ބާސެލޯނާ އަށް މޮޅެއް، އެތުލެޓިކޯ ދެ ވަނަ އަށް

ބާސެލޯނާ (ފެބްރުއަރީ 17) - ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އިން ރޭ ރެއާލް ވަލޮޑޮލިޑް އަތުން 1-0 އިން މޮޅުވިއިރު، ރަޔޯ ވަޔެކާނޯ އަތުން 1-0 އިން މޮޅުވެ އެތުލެޓިކޯ މެޑްރިޑް ދެ ވަނަ އަށް ޖެހިލައިފި އެވެ.


ރޭގެ މޮޅާ އެކު ބާސެލޯނާ އެއް ވަނައިގައި އޮތީ 24 މެޗުން 54 ޕޮއިންޓާ އެކު އެވެ. އެތުލެޓިކޯ ދެ ވަނަ އަށް އެރީ 24 މެޗުން 47 ޕޮއިންޓް ހަމަކޮށްގެންނެވެ. ލީގުގެ ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑް މިރޭ ޖިރޯނާ އަތުން މޮޅުވެއްޖެނަމަ އަލުން ދެ ވަނަ އަށް އެރޭނެ އެވެ. ރެއާލް މި ވަގުުތު ތިން ވަނައިގައި އޮތީ 23 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ.

ބާސެލޯނާ އިން ރޭގެ މެޗަށް ނުކުތީ ލުއިސް ސުއަރޭޒާއި ފިލިއްޕޭ ކުޓީނިއޯ ބެންޗުގައި ބައިންދައިގެންނެވެ. އެއީ ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި ލިޔޯނާ ދެކޮޅަށް ކުޅޭ މެޗު އޮތުމުންނެވެ. ރޭގެ މެޗުގައި ބާސެލޯނާ އިން ޖެހި ހަމައެކަނި ލަނޑަކީ ލިއޮނަލް މެސީ ޕެނަލްޓީ އަކުން ކާމިޔާބުކުރި ގޯލެކެވެ. މެސީ މި ސީޒަނުގައި ޖެހި 30 ވަނަ ލަނޑު ކާމިޔާބުކުރި މި ޕެނަލްޓީ އަކީ ޖެރާޑް ޕީކޭ އަށް އޭރިއާތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ދެ ވަނަ ހާފުގައި ބާސެލޯނާ އަށް އިތުރު ޕެނަލްޓީއެއް ލިބުނުއިރު މެސީ ފޮނުވާލުމުން ވަލޮޑޮލިޑް ކީޕަރު ޖޯޑީ މަސިޕް ވަނީ މަތަކޮށްފަ އެވެ. އޭގެ ކުރިން ބާސެލޯނާ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސުއަރޭޒަށް ރަނުގެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ.

މި މެޗު ބެލުމަށް ވަލޮޑޮލިޑްގެ މެޖޯރިޓީ ހިއްސާދާރު ބްރެޒިލްގެ ކުރީގެ މަޝްހޫރު ފޯވާޑް ރޮނާލްޑޯ ނަޒާރިއޯ ވަނީ ދަނޑަށް ގޮސްފަ އެވެ.

ރޭ އެތުލެޓިކޯ ކުޅުނު މެޗުން އެ ޓީމު މޮޅުކޮށްދިން ލަނޑު ޖެހީ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އެވެ. މި ލަނޑާ އެކު ގްރީޒްމަން ވަނީ އެތުލެޓިކޯ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. ކުރިން އެ މަގާމުގައި އޮތީ ސްޕެއިނުގެ ތަޖުރިބާކާރު ފޯވާޑް މިހާރު ޖަޕާނު ލީގުގައި ކުޅެމުން އަންނަ ފެނާންޑޯ ޓޮރޭޒް އެވެ.