މެސީ އެނބުރި ގައުމީ ޓީމަށް

ބީނޯޒް އެރީޒް، އާޖެންޓީނާ (މާޗް 8) - އަމިއްލަ ސަބަބުތަކާ ހުރެ ގައުމީ ޓީމާ ދުރުގައި އަށް މަސް ހޭދަކުރުމަށް ފަހު ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އާޖެންޓީނާ ގައުމީ ޓީމާ ގުޅިއްޖެ އެވެ.


އާޖެންޓީނާގެ ވަގުތީ ކޯޗު ލިއޮނަލް ސްކަލޯނީ މިދިޔަ ޖެނުއަރީ މަހު ވަނީ މެސީ އަލުން ގައުމީ ޓީމަށް އެނބުރި އަންނާނެ ކަމަށް ބުނެފަ އެވެ. އަދި މި މަހު ވެނެޒުއޭލާ އާއި މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗުތަކަށް އިއްޔެ އާޖެންޓީނާ އިން އާންމުކުރި ސްކޮޑުގައި މެސީ ވަނީ ހިމަނައިފަ އެވެ.

މެސީ ޓީމުގައި ހިމެނިއިރު ޕީއެސްޖީގެ އެންހެލް ޑި މާރިއާ އަށް ވެސް ވަނީ އަލުން ފުރުސަތު ދީފަ އެވެ. އެކަމަކު ސިޓީގެ ސާޖިއޯ އަގުއޭރޯ، އިންޓަގެ މައުރޯ އިކާޑީ އަދި ޗެލްސީގެ ގޮންޒާލޯ ހިގުއައިން އަށް މި ފަހަރުގެ ސްކޮޑުން ފުރުސަތެއް ނެތެވެ.

މެސީ އަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނީ ކްލަބް ލެވެލްގައި ހޯދާ ކާމިޔާބީ ގައުމީ ޓީމާ އެކު ތަކުރާރު ނުކުރެވޭތީ އެވެ. މެސީ ގައުމީ ޓީމުން ވަގުތީ ގޮތުން ވަކިވީ މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހުގަ އެވެ.

މީގެ ކުރިން ވެސް މެސީ ވަނީ ގައުމީ ޓީމުން ރިޓަޔާކުރުމަށް ފަހު އަލުން އެނބުރި އައިސްފަ އެވެ. އެ ފަހަރު މެސީ އައިސް ވަނީ އާޖެންޓީނާ ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމަށް އެހީތެރިވެދީފަ އެވެ. އެ ފަހަރު މެސީ އަލުން ގައުމީ ޓީމަށް އައުމުގައި ފެޑެރޭޝަނުން ވެސް އޭނާ ގެންނަން ގިނަ މަސައްކަތްތަކެއް ކުރި އެވެ.

ސްކަލޯނީ ބުނީ މި ފަހަރު މެސީ އަލުން ގައުމީ ޓީމަށް އަންނަން ނިންމުމަކީ މެސީގެ އަމިއްލަ ނިންމުމެއް ކަމަށެވެ.

"ކްލަބާ އެކު ގިނަ މެޗުތަކެއް އޮއްވައި ވެސް މެސީ އަލުން ބޭނުންވީ ގައުމީ ޓީމަށް އަންނަން. އަހަރެމެން އޭނާ ބޭނުން. ފަހަރެއްގައި އޭނާ ދެ މެޗުގައި ނުފެނިދާނެ. އެކަމަކު ޓްރެއިނިންތަކާއި އެހެން ކަންތައްތަކަށް ބެލުމަށް ފަހު ޓީމު ނަގާއިރު ކުޅުންތެރިން ބޭނުންކުރުމުގައި ކަންތައް ކުރާނެ ގޮތާ މެދު މަޝްވަރާކުރާނަން،" ސްކަލޯނީ ބުންޏެވެ.

އަންނަ ޖޫން މަހު ބްރެޒިލްގައި ފަށާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާ ހިމެނެނީ ކޮލަމްބިއާ އާއި ޕެރަގުއޭ އަދި ގަތަރާ އެކު ގްރޫޕް ބީގަ އެވެ. މުބާރާތް ބާއްވާ ބްރެޒިލް އޮތީ ބޮލިވިއާ އާއި ވެނެޒުއޭލާ އަދި ޕެރޫއާ އެކު ގްރޫޕް އޭގަ އެވެ. ތިން ވަނަ ގްރޫޕްގައި އޮތީ އުރުގުއޭ އާއި ޖަޕާން އަދި އެކުއެޑޯގެ އިތުރުން އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން ޗިލީ އެވެ.

އާޖެންޓީނާ އަކީ އެންމެ ފަހުން ދެ ފަހަރުގެ މުބާރާތުގެ ރަނަރަޕެވެ. މި ފަހަރުގެ ކޮޕަ އެމެރިކާ އަކީ މެސީ އަށް އާޖެންޓީނާއާ އެކު ކާމިޔާބެއް ހޯދަން ލިބޭނެ އެންމެ ފަހު ފުރުސަތު ކަމަށް ދެކުނު އެމެރިކާގެ ފުޓްބޯޅަ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.