މެސީ ނުލިބުމުން އަދިވެސް ހިތާމަކުރަން: ރެއާލުގެ ކުރީގެ ރައީސް

މެޑްރިޑް (ފެބްރުއަރީ 22) - ޒުވާން އުމުރުގައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ނުލިބުމުގެ ހިތާމަ އަދިވެސް ކުރައްވާ ކަމަށް ރެއާލް މެޑްރިޑްގެ ކުރީގެ ރައީސް ލޮރެންޒޯ ސަންޒް ވިދާޅުވެއްޖެ އެވެ.


ބާސެލޯނާ އަށް މެސީ ލިބުނީ އޭނާ އާޖެންޓީނާގެ ނެވެލްސް އޯލްޑް ބޯއީސް އަށް ކުޅުނުއިރު ދިމާވި ސިއްހީ މައްސަލައެއްގެ ސަބަބުން އެ ކްލަބަށް އޭނާގެ ބޭސް ފަރުވާގެ ކަންތައްތައް ކުރިއަށް ގެންދެވެން ނެތުމުން އެ ހަރަދުގައި ބާސެލޯނާ އިން ހިފުމުންނެވެ.

މެސީ ސްޕެއިނަށް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ފުޓްބޯޅަ އޭޖެންޓް ހޮރާސިއޯ ކަގިއޯލީ އެވެ. ކަގިއޯލީ ވަނީ 1999 ގައި މެސީ ރެއާލަށް ގެންނަން ލޮރެންޒޯއާ ވެސް މަޝްވަރާ ކޮށްފަ އެވެ. އެކަމަކު އެހާ ޒުވާން ކުޅުންތެރިޔަކަށް އެވަރުގެ ބޮޑު ހޭދައެއް ކުރަން ރެއާލުން ބޭނުމެއް ނުވި އެވެ.

"މެސީގެ އާއިލާ އިން ކަގިއޯލީ ގާތުގައި ބުނީ އޭރު އުމުރުން 10 އަހަރުގެ މެސީ އަށް ސްޕެއިނުން ރަނގަޅު ކްލަބެއް ހޯދަން. މެސީގެ ބަލި ހާލަތު ހުރި ގޮތް ވެސް އޭރު އޮތީ އޮޅުންފިލުވައިދީފައި. ކަގިއޯލީ ފުރަތަމަ އައީ ރެއާލަށް މެސީގެ މަޝްވަރާ ކުރަން. އެ ދުވަސް ވަރު އަހަރެމެން ބޭނުމެއް ނުވި ޒުވާން ކުޅުންތެރިޔަކަށް އެވަރުގެ ހޭދައެއް ކުރަން. އެ ނިންމުމާ މެދު އަދިވެސް ހިތާމަކުރަން،" ލޮރެންޒޯ ވިދާޅުވި އެވެ.

ލޮރެންޒޯ ވިދާޅުވީ މެސީއާ މެދު ބާސެލޯނާ އިން ކަންތައް ކުރިގޮތާ މެދު ހިތްހަމަޖެހޭ ކަމަށާއި މެސީގެ ބަލި ހާލަތު ހުރި ގޮތަށް ބެލުމެއް ނެތި ވެސް މެސީގެ ކަންތައްތަކާ ބާސެލޯނާ އިން ހަވާލުވީ ވަރަށް ވިސްނުންތެރިކަމާ އެކު ކަަމަށެވެ.

ލޮރެންޒޯ އަކީ ގިނަ އަހަރުތަކެއް ވަންދެން ރެއާލުގައި މަސައްކަތްކުރެއްވި ފަރާތެކެވެ. އޭނާ އެންމެ ފުރަތަމަ ރެއާލުގައި އަދާކުރެއްވީ ޑިރެކްޓަރެއްގެ މަގާމެވެ. އެކަމަކު 1995 ވަނަ އަހަރުގެ ފަހުކޮޅުގައި ރެއާލަށް ދިމާވި މާލީ މައްސަލަތަކާ ހުރެ އޭރުގެ ރައީސް ރާމޮން މެންޑޯޒާ އިސްތިއުފާ ދެއްވުމުން ރެއާލުގެ ރައީސްކަމާ ލޮރެންޒޯ ހަވާލުވެވަޑައިގަތީ އެވެ.

ލޮރެންޒޯ ވަނީ އަލުން ރެއާލް ކޮޅަށް ޖެހުމުގައި މުހިއްމު ދައުރެއް އަދާކުރައްވައިފަ އެވެ. އެގޮތުން ކްރޮއޭޝިއާގެ ފޯވާޑް ޑާވޯ ސުކާ އާއި ޔޫގޯސްލާވިއާގެ ޕްރެޑްރަގް މިޔަޓޯވިޗް ގެނައީ އަމިއްލަ ހަރަދުގަ އެވެ. އަދި 1966 ވަނަ އަހަރުން ފެށިގެން ރެއާލަށް ނުލިބި އޮތް ޔޫރަޕްގެ އެންމެ ޝަރަފްވެރި ތަށި ޗެމްޕިއަންސް ލީގު 1998 އާއި 2000 ވަނަ އަހަރު ހޯދައިދިނެވެ. އެ ފަަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފަހު ލޮރެންޒޯ މަގާމުން ވަކިވެވަޑައިގަތުމާ އެކު، ފްލޮރެންޓީނޯ ޕެރޭޒް ރެއާލުގެ ރައީސް ކަމަށް ފުރަތަމަ ފަހަރަށް ވަޑައިގެންނެވި އެވެ.