ރޮނާލްޑޯގެ ހެޓްރިކުން ޔުވެންޓަސް ކުއާޓާ އަށް

ޓިއުރިން (މާޗް 13) – ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާ އެކު ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް 3-0 އިން ބަލިކޮށް ފުރަތަމަ ލެގުގެ ނަތީޖާ އަނބުރާލައި އިޓަލީގެ ޔުވެންޓަސް އިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ރޭ ފުރުސަތު ހޯދައިފި އެވެ.


މެޑްރިޑުގައި ކުޅުނު ފުރަތަމަ ލެގުން 2-0 އިން އެތުލެޓިކޯ މޮޅުވުމުން ރޭގެ މެޗަށް ނުކުތްއިރު ޔުވެންޓަސް އަށް އޮތީ އުނދަގޫ ހާލަތެކެވެ. އެކަމަކު އެތުލެޓިކޯއާ ވާދަވެރި ރެއާލް މެޑްރިޑާ އެކު މި މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ވަނީ ޔުވެންޓަސް އަށް ތަފާތު ދައްކުވައިދީފަ އެވެ.

"މިއީ ޔުވެންޓަސް އިން އަހަރެން ގެނައި ސަބަބަކީ. މިކަހަލަ މެޗުތަކުގައި އެހީ ހޯދަން،" ރޮނާލްޑޯ ބުންޏެވެ. "އެތުލެޓިކޯ އަކީ އުނދަގޫ ޓީމެއް. އެކަމަކު އަހަރެމެން ވެސް ވަރުގަދަ."

ޔުވެންޓަސް އިން އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ އަށް 100 މިލިއަން ޔޫރޯ ހަރަދުކުރި ސަބަބަކީ ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ. ބޮޑު ހަރަދުކޮށް މަޝްހޫރު ކުޅުންތެރިން ގެނަސް އިޓަލީގައި ރަސްކަން ކުރި ނަމަވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވޭނެ މަގެއް އެ ޓީމަށް މިފަހުން ފެނިފައެއް ނުވެ އެވެ،

ޔުވެންޓަސްގެ ފުރަތަމަ ގޯލް 27 ވަނަ މިނެޓުގައި ރޮނާލްޑޯ ޖެހީ ފެޑެރިކޯ ބާނަޑެސްކީ އޭރިއާ ތެރެއަށް އޮއްސާލި ހުރަހަކުންނެވެ. ގޯލުގެ ކަނާ ދިމާލަށް ދިޔަ އެ ބޯޅަ އަށް އެތުލެޓިކޯގެ ހުއަންފްރަން އަރައަރާ ހުއްޓާ ފަހަތުގައި ހުރެ ރޮނާލްޑޯ އެއަށް ވުރެ މައްޗަށް ފުންމައިގެން އަރައި ބޮލުން ގޯލުގެ ތެރެއަށް ވައްދާލީ އެވެ.

ޔުވެންޓަސް އިން އެގްރިގޭޓުން ހަމަހަމަކުރީ 49 ވަނަ މިނެޓުގައި ޔޮއާއޯ ކެންސެލޯ ނެގި ހުރަސް ބޮލުން ގޯލަށް ވައްދާލައިގެންނެވެ. އެތުލެޓިކޯގެ ގޯލްކީޕަރު ޔަން އޮބްލަޗް އެ ބޯޅަ އަތުން ޖަހައި ޕަންޗުކުރި ނަމަވެސް ގޯލްލައިން ޓެކްނޮލޮޖީ ސިސްޓަމުން ދެއްކީ އޭރު އެ ބޯޅަ ގޯލް ހުރަސްކޮށްފައިވާ ކަމަށެވެ. ޔުވެންޓަސް އިން ނަތީޖާ އަނބުރާލީ 87 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ރޮނާލްޑޯ ކާމިޔާބުކޮށްގެންނެވެ. މިއީ ބާނަޑެސްކީ އޭރިއާ ތެރެއިން ބޯޅައާ އެކު ދަނިކޮށް އެތުލެޓިކޯގެ ހޯސޭ ހިމެނޭޒް އޭނާ ކޮއްޕާލުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

އެތުލެޓިކޯގެ ދަނޑުގައި މި ފަހަރުގެ ފައިނަލް ކުޅެން ހަމަޖެހިފައިވާތީ އަމިއްލަ ދަނޑުގައި ތަށި އުފުލާލަން އެ ޓީމުން ކުރި އުއްމީދުތަކަށް ހުރަސް އެޅި ރޮނާލްޑޯ ވަނީ މީގެ ކުރިން މި މުބާރާތުގެ ފައިނަލުގައި ދެ ފަހަރު އެތުލެޓިކޯ އަށް ލަނޑު ދީފަ އެވެ. އެގޮތުން 2014 އަދި 2016 ގެ ފައިނަލުގައި އެތުލެޓިކޯ އަތުން ރެއާލް މެޑްރިޑް މޮޅުވިއިރު އެންމެ މުހިއްމު ދައުރެއް އަދާކުރީ ރޮނާލްޑޯ އެވެ.

މި ސީޒަނުގެ މުބާރާތުގެ ދެ ވަނަ ބުރުގައި މިހާތަނަށް ކުޅުނު ވަރުގަދަ ތިން މެޗުގައި ވެސް، ފުރަތަމަ ލެގުގެ ނަތީޖާތައް މިވަނީ އަނބުރާލައިފަ އެވެ. ފުރަތަމަ ލެގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 2-0 އިން ޕީއެސްޖީ މޮޅުވި ނަމަވެސް ދެ ވަނަ ލެގުން 3-1 އިން މޮޅުވެ ޔުނައިޓެޑް ކުއާޓާ އިން ޖާގަ ހޯދި އެވެ. އަދި އަޔަކްސް އަތުން 2-1 އިން ރެއާލް މެޑްރިޑް މޮޅުވި ނަމަވެސް ލެ ވަނަ ލެގުން 4-1 އިން މޮޅުވެ އަޔަކްސް ވެސް ކުއާޓާ ފައިނަލަށް ދަތުރުކުރި އެވެ.