ޕެރަމޯޓާގައި ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް ދަތުރު ފަށައިފި

ބުރަކަށީގައި ހަރުކޮށްފައި ހުންނަ ބުރަފައްޗެއް ބޭނުންކޮށްގެން، ވައިކުޑައިގެ އެހީގައި އުދުހޭ، ޕެރަމޯޓާގައި ހއ. ތުރާކުނުން އައްޑު އަށް ދިއުމަށް ރާއްޖެ އިން ބޭރުގެ 10 ޕައިލެޓުންގެ ޓީމަކުން މިއަދު ދަތުރު ފަށައިފި އެވެ.


ދިވެހި އަމިއްލަ ކުންފުންޏެއް ކަމަށްވާ "ސްކައި ގައިސް" އިން އިންތިޒާމް ކޮށްގެން ބާއްވާ "މޯލްޑިވްސް ޕެރަމޯޓާސް 2019" ހަރަކާތް ތުރާކުނުން ފަށާފައިވާއިރު، ޕެރަމޯޓާ ދުއްވާ 10 ޕައިލެޓުންގެ ތެރޭގައި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރަން ވަނަތައް ހޯދާފައިވާ މީހުން ހިމެނެ އެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތާއި އޮމާންގެ އިތުރުން ސައުތު އެފްރިކާގެ މީހުން ހިމެނެ އެވެ. އެކަމަކު، ހަރަކާތުގެ ވަކި ހިސާބަކުން ދިވެހި ޕައިލެޓަކު ވެސް އެ މީހުންނާ ގުޅެން ވަނީ ނިންމައިފަ އެވެ.

ހއ. ހޯރަފުއްޓާއި ހދ. ހޮނޑާފުއްޓަށް ޕައިލެޓުން ޖެއްސުމަށް ފަހު މިރޭ މަޑުކުރާނީ ހދ. ކުޅުދުއްފުށީގަ އެވެ. މި ހަރަކާތުގައި، ކޮންމެ ދުވަހަކު 40 ކިލޯ މީޓަރާއި 60 ކިލޯ މީޓަރާ ދޭތެރޭގެ ދުރު މިނަކަށް ދަތުރު ކުރާނެ އެވެ. އެ ހަރަކާތް ނިންމައިލުމަށް އަދި ހަމަޖައްސާފައި ވަނީ މި މަހު 14 ވަނަ ދުވަހު އައްޑު އަށެވެ. ގާތްގަނޑަކަށް 500 ފޫޓާއި 1،000 ފޫޓާ ދޭތެރޭގެ އުސް މިނެއްގައި އުދުހޭއިރު މުޅި ހަރަކާތުގައި 24 ރަށަކަށް ދިއުމަށް ވަނީ ނިންމައިފަ އެވެ.

ޕެރަމޯޓާ ޕައިލެޓުން އުދުހެން ތައްޔާރުވެގެން: ތުރާކުނުން އައްޑޫއަށް ދިއުމަށް ވަނީ ނިންމާފައި-- ފޮޓޯ: ސްކައި ގައިސް

ވައިގެ ކުޅިވަރުތައް އިންތިޒާމު ކުރާ ސްކައި ގައިސްގެ މެނޭޖިން ޑިރެކްޓަރު ޖާވިދު ހުސައިން ވިދާޅުވީ، އެ ހަރަކާތުގެ މައިގަނޑު އަމާޒަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް އާއްމުން ހޭލުންތެރި ކުރުވުން ކަމަށެވެ. މި ހަރަކާތުގެ ބައިވެރިން ދާ ކޮންމެ ރަށެއްގައި އާއްމުންނާއި ސްކޫލް ކުދިންނަށް އަމާޒުކޮށްގެން، އުކާލާ ޕްލާސްޓިކަށް ހޭލުންތެރި ކުރުމުގެ ޕްރޮގުރާމްތައް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ މިފަދަ ހަރަކާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. ރާއްޖެ އަކީ ހަމައެކަނި އަރާމު ކުރަން ޓޫރިސްޓުން އަންނަ ގައުމެއްގެ ބަދަލުގައި ތަފާތު ކުޅިވަރުތައް ކުޅުމަށް މަޝްހޫރު މަންޒިލަކަށް ހެދުމަކީ އިވެންޓް އިޝްތިހާރު ކުރާ ފަރާތުގެ އަމާޒެކެވެ.

ދިރާގުން ސްޕޮންސާކޮށްގެން ބާއްވާ އެ ހަރަކާތާ ގުޅޭގޮތުން ޖާވިދު ވިދާޅުވީ، ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމާއި އެޑްވެންޗާ ޓޫރިޒަމް ޕްރޮމޯޓް ކުރުމަކީ ވެސް އަމާޒެއް ކަމަށެވެ. ޕައިލެޓުން ގެސްޓް ހައުސްތަކުގައި މަޑުކުރަން ނިންމާފައިވާއިރު، އިވެންޓުގެ ތެރެއިން ގެސްޓް ހައުސްތައް ވެސް ޕްރޮމޯޓް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.