ސްޕޯޓްސް ކޮމިޝަނަރުކަމުން އަލީ އުމަރު ވަކިކޮށްފި

ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުން، ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އުމަރު ވަކިކޮށްފި އެވެ.


ރައީސް އިބްރާހިމް ސޯލިހުގެ މި ނިންމެވުމުން، މިއަދު އިއުލާންކުރެއްވީ ކުޅިވަރު ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގަ އެވެ. އެކަމަކު އެމްއެމްއެމްޕީއާރްސީގެ ހިޔާނަތުގެ ތުހުމަތެއް ކުރެވި މަހުލޫފު މިވަގުތު ގޭގައި ހުންނަވަން އަންގަވާފައިވާތީ މިނިސްޓްރީ ހިންގަވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

އަލީ އުމަރު މަގާމުން މި ވަކިކުރީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކުޅިވަރާ ބެހޭ މިނިސްޓްރީއާ ދެމެދު ހިތްހަމަނުޖެހުންތަކެއް އުފެދިފައިވަނިކޮށެވެ. އަލީ އުމަރަކީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އަރިސް ބޭފުޅެކެވެ. ބައްސާމުގެ ދަށުން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގައި ވެސް އަލީ އުމަރު މަސައްކަތްކުރައްވާފައިވެ އެވެ.

ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހަކީ 2015 ވަނަ އަހަރު ރައިސްލުޖުމްހޫރިއްޔާ ތަސްދީގް ކުރެއްވި ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހެކެވެ. އެ ގާނޫނު ބުނާ ގޮތުން ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރު ކުލަބްތައް ސްޕޯޓްސް ކޮމިޝަންގެ ބެލުމުގެ ދަށަށް ގެނެސް އެ އޮފީހުން ބަލަހައްޓަން ޖެހެ އެވެ.

އެންމެ ފުރަތަމަ ސްޕޯޓްސް ކޮމިޝަނަރަކަށް ހަމަޖެއްސީ އަހުމަދު ނަޝީދު (ޑޭވް) އެވެ. ޑޭވް މަގާމުން އިސްތިއުފާދިނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އަލީ އުމަރު އެ މަގާމަށް ހަމަޖެއްސީ މިދިޔަ އަހަރުގެ މާޗް މަހު 28 ވަނަ ދުވަހު އެވެ.

ގައުމީ ޓީމަށް 14 އަހަރު ކުޅުއްވާފައިވާ އަލީ އުމަރު 2013 ވަނަ އަހަރަށް ފަހު ފުޓްބޯޅަ ކެރިއަރު ނިންމަވާލެއްވީއްސުރެ މިހާތަނަށް ވެސް ފެންނަނީ ކުޅިވަރުގެ އިދާރާ ހިންގުމުގެ ތެރެއިންނެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ ހަވާލުވެވަޑައިގަތީ ފީފާ އިން އެފްއޭއެމް ހިންގަން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުކުރި ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރެއްގެ ގޮތުންނެވެ.

މިދިޔަ ޑިސެމްބަރު މަހު ގޯލްކީޕަރު އިމްރާންގެ ރިޓަޔަމެންޓް މެޗުގެ ތެރެއިން އަލީ އުމަރު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނޯމަލައިޒޭޝަން ކޮމިޓީން ރާއްޖޭގެ ފުޓްބޯޅަ ލީގު ރީބްރޭންޑްކޮށް ކްލަބްތަކަށްދޭ މާލީ އެހީތެރިކަން އެތައް ގުނައަކަށް އިތުރުކޮށް އަތޮޅު ފުޓްބޯޅަ މުބާރާތް ފަށައި ގިނަ ރަށްތަކެއްގެ ދަނޑުތައް ތަރައްގީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިންއިރު އަލީ އުމަރު އެ މަސައްކަތުގައި އިސް ދައުރެއް އަދާކުރެއްވި އެވެ.

އޭގެ ފަހުން އެފްއޭއެމްގެ ރައީސްގެ މަގާމް އަހުމަދު ތޯރިގް (ޓޮމް) ފުރުއްވިއިރު ނައިބް ރައީސްގެ މަގާމް އަލީ އުމަރު އަދާކުރެއްވި އެވެ. ހިޔާލުތަފާތުވުންތަކެއް އުފެދި އެ މަގާމުން ފަހުން އިސްތިއުފާ ދެއްވިއިރު ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި އަލުން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަށް މިދިޔަ އަހަރު އޭނާ ވަނީ އައްޔަންކޮށްފަ އެވެ.

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ އެގްޒެކެޓިވް ކޮމިޓީގައި އެފްއޭއެމްގެ ފަރާތުން މީގެ ކުރިން ބައިވެރިވި އަލީ އުމަރަކީ އެ ޖަމިއްޔާ އިން ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2008 ވަނަ އަހަރު ރާއްޖޭން ކާމިޔާބުކުރިއިރު އަދި 2003 ވަނަ އަހަރު ދެ ވަނަ ހޯދިއިރު މުހިއްމު ދައުރެއް އަދާކުރެއްވި ކުޅުންތެރިޔެކެވެ. ގައުމީ ފުޓްބޯޅަ ޓީމަށް 1999 ވަނަ އަހަރު ކުޅެން ފެށި އައްޔަ ގިނަ ބަޔެއްގެ ހިތުން ޖާގަ ހޯއްދެވީ މާލޭގައި 2000 ވަނަ އަހަރު ބޭއްވި ގޯލްޑަން ޖުބިލީ މުބާރާތުގަ އެވެ.