އޮޒިލް ވިއްކާލަން އާސެނަލްގެ ބޯޑުން ނިންމައިފި

ލަންޑަން (ފެބްރުއަރީ 11) - އާސެނަލަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު މެސުތު އޮޒިލް ވިއްކާލަން އެ ކްލަބުގެ ބޯޑުން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


މި ފަހަރުގެ ޖެނުއަރީ ޓްރާންސްފާ މާކެޓްގައި އާސެނަލަށް ހަރަދުކޮށްގެން ކުޅުންތެރިއަކު ނުހޯދުނީ ކްލަބްގެ މާލީ ހާލަތު މި ވަގުތަށް ތަން ނުދޭތީ އެވެ. އާސެނަލުން ވަނީ މި ފަހަރުގެ ޓްރާންސްފާގައި ލޯން އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ ޑެނިސް ސުއަރޭޒް ގެނެސްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން އާސެނަލްގެ ވިސްނުން މިހާރު ހުރީ އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރާއިރު އޮޒިލް ވިއްކާލުމަށް ފަހު ޓްރާންސްފާ ބަޖެޓް ބޮޑުކޮށް އެހެން ކުޅުންތެރިންނަށް ހޭދަކުރުމަށެވެ. އާސެނަލްގެ ކޯޗު އުނާއި އެމެރީ ވަނީ އަންނަ ސީޒަނުގައި ޓީމަށް ގިނަ ބަދަލުތަކެއް އަންނާނެ ކަމަށް ބުނެފަ އެވެ.

ފަހަކަށް އައިސް އާސެނަލް ކުޅޭ ގިނަ މެޗުތަކުގައި އޮޒިލަށް އެހާ ގިނައިން ކުޅުމުގެ ފުރުސަތު ނުލިބެ އެވެ. ގިނަ މެޗުތަކުގައި އޭނާ އިންނަނީ ބެންޗުގަ އެވެ. އާސެނަލް ލައްވައި އެމެރީ ކުޅުވަން ބޭނުންވާ ސްޓައިލަށް ބަލާއިރު އޮޒިލް އަށް އެ ޓީމުން ކުޅުމުގެ ފުރުސަތު ގިނައިން ނުލިބޭނެ ކަމަށް ފުޓްބޯޅަ އެނަލިސްޓުން ބުނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އާސެނަލުން އޮޒިލް ވިއްކާލާނެ ކަމަށް ބެލެވެނީ އިޓަލީގެ އިންޓަ މިލާނަށެވެ. ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި އާސެނަލުން ވަނީ އިންޓަގެ ކްރޮއޭޝިއާ ވިންގް އިވާން ޕެރިސިޗް ހޯދަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އިންޓަ އިން އޭނާ ލޯނަކަށް ދޫކޮށްލަން އެއްބަސްނުވުމުން އެ ޓްރާންސްފާ ހިނގާގޮތެއްނުވި އެވެ.

އޮޒިލް ހޯދަން މީގެ ކުރިން ޖަރުމަނާއި ސްޕެއިނުގެ ކްލަބްތަކުން ވެސް މަސައްކަތްކުރި އެވެ. އެކަމަކު މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނާއި އޮޒިލާ ދެމެދު ޖެހުނު މައްސަލަތަކަށް ފަހު އަލުން އޭނާ ޖަރުމަނަށް ކުޅެން ނުދާނެކަމަށް އޭނާގެ އެޖެންޓާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.

އާސެނަލުން އޮޒިލްއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް އާ ކުރީ މިދިޔަ އަހަރު ފެބްރުއަރީ މަހު އެވެ. އޮޒިލް ކޮންޓްރެކްޓް އާ ކުރި އެންމެ ބޮޑު ސަބަބަކީ އޭރު އާސެނަލުގެ ކޯޗަކަށް ހުރި އާސެން ވެންގާއާ އެކު މަސައްކަތްކުރަން ބޭނުންވުމެވެ. އެކަމަކު އޭގެ ފަހުން ވެންގާ ވަނީ މިދިޔަ ސީޒަނަށް ފަހު އާސެނަލް ދޫކޮށްލައިފަ އެވެ.