ދަނޑުގެ މައްސަލައިގައި ސާރީ ޔުއެފާ އަށް ފާޑުކިޔައިފި

ކިއޭވް، ޔޫކްރޭން (މާޗް 14) - ޔޫރޮޕާ ލީގުގައި މިރޭ ރަށުންބޭރުގައި ޔޫކްރޭނުގެ ޑިނަމޯ ކިއޭވްއާ ދެކޮޅަށް މެޗު ކުޅޭ ސްޓޭޑިއަމް އޮތީ އެންމެ ރަނގަޅު ހާލަތުގައި ނޫން ކަމަށް ބުނެ ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އަށް ފާޑުކިޔައިފި އެވެ.


މިިދިޔަ ހަފްތާގައި ޗެލްސީ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ޗެލްސީ ވަނީ 3-0 އިން މޮޅުވެފަ އެވެ. މިރޭ މެޗު އެއްވަރުކޮށްލައިގެން ނޫނީ ތިން ލަނޑުގެ ތަފާތަށް ވުރެން ބޮޑުކޮށް ބަލިނުވެ ފަރުޖައްސާލައިފިނަމަ ޗެލްސީ އަށް ކުއާޓާ ފައިނަލުގެ ފުރުސަތު ލިބޭނެ އެވެ.

މެޗުގެ ތައްޔާރީތަކާ މެދު ސާރީ ހިތްހަމަ ޖެހިފައި ހުރި ނަމަވެސް އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިރޭގެ މެޗު ކުޅެން ހަމަޖެހިފައި އޮތް ކިއޭވް އޮލިމްޕިކް ސްޓޭޑިއަމްގެ ހާލަތެވެ. މިދިޔަ ފަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް ކުޅުނު ސްޓޭޑިއަމްގެ ހާލަތު މި ވަގުތު ގޯސްކޮށް އޮތީ ސްނޯ ފައިބާތީ އެވެ.

ސާރީ ބުނީ މެޗު ކުޅެވޭ ހާލަތުގައި އޮތް ދަނޑެއްތޯ ބެލުމަކީ ޔުއެފާގެ ޒިންމާއެއް ކަމަށެވެ.

"ދަނޑު އޮތީ ވަރަށް ގޯސްކޮށް. ވަރަށް ބިރުވެރިކޮށް އެހެން އޮއްވައި ކުޅެފިނަމަ އަހަރެމެންގެ ކުޅުންތެރިންނަށް ސީރިއަސް އަނިޔާތަކެއް ވެދާނެ. އެކަމަކު މި ހާލަތުގައި ވެސް މެޗު ކުޅެން ޖެހިފައި އޮތީ. މީގެ ދެ އަހަރު ކުރިން އަހަރެން ނަޕޯލީ ގޮވައިގެން އައިސް މި ދަނޑުގައި ކުޅުނުއިރު ވަރަށް ފުރިހަމަ ދަނޑެއް މިއީ. އެކަމަކު އޭރު މޫސުން ވެސް ރަނގަޅު،" މިރޭގެ މެޗުގެ ކުރިން ސާރީ ބުންޏެވެ.

"އަހަރެމެންނަށް އޮވޭ (ޔުއެފާ އިން) ވަގުތެއް ދީފައި ޓީމު ލިސްޓު ހުށަހަޅަން. އެކަމަކު މެޗު ކުޅެން ޖެހޭ ދަނޑުގެ ހާލަތު ޔުއެފާ އަށް މުހިއްމުނުވާ ސަބަބެއް ނޭނގެ. ހުރިހާ ކަމެއް ޓީމުތަކުން ކުރާއިރު ކުޅެން އަންނަ ދަނޑު މިހެން އޮވެގެނެއް ނުވާނެ."

ކިއޭވްގެ އޮލިމްޕިކް ސްޓޭޑިއަމް އަކީ މަޝްހޫރު ގިނަ މެޗުތަކެއް ކުޅެފައިވާ ދަނޑެކެވެ. ޔޫރޯ 2012 ގައި ގިނަ މެޗުތަކެއް ކުޅެފައިވަނީ އެ ދަނޑުގަ އެވެ.

ރެއާލް މެޑްރިޑްގެ ކޯޗުކަމަށް އަލުން ޒިނެދިން ޒިދާން ހަވާލުވެ އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރާއިރު، އެންމެ ބޮޑަށް ގެންދަން މަސައްކަތް ކުރާނެ އެއް ކުޅުންތެރިއަކީ ޗެލްސީގެ އެޑެން ހަޒާޑް ކަަމަށް ގިނަ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ސާރީ ބުނީ ހަޒާޑްގެ މުސްތަގުބަލާ މެދު މި ވަގުތު ވިސްނަން ބޭނުންނުވާ ކަމަށެވެ.

"އަހަންނަށް ނޭނގެ. ނޫސްވެރިން ޖެހޭނީ ހަޒާޑް ކައިިރިން އޮޅުންފިލުވަން. މި ވަގުތު އަހަރެން ހަޒާޑް ގާތުގައި ޒިދާންގެ ވާހަކައެއް އަދި އެ ނޫން ވެސް ޓްރާންސްފާއެއްގެ ވާހަކަ ނުދައްކާނަން،" ސާރީ ބުންޏެވެ.

ޑިނަމޯ ކިއޭވް އާއި ޗެލްސީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 11 ޖަހާއިރު އެވެ.

ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު

3

ވިލިމާލެ ދާއިރާ