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި އެވެ.


މުބާރާތުގައި މިހާރު ކުރިއަށްދަނީ ފަސް ޓީމުގެ މެދުގައި ލީގު އުސޫލުން ކުޅޭ ޕްރިލިމިނަރީ ބުރެވެ. ލޮރެންޒޯ ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓް ހަމަކޮށް ދެ ވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު ބޮޑުކޮށްފަ އެވެ. ދެ ވަނަ ބުރަށް ހޮވޭނީ ފުރަތަަ ބުރުގެ އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެކެވެ.

ރޭގެ މެޗަށް ނުކުތްއިރު މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުތަކުން ލޮރެންޒޯ އާއި އަލްމާ އޮތީ މޮޅުވެފަ އެވެ. ރޭގެ މެޗުން އަލްމާގެ މައްޗަށް ވެސް ލޮރެންޒޯ ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ އައިޝަތު ޝައްފަ އާއި ޖޫޒާން ޒަރީރު ކުޅޭ ލޮރެންޒޯ އިން ރޭގެ މެޗުގެ ސެޓުތައް ގެންދިޔައީ 25-8، 25-10 އަދި 25-18 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގައުމީ އަންހެން ވޮލީ ޓީމުގެ ސެޓަރު ޖޫޒާން އެވެ. ޖޫޒާން އަކީ ލޮރެންޒޯ ކުޅުނު ފުރަތަމަ މެޗުގެ ވެސް މޮޅު ކުޅުންތެރިއާ އެވެ.

ލޮރެންޒޯ އަށް ދެން މި ބުރުގައި ބާކީ އޮތީ ދެ މެޗެވެ. އެއީ ބުދަ ދުވަހު ކްލަބް ވޮލީބޯލްއާ ދެކޮޅަށް ކުޅޭ މެޗާއި ބުރާސްފަތި ދުވަހު ޔޫތު ނިއު ޖެނެރޭޝަންއާ ބައްދަލުކުރާ މެޗެވެ.

މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ކްލަބް ވޮލީބޯލް ވަނީ ފަހަތުން އަރައި ޒެނިތު ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ޒެނިތުން ގެންދިޔައީ 26-24، 25-19 އިންނެވެ. ތިން ވަނަ ސެޓުން ފެށިގެން އާދަޔާހިލާފު ރޫހެއްގައި ނުކުމެ ވަނީ ދެން ކުޅުނު ތިން ސެޓު ގެންގޮސް މެޗު ކާމިޔާބުކޮށްފަ އެވެ. އެ ޓީމުން ސެޓުތައް ގެންދިޔައީ 09-25، 19-25 އަދި 15-10 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްލަބް ވޮލީބޯލްގެ ޝަހުމީލާ އަބްދުލް ހަކީމް އެވެ.

މުބާރާތުގެ ދެ ވަނަ ބުރުގައި ވާދަކުރާނީ ޕްރިލިމިނަރީ ބުރުގެ ގަދަ ދެ ޓީމުގެ އިތުރުން ކްލަބް ވެމްކޯ އާއި ޕޮލިސް ކްލަބް އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދި މާފަންނު ޔޫތު ޑިވެލޮޕްމަންޓް އެސޯސިއޭޝަން (މައިޑާ) މި ފަހަރު ވާދަނުކުރެ އެވެ.

އެސޯސިއޭޝަން ކަޕްގައި މިއަދު ހަވީރު ކުޅޭ މެޗުގައި ޒެނިތު ނުކުންނާނީ އަލްމާއާ ދެކޮޅަށެވެ. އަދި މިރޭގެ މެޗުގައި ޔޫތު ނިއު ޖެނެރޭޝަން ނުކުންނާނީ ކްލަބް ވޮލީބޯލްއާ ދެކޮޅަށެވެ.