ބާސެލޯނާގައި މަޑުކުރަން ވަލްވޭޑޭ ނިންމައިފި

ބާސެލޯނާ (ފެބްރުއަރީ 16) - ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ އެ ކްލަބްގައި އިތުރު އެއް އަހަރު މަޑުކުރަން ނިންމައިފި އެވެ.


ބާސެލޯނާއާ އެކު ވަލްވޭޑޭ ހަދާފައި އޮތް އެއްބަސްވުން މި ސީޒަނުގެ ނިޔަަލަށް ހަމަވާއިރު، އޭނާ އަންނަ ސީޒަނުގައި އެ ޓީމުން ނުފެންނާނެ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. އެކަމަކު ވަލްވޭޑޭ މިހާރު ވަނީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފަ އެވެ.

ވަލްވޭޑޭ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރީ އިތުރު އެއް އަހަރަށެވެ. އެހެން ނަމަވެސް އެ އެއްބަސްވުމުގައިވާ ގޮތުން އަދި އިތުރު އެއް އަހަރަށް އޭނާ އަށް އެ ކްލަބްގައި މަޑުކުރުވުމުގެ އިހުތިޔާރު ބާސެލޯނާ އަށް ލިބިދެ އެވެ.

މިހާރު ސްޕެއިނުގެ ގައުމީ ޓީމުގެ ކޯޗަކަށް ހުރި ލުއިސް އެންރީކޭ، 2017 ވަނަ އަހަރު ބާސެލޯނާ ދޫކޮށްލުމުން ވަލްވޭޑޭ ވަނީ އެ ޓީމާ ހަވާލުވެ ފުރަތަމަ ސީޒަނުގައި ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް ކާމިޔާބު ކޮށްފަ އެވެ. މި ސީޒަނުގައި މިހާތަނަށް ބަލާއިރު ލީގުގެ އެއް ވަނައިގައި އޮތީ ބާސެލޯނާ އެވެ. އަދި އެ ޓީމު މިހާރު އަންނަނީ ސްޕެނިޝް ކަޕްގެ ސެމީ ފައިނަލުގައި ވެސް ވާދަކުރަމުންނެވެ.

ވަލްވޭޑޭގެ ކޯޗުކަމުގައި ބާސެލޯނާ އިން ވަނީ ކުޅުންތެރިންގެ ޓްރާންސްފާ އަށް ބޮޑު ހޭދައެއް ކޮށްފަ އެވެ. މިދިޔަ ތިން އަހަރު ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަށް އެންމެ އެދެވޭ ނަތީޖާތަކެއް ނެރެވިފައިނުވާތީ މި ސީޒަނުގައި އެ ޓީމުގެ އެންމެ ބޮޑު ޓާގެޓަކީ ޗެމްޕިއަންސް ލީގެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ބާސެލޯނާ މި ހަފްތާގައި ލިޔޯނާ ދެކޮޅަށް ކުޅޭނެ އެވެ.

ވަލްވޭޑޭ ކޯޗިން ކެރިއަރު ފެށީ 2001 ވަނަ އަހަރު ބިލްބާއޯގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އޮލިމްޕިއާކޯސް އަށް ދެ ފަހަރު އަދި ވިޔަރެއާލާއި ވެލެންސިއާ އަށް ކޯޗުކޮށްދީފަ އެވެ. އޭނާ ދެ ވަނަ ފަހަރަށް ބިލްބާއޯއާ ހަވާލުވީ 2013 ވަނަ އަހަރު އެވެ.