ލިވަޕޫލާއި ބާސެލޯނާ ކުއާޓާ ފައިނަލަށް

މިއުނިކް (މާޗް 14) – ބަޔާން މިއުނިކް އަތުން ރަށުން ބޭރުގައި 3-1 އިން މޮޅުވެ ލިވަޕޫލުން އަދި އޮލިމްޕިކް މާސޭ އަތުން އަމިއްލަ ދަނޑުގައި 5-1 އިން މޮޅުވެ ބާސެލޯނާ އިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.


ލަފާކުރެވުނު ގޮތާ ހިލާފަށް ލިވަޕޫލުން މާބޮޑު އުނދަގުލަކާ ނުލާ ބަޔާން ބަލިކުރުމާ އެކު، 2008 ގެ ފަހުން ފުރަތަމަ ފަހަރަށް އިނގިރޭސި ހަތަރު ޓީމެއް މި ވަނީ ގަދަ އަށަކުން ޖާގަ ހޯދައިފި އެވެ. އަނެއް ތިން ޓީމަކީ މެންޗެސްޓާ ޔުނައިޓެޑް، މެންޗެސްޓާ ސިޓީ އަދި ޓޮޓެންހަމް ހޮޓްސްޕާސް އެވެ.

ލިވަޕޫލުގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 0-0 އިން އެއްވަރުވެފައިވާތީ މިއުނިކުގައި ކުޅުނު ދެ ވަނަ ލެގު އޮތީ ވަރަށް ބޮޑަށް ހުޅުވިފަ އެވެ. ލިވަޕޫލުން ވަނީ 26 ވަނަ މިނެޓުގައި ސަޑިއޯ މާނޭގެ ގޯލުން ކުރި ހޯދައިފަ އެވެ. އެކަމަކު އެ ޓީމުގެ ޔޮއެލް މަޓިޕް އަތުން 39 ވަނަ މިނެޓުގައި ބައިކޮޅަށް ވަން ލަނޑާ އެކު ނަތީޖާ ހަމަހަމަވި އެވެ.

އެގޮތުގައި އޮވެ ނިމުނަސް ކުއާޓާގެ ފުރުސަތު ލިބެން އޮތް ލިވަޕޫލަށް އަލުން ލީޑު ނަގައިދިނީ، ފުރަތަމަ ލަނޑު ޖަހަން މަގުފަހިކޮށްދިން ކުޅަދާނަ ޑިފެންޑަރު ވާޖިލް ވެން ޑައިކެވެ. އެއާ އެކު އަނެއް ބުރަށް ދިއުމަށް މަދުވެގެން ދެ ލަނޑު ބަޔާން ބޭނުންވި އެވެ. ބަޔާންގެ އުއްމީދުތަކަށް ހުރަސް އެޅުނީ 84 ވަނަ މިނެޓުގައި މާނޭ ވައްދާލި ލަނޑާ އެކު އެވެ.

ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނީ އޭނާގެ ޓީމުގެ ގޭމްޕްލޭން މަސައްކަތް ކުރަން ފެށުމާ އެކު ބަޔާން ރޫޅާލެވުނު ކަމަށާއި މިއީ ހުރިހާ ގޮތަކުން ވެސް ހައްގު މޮޅެއް ކަމަށެވެ. އަދި މިއާ އެކު ސާބިތުވެގެން ދިޔައީ، ފަސް ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ލިވަޕޫލް އަލުން ޔޫރަޕުގެ ވަރުގަދަ ޓީމުތަކުގެ ސަފަށް އަރާފައިވާކަން ކަމަށް ކްލޮޕް ބުންޏެވެ.

ބާސެލޯނާގެ ލިއޮނަލް މެސީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

ލިޔޯންގެ ދަނޑުގައި އެ ޓީމާއި ބާސެލޯނާ ކުޅުނު ފުރަތަމަ ލެގު 0-0 އިން އެއްވަރުވެފައި އޮތުމުން ރޭގެ ދެ ވަނަ ލެގު ވެސް ވެސް ދެ ޓީމަށް އޮތީ ވަރަށް ބޮޑަށް ފުރުސަތު ހުޅުވިފަ އެވެ. އެކަމަކު ފުރަތަމަ 30 މިނެޓުގެ ތެރޭ ލިއޮނަލް މެސީ އާއި ފިލިއްޕެ ކުޓީނިއޯގެ ގޯލްތަކުން ބާސެލޯނާ ހަމަޖެހިލި އެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު ލިޔޯންގެ ލޫކަސް ޓޫސާ ލަނޑު ޖަހައި ބާސެލޯނާ ކޮންމެވެސް ވަރަކަށް ހާސްކޮށްލި އެވެ. އެކަމަކު މެސީ އާއި ޖެރާޑް ޕީކޭ އަދި އޮސްމާނޭ ޑެމްބެލޭގެ ގޯލްތަކާ އެކު ބާސެލޯނާ އިން ފަސޭހަ މޮޅެއް ހޯދީ އެވެ.

"މި އަހަރުގެ ޗެމްޕިއަންސް ލީގަށް އަހަރެމެން ވަރަށް ސަމާލުކަންދީގެން މި ކުޅެނީ. އެކަމަކު އަހަރެމެންނަށް އެނގޭ އުނދަގޫވާނެކަން. ވާދަވެރި ޓީމުތަކުގެ ފެންވަރު ވަރަށް މަތި،" މިދިޔަ ސީޒަނުގެ ކުއާޓާ ފައިނަލުން ބަލިވި ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުންޏެވެ.

ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު

3

ވިލިމާލެ ދާއިރާ