މައްސަލަތައް ފީފާ އަށް ހުށަހަޅައި މިނިސްޓްރީ އެއްކައިރިއަށް

ދިވެހި ފުޓްބޯޅަ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުވާނީ އެފްއޭއެމް އަށް ނޯމަލައިޒޭޝަން ކޮމިޓީއެއް އައިސްގެން ކަމަށް ގަބޫލުކުރާ ކަމަށާއި އެހެންވެ އެފްއޭއެމްއާ މެދު ހުރި ކަންބޮޑުވުންތައް ފީފާއާ ހިއްސާކޮށް މިވަގުތަށް އެކަމުން ސްޕޯޓްސް މިނިސްޓްރީ އެއްކައިރިއަށް ޖެހިއްޖައިން ކަމަށް އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.


އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އާ އިންތިހާބެއް ބާއްވަން ނޯމަލައިޒޭޝަން ކޮމިޓީއެއް ނެގުމަށް މެޖޯރިޓީ ކްލަބްތަކުން ހުށަހެޅި ހުށަހެޅުމުން، ހަތަރު ކްލަބެއް ނަން އަނބުރާ ގެންދިއުމުން އެކަން ވަނީ ނާކާމިޔާބުވެފަ އެވެ. ކްލަބްތަކާ އިއްޔެ ފީފާ އާއި އޭއެފްސީގެ މަންދޫބުން ބައްދަލުކުރުމަށް ފަހު ބުނީ އެ ހުށަހެޅުމުގައި މެޖޯރިޓީ ކްލަބްތަކުގެ ސޮއިހަމަނުވާ ކަމަށާއި އެހެންވެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވޭނެ ތަނެއް ނެތް ކަމަށެވެ.

އެ ވަފުދާ މިއަދު ބައްދަލުކުރެއްވުމަށް ފަހު އަލީ ވަހީދު ވިދާޅުވީ އެފްއޭއެމްގެ އެއްވެސް ކަމަކަށް ސަރުކާރުން ނުވަންނާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށާއި މިހާތަނަށް ވެސް ސަރުކާރުގެ ނުފޫޒެއް ވަދެފައިނުވާ ކަމަށް އެ މަންދޫބުން ވެސް ދެކޭ ކަމަށެވެ.

އެކަމަކު އެފްއޭއެމްގައި ސިޔާސީ ހަރަކާތް ހިންގުމާއި ކޮރަޕްޝަން އޮތުން ސަރުކާރުން އެއްވެސް ހާލެއްގައި ގަބޫލުނުކުރާނެކަން އެ ވަފުދަށް އަންގައި އަދި އެކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވާ ކަމަށެވެ. އެއީ ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމްގެ ކެމްޕެއިން އޮފީހެއް އެފްއޭއެމްގެ އިމާރާތުގައި ހިންގުމާއި އެމްއެމްޕީއާރްސީގެ ތަހުގީގުގައި އެ އިމާރާތުން ދަބަސްތަކެއް ނެރުމެވެ. އަލީ ވަހީދު ވިދާޅުވީ އެފަދަ ކަންކަން ހިނގާފައިވާ ކަން ފީފާ އަށް ވެސް އެނގިފައިނުވާ ކަމަށާއި އެ ކަންބޮޑުވުންތައް ފީފާއާ ލިޔުމުން ވެސް ހިއްސާކުރާނެ ކަމަށެވެ.

އެ ހުރިހާ ސަބަބުތަކާ އެކު އަދި މައްސަލަ އޮތީ ކްލަބްތަކާއި އެފްއޭއެމްއާ ދެމެދު ކަމަށްވާތީ ފުޓްބޯޅަ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުވާނީ ނޯމަލައިޒޭޝަން ކޮމިޓީއެއް އައިސްގެން ކަމަށް ސަރުކާރުން ދެކޭކަން ވެސް ފީފާއާ ވަނީ ހިއްސާކޮށްފަ އެވެ. އަދި ފީފާ އިން މައްސަލަތައް ހައްލުކުރާނެ ކަމަށް ބަލައި، މިނިސްޓްރީން ވަނީ ކުރިން އުފެއްދި ދެ ކޮމިޓީ ވެސް އުވާލައިފަ އެވެ. އެއީ އޭއެފްސީ ކަޕުން ރާއްޖޭގެ ޓީމުތަކަށް ފުރުސަތު ގެއްލުނު މައްސަލަ ބަލަން އުފެއްދި ކޮމިޓީ އާއި މައްސަލަތައް ހައްލުކުރަން އުފެއްދި ކޮމިޓީ އެވެ.

"އަޅުގަނޑުމެން ދެން މިކަމަށް އެއްވެސް ވަރަކަށް އިންޓަރެކްޓް އެއްވެސް ގޮތަކަށް މިވަގުތު ކުރާކަށް ބޭނުމެއް ނުވޭ. ފީފާ އިން މިކަން ހައްލުކޮށްދޭން އެދެން. އަޅުގަނޑުމެން ދެކޭ ގޮތުގައި ނޯމަލައިޒޭޝަން ކޮމިޓީއެއް ނުވަތަ އިންޓަރިމް ކޮމިޓީއެއް އެފްއޭއެމް އަށް އައިސްގެނޭ މިހާރު ހުރި ކަންތައް ހައްލުވާނީ، އެކަން ފީފާ އަށް ދެންނެވިން،" އަލީ ވަހީދު ވިދާޅުވި އެވެ.

އެފްއޭއެމުން ކުރިން ބުނީ އެތަނުގެ އިމާރާތުގެ އެއްވެސް ތަނެއް "މެޑަމް އޮފީސް" ހިންގަން ދީފައިވާ ނުވާނެ ކަމަށާއި އެކަމަކު ބައެއް އަމިއްލަ ކުންފުންޏަކަށް ކުއްޔަށް ދީފައިވާ ކަމަށާއި، އެ ކުންފުނިން އެ ތަން އެހެން ބަޔަކަށް ދިނުމަކީ އެފްއެމްއޭ ގުޅޭ ކަމެއް ނޫން ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ މެޑަމް ފާތުން ވަޑައިނުގަންނަވާތޯ މެޑަލް ފާތުންގެ އަރިހުގައި ތިއްބެވި ބޭފުޅުން ސިޔާސީ މަސައްކަތް ނުކުރައްވާތޯ ކުރެއްވި ސުވާލަށް އެފްއޭއެމަށް ޖަވާބެއް ނުދެވުނު ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ތަހުގީގަށް ފުލުހުން ކޯޓް އަމުރެއް ހިފައިގެން ވަން ކަމަށް އެފްއޭއެމުން ވެސް ގަބޫލުކުރާ ކަމަށެވެ.

"އަޅުގަނޑު މިދެންނެވީ މީހަކަށް ހުކުމެއް ކުރުމެއް ތަހުގީގުކޮށް ނިމުނު ވާހަކައެއް ނޫން. އަޅުގަނޑު ދެންނެވިން އަޅުގަނޑުމެންގެ ގައުމުގައި މީހުން ހިތާމަކޮށް ދެރަވެގެން މިއުޅެނީ ފުޓްބޯޅަ އިދާރާއަށް ފުލުހުން ވަންނަން ޖެހޭ ހިސާބަށް ދިއައިމައޭ. އެއީ އިޝޫއެކޭ އަޅުގަނޑުމެންނަށް. ފީފާ އިން ވަރަށް ސާފުކޮށް ވިދާޅުވީ ފުޓްބޯޅާއިގެ އިމާރަތްތަކުގައި ސެކަންޑް ޕާޓީ، ތާޑް ޕާޓީ ވިޔަސް ސިޔާސީ ހަރަކާތް ހިންގުން ފީފާ އިން ބަލައިގަންނާނެ ކަމެއް ނޫނޭ،" އަލީ ވަހީދު ވިދާޅުވި އެވެ.